ދިވެހި ސިނަމާ

ކުރީގެ ފިލްމީ ތަރި ހައްޖަ މަރުވެއްޖެ

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން ދިވެހި ފިލްމީ ދާއިރާގައި ވިދާލި ބަތަލާ ހަދީޖާ (ހައްޖަ) މަރުވެއްޖެ އެވެ.

އުމުރުން 40 އަހަރުގައި ހައްޖަ މަރުވީ ލިވާ ޓްރާންސްޕްލާންޓް ހެދުމަށް ފަހު އިންފެކްޝަން އުފެދިގެން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށް، ރޭގެ ވަގުތެއްގަ އެވެ. ހައްޖަ އެޑްމިޓުކޮށްގެން ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަތާ ތިން މަސް ދުވަސްވެއްޖެ ކަމަށް އޭނާގެ ފިރިމީހާއާ ހަވާލާދީ ރާއްޖެއެމްވީގައި ބުނެފައިވެ އެވެ.

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި އެޓޯލް މިނިސްޓްރީން ގެނެސްދިން ޑްރާމާތަކުގައި ހައްޖަ ދެއްކި މޮޅު އެކްޓިންނަށް އެވޯޑުތައްވެސް ލިބިފައިވެ އެވެ. ޑްރާމާގެ އިތުރުން ހައްޖަ ވަނީ ބައެއް ވީޑިއޯ ލަވަތައްވެސް ކުޅެފަ އެވެ.

ހައްޖަގެ ތިން ކުދިން ވެސް ތިބެ އެވެ. އެއީ ދެ ފިރިހެން ކުދިންނާއި އެއް އަންހެން ކުއްޖެކެވެ.