ތަފާތު ކުލަތަކާއި އެކު، އުފާވެރި މާޙައުލެއްގައި ބާއްވާ އުރީދޫގެ މަޤްބޫލު ކަލާ ރަން ނޮވެމްބަރު 23 ވަނަ ހުކުރު ދުވަހު ބާއްވަން ނިންމައިިފި އެވެ.
އުރީދޫ ސީއީއޯ ނަޖީބު ހާން ވިދާޅުވީ އުރީދޫ ކަލާ ރަން ފެށިގެންދިޔައީ ދުޅަހެޔޮ ދިރިއުޅުމެއް ހޯދުމަށް، ދުވުމަކީ ވަރަށް ފައިދާހުރި އަދި އެހާމެ އުފާވެރިކަން ގެނުވަދޭ ހަރަކާތެއްކަން އަންގައިދިނުމުން ކަމަށެވެ.
"މިދިޔަ އަހަރުގެ ކުލަގަދަ އަދި އެހާމެ އުފާވެރިކަމުން ފުރިފައިވާ ކަލަރރަން އަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބޭފުޅުން ބައިވެރިވި ދުވުމަށްވުމަކީ، އަޅުގަނޑުމެންނަށް ލިބުނު ހިތްވަރެއް. އަދި އަޅުގަނޑުމެން މަސައްކަތް ކުރާނީ، މިއަހަރުގެ ކަލަރރަން އަކީ ކުރިއަށްވުރެ ވެސް ފޯރިގަދަ، އަދި ތަފާތު ދުވުމަކަށް ހެދުމަށް." ނަޖީބު ވިދާޅުވި އެވެ.
އުރީދޫ ކަލާ ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ ސިއްހަތަށް ފައިދާހުރި އަދި މަޖާ ހަރަކާތެއްކަން އަންގައިދިނުމެވެ. ތަފާތު ފޯރިގަދަ ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކާއި އާންމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވެވޭފަދަ މަޖާ އިވެންޓެކެވެ. އުރީދޫ ކަލަރރަންގައި ކޮންމެ ކިލޯމީޓަރ އެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ކުލަ ސްޓޭޝަންތަކުން، ކުލަގަދަ ގޮތެއްގައި އެކަން ފާހަގަ ކުރެއެވެ. އަދި ކުލަ ސްޓޭޝަންތަކުގައި ރާއްޖޭގެ ހުނަރުވެރި މިޔުޒިކީ ފަންނާނުންގެ މިއުޒިކް އަޑުއިވިގެންދާނެއެވެ. މި ދުވުމަކީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ، ހިނގާފަ، ޖޮގްކޮށްފަ، ދުވެފަ އަދި ނަށަމުން ދުވުން ނިންމި ބައިވެރިންނަށްވެސް މެޑަލްދީ، ދުވުމުގެ ނިމުން ފާހަގަކުރާނެ އެވެ.
އުރީދޫ ކަލާ ރަންގެ ފޯރި އިތުރަށް ގަދަކުރުމަށްޓަކައި ދުވުން ނިމުމުން އެންމެ އެންޓަރޓެއިނިންގ ދުވުންތެރިޔާ އަދި އެންމެ ފެންސީ އަންހެން އަދި ފިރިހެން ދުވުންތެރިޔާ ފަދަ މަޖާ އިނާމުތައް ހޮވިގެންދާނެ އެވެ. އުރީދޫ ކަލާ ރަންގެ ރަޖިސްޓްރޭޝަން ފެށިގެންދާނީ، މި ސެޕްޓެމްބަރު މަހުގެ ފަހުކޮޅެވެ. އަދި މިދިޔަ އަހަރާއި އެއްފަދައިން އުރީދޫ ކަލަރރަންގެ އޮފިޝަލް ޗެރިޓީ ޕާރޓްނަރ އެއް ހޮވައި، މި ދުވުމުގެ ކިޓްތައް ވިއްކައިގެން ލިބޭ ވަކި ޕަސެންޓެއްގެ ފައިސާ އެފަރާތަށް ހަދިޔާ ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އިތުރު އެހީތެރިކަމެއް ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މަގުފަހިކޮށްދެވޭނެ އެވެ.