ދުނިޔެ

ޓްރަމްޕާއެކު އިތުރު ބައްދަލުވުމަކަށް އުތުރު ކޮރެއާގެ ލީޑަރު އެދިވަޑައިގެންފި

Sep 11, 2018

ވޮޝިންގްޓަން (ސެޕްޓެމްބަރު 11) - އެމެރިކާގެ ރައީސް ޑްނަލްޑް ޓްރަމްޕާއެކު އިތުރު ބައްދަލުވުމެއް ބޭއްވުމަށް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން އެދިވަޑައިގެންފައިވާކަމަށް އެމެރިކާ ސަރުކާރުން ބުނެފި އެވެ.

ވައިޓް ހައުސްގެ ތަރުޖަމާނު ސޭރާ ސެންޑާސް ވިދާޅުވީ ކިމް ވަނީ ވަރަށް އިހުލާސްތެރި ސިޓީފުޅެއްގައި އުތުރު ކޮރެއާގެ ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމަށް ކުރެވޭ މަސައްކަތްތައް ފުރިހަމައަށް ރަމްޒުކޮށްދެއްވާފައިވާ ކަމަށެވެ.

އަދި އެ ސިޓީއާއި ގުޅިގެން، އެފަދަ ބައްދަލުވުމެއް އިންތިޒާމު ކުރުމުގެ މަސައްކަތްތައް ފަށާފައިވާކަމަށް ސެންޑާސް ވަނީ ވިދާޅުވެފަ އެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވުނު ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީންކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާ އެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަކުރައްވާފަ އެވެ.