ހަބަރު

މައުމޫންގެ ފަރާތުން އަނީސާ ކެމްޕެއިން ކުރައްވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަރާތްޕުޅުން، އެމަނިކުފާނުގެ ވެރިކަމުގައި މިނިސްޓަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ބޭފުޅުން ރަށްރަށަށް ވަޑައިގެން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ކެމްޕެއިން ކުރައްވަން ފައްޓަވައިފި އެވެ.

އެގޮތުން މިއަދު ރައީސް މައުމޫން އުފައްދަވާފައިވާ މައުމޫން ރީފޯމް މޫވްމަންޓް، އެމްއާރްއެމްގެ ފަރާތުން ކުރީގެ މިނިސްޓަރު އަނީސާ އަހުމަދު ވަނީ ރ. އަތޮޅަށް ވަޑައިގެންފަ އެވެ، މި ދަތުތުގައި އަނީސާ ރ. އަތޮޅާއި ބ. އަތޮޅުގެ ހުރިހާ ރަަށަކަށް ވަޑައިގަންނަވާނެ އެވެ.

ކެމްޕެއިން ކުރެއްވުމަށް އަނީސާ ގެންދަވަނީ ރަށްރަށުގެ ގެތަކަށް ދޮރުން ދޮރަށް ހިންގަވަމުންނެވެ.

އަނީސާ ކެމްޕެއިންނަށް ދަތުރު ފައްޓަވާފައިވާއިރު ކުރީގެ މިނިސްޓަރު އަބްދުﷲ ކަމާލުއްދީން ވެސް ވަނީ ރައީސް މައުމޫންގެ ފަރާތްޕުޅުން ކެމްޕެއިން ކުރައްވާފަ އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކުރީގެ މިނިސްޓަރު އަދި ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމްގެ ބޭބޭފުޅު އައްބާސް އިބްރާހިމަށް ވެސް ރަށްރަށް ވަޑައިގަންނަވަން ވަނީ ހަމަޖެހިފަ އެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައީސް މައުމޫން މިހާރު ހުންނެވީ ޖަލު ބަންދުގަ އެވެ. އެމަނިކުފާނުގެ ދިފާއުގައި އޭރު ކެބިނެޓްގައި ހިމެނިވަޑައިގެންނެވި ބޭފުޅުން ވަނީ ނުކުމެވަޑައިގެންފަ އެވެ. އެގޮތުން އުމަރު ޒާހިރު ވެސް ވަނީ އިބޫއަށް ތާއިދު ކުރައްވާފަ އެވެ.