ހަބަރު

ހަރުކަށި ޚިޔާލުގެ މީހުންނާ މެދު ފިޔަވަޅު ނާޅާ ނަމަ ޓޫރިޒަމަށް ގެއްލުން ވާނެ: ނަޝީދު

ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކަށް އެއްބާރުލުން ދީ އެފަރާތްތަކާ ދެކޮޅަށް ފިޔަވަޅު ނާޅާ ނަމަ އެކަމުން ފަތުރުވެރިކަމަށް ގެއްލުން ވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އާ އަހަރު ފާހަގަ ކުރުމަށް ޝޯއެއް ބޭއްވުމަށް މަޝްހޫރު ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ އަންނަ ހަމަޖެހިފައި ވަނިކޮށް ބަޔަކު އޭނާއަށް މަރުގެ އިންޒާރު ދީފައިވާތީ އެކަމަށް އިޝާރާތް ކުރައްވާ ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެފަދަ ހަރުކަށި ފަރާތްތަކަށް އެއްބާރުލުން ދީ އެ ފަރާތްތަކާ މެދު ފިޔަވަޅު ނާޅާ ނަމަ އެކަމުގެ ނުބައި އަސަރު ރާއްޖޭގެ ފަތުރުވެރި ކަމަށް ކުރާނެ ކަމަށެވެ. އަދި ޝޯން ޕޯލްއަށް އެ ދިން އިންޒާރަކީ މަޝްހޫރު ފަންނާނަކަށް ހަރުކަށި ދީނީ ޚިޔާލުގެ ފަރާތްތަކުން ދިން އެންމެ ފަހުން ދީފައިވާ އިންޒާރު ކަން ވެސް ނަޝީދުގެ ޓްވީޓްގައި ފާހަގަ ކުރައްވާފައިވެ އެވެ.

ޝޯން ޕޯލް ރާއްޖެ އައިސްފި ނަމަ މަރާލާނެ ކަމަށް ބުނެ ޔޫޓިއުބްގައި ވީޑިއޯ އާންމުކޮށްފައިވާއިރު އެ ޝޯގެ ކަންކަން އިންތިޒާމް ކުރާ ޗޮޕް އާޓުން ބުނެފައިވަނީ ރޭވިފައިވާ ގޮތަށް އެ ޝޯގެ ކުރިއަށް ދާނެ ކަމަށާއި އެކަމަށް ބަދަލެއް ނާންނާނެ ކަމަށެވެ.

ގަލޮޅު ދަނޑުގައި ބާއްވާ އެ ޝޯގެ ސަލާމަތީ ކަންކަން ބަލަހައްޓަނީ ފުލުހުންނާއި ސިފައިންނެވެ. އެ ޝޯއަކީ ޓުއަރިސްޓް އެރައިވަލް ކައުންޓް ޑައުން އާއި އާ އަހަރު ފާހަގަ ކުރުމަށް ބާއްވާ ޝޯ އެކެވެ.