ވިޔަފާރި

އެކްސްޕޯޓް ދަށްވިޔަސް، އިމްޕޯޓް ޑިއުޓީއިން ބޮޑު އާމްދަނީއެއް

Sep 11, 2018

އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ ބޮޑު ތަން އިތުރުވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފި އެވެ. އެހެން ނަމަވެސް އެކްސްޕޯޓް ކުރި މުދަލުގެ އަދަދު ވަނީ ދަށަށް ގޮސްފަ އެވެ.

މޯލްޑިވްސް ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިމްޕޯޓު ޑިއުޓީއާއި އެހެނިހެން ފީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު މިދިޔަ އޮގަސްޓް މަހު 14 ޕަސެންޓް އިތުރުވެފަ އެވެ. މި އަހަރުގެ އޮގަސްޓް މަހު އިމްޕޯޓު ޑިއުޓީ އާއި އެހެނިހެން ފީގެ ގޮތުގައި ދައުލަތަށް 280 މިލިއަން ރުފިޔާ ލިބިފައިވާއިރު 2017 ވަނަ އަހަރުގެ އޮގަސްޓް މަހު ލިބިފައިވަނީ 245 މިލިއަން ރުފިޔާ އެވެ.

ކަސްޓަމްސް އިން ބުނި ގޮތުގައި ފާއިތުވި އޮގަސްޓް މަހު ރާއްޖެ އަށް އިމްޕޯޓު ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު 33 ޕަސެންޓް ނީ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު ދިވެހިރާއްޖެއަށް 3.16 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާއިރު މި އަހަރުގެ އޮގަސްޓް މަހު މި އަދަދު ވަނީ 4.1 ބިލިއަން ރުފިޔާ އަށް އިތުރުވެފަ އެވެ. އިމްޕޯޓް ކުރި މުދަލުގެ އަގުގެ ގޮތުން 19 ޕަސެންޓް ޗައިނާ އިން އިމްޕޯޓްކޮށްފައިވާއިރު، ޔޫއޭއީ އިން 18 ޕަސެންޓް އަދި ސިންގަޕޫރުން 11 ޕަސެންޓް މުދާ ވަނީ އެތެރެކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު 315 މިލިއަން ރުފިޔާގެ މުދާ ރާއްޖެއިން އެކްސްޕޯޓްކޮށްފައިވާއިރު، މިދިޔަ އޮގަސްޓް މަހު އެކްސްޕޯޓްކުރި މުދަލުގެ މިންވަރަކީ 259 މިލިއަން ރުފިޔާ އެވެ. އެއީ 17 ޕަސެންޓުންގެ ދަށްވުމެކެވެ.

ރާއްޖެއިން މައިގަނޑު ގޮތެއްގައި އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. މިދިޔަ އޮގަސްޓް މަހު އެކްސްޕޯޓްކުރި މުދަލުގެ 20 ޕަސެންޓް ޖަރުމަނަށް އެކްސްޕޯޓްކޮށްފައިވާއިރު، ތައިލެންޑަށް 15 ޕަސެންޓް އަދި އިނގިރޭސި ވިލާތަށް 14 ޕަސެންޓް އެކްސްޕޯޓްކޮށްފައިވެ އެވެ. މީގެއިިތުރުން، ރަޝިޔާއަށް 10 ޕަސެންޓް ވަނީ އެކްސްޕޯޓްކޮށްފަ އެވެ.