ބާޒާރަށް ނިކުގެ ބައިލާއިރު ޗޮކްލެޓް ބައިވަރު ފެންނާނެ އެވެ. ފިހާރަތަކުގެ ހަރުތައް ފުރާލާފައި ހުންނާނެ އެވެ. އެކަމަކު ޗޮކްލެޓެއްގެ މީރު ރަހަ އެނގޭނީ ހަގީގީ ޗޮކްލެޓެއް ކައިލުމުންނެވެ. ޗޮކްލެޓް އަނގައިގެ ތެރެއަށް ވިރިގެންދާއިރު އެ ހުންނަން ބުނަން ނޭނގޭ މީރު ރަހައަކީ އޭގެ ހަގީގީ ކޮލިޓީ އެވެ. ނުވަތަ ފެންވަރެވެ. މިގޮތަށް ބަލާއިރު ބެސްޓް ބައި މޯލްޑިވްސް (ބީބީއެމް) އިން ދާދިފަހުން ރާއްޖެ އަށް ތައާރަފު ކުރި ވެލީޝް ޗޮކްލެޓް އާދައިގެ ރަހައެއް ނޫނޭ ބުނެވިދާނެ އެވެ.
"ބެލްޖިއަމްގެ ވެލިޝްއަކީ ދުނިޔޭގެ ނިސްބަތުން އެންމެ ޓޮޕްގައި ހިމެނޭ އެއް ބްރޭންޑް. ރަހަ އަށް ބަލާނަމަ މިއީ ދުނިޔޭގެ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ބްރޭންޑެއް،" ބީބީއެމްގެ ހެޑް އޮފް މާކެޓިން އަލީ އަފްރާހް ހަސަން ވިދާޅުވި އެވެ.
ބީބީއެމް އިން ވަނީ މި މޮޅު ޗޮކްލެޓް ތައާރަފު ކުރުމުގެ ގޮތުން ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި އިއްޔެ ހާއްސަ ހަރަކާތެއް ހިންގާފަ އެވެ. މި ޗޮކްލެޓް ރާއްޖޭގެ ބާޒާރަށް ނެރުމުގެ ގޮތުން ތްރީ ސްޓާ މެޗަލިން ޝެފެއް ކަމަށްވާ ބްރޫނޯ މަނާޑް ވަނީ ރާއްޖެ ގެނެސްފަ އެވެ. މި ހަފުލާ އަށް ދައުވަތު ދީގެން 50 ޝެފުން އެޗްއައިއެޗް އަށް ދިޔަ އެވެ.
ބީބީއެމްގެ ހެޑް އޮފް މާކެޓިން އަފްރާހު ވިދާޅުވީ ދުނިޔޭގެ ފެންވަރުގައި ވެސް މަޝްހޫރު ޝެފެއް ގެނައުމުގެ ބޭނުމަކީ މި ޗޮކްލެޓް ބޭނުންކޮށްގެން އުފެއްދޭނެ އެއްޗިހި ތަކެއް ދައްކައި ދިނުން ކަމަށެވެ.
"ޗޮކްލެޓުން ހެދިދާނެ އެއްޗިހި މި 50 ޝެފުންނަށް ކިޔައި މި ދިނީ. އެކި ރިސޯޓުތަކުގެ ޝެފުން މި ބައިވެރިވެރިވީ،" އަފްރާހު ވިދާޅުވި އެވެ.
ވެލިޝް ޗޮކްލެޓާ ބެހޭ ގޮތުން މި ޗޮކްލެޓް އުފައްދާ ކާޖިލްގެ ސީނިއާ ސޭލްސް މެނޭޖަރު އެރިކް ގަގޮނޮން ވިދާޅުވީ މި އުފެއްދުމަކީ ފެންވަރު ރަނގަޅު އުފެއްދުމެއްކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"ބީބީއެމްއާއެކު މި ނެރުނު އުފެއްދުން ވެސް ފެންވަރު ރަނގަޅު އުފެއްދުމަކަށް ވެގެންދާނެ،" އެރިކް ވިދާޅުވި އެވެ.
ބީބީއެމްއަކީ އެންމެ ފުޅާ ދާއިރާއެއްގައި އުފެއްދުންތައް ހޯސްލޭސްކޮށް އަދި ރީޓޭލް ކުރާ އެއް ކުންފުންޏެވެ. އަދި ބީބީއެމްއިން ދަނީ ލޯކަލް ބާޒާރުގެ އިތުރުން ޓޫރިޒަމް ދާއިރާއަށްވެސް އުފެއްދުންތައް ފޯރުކޮށްދެމުންނެވެ.