ހަބަރު

ސިއްރުފެންފުށީގައި ބެހެއްޓި ބުދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފި

ށ. އަތޮޅުގައި ތަރައްގީ ކޮށްފައިވާ ސިއްރުފެންފުށި ރިސޯޓްގެ މޫދު އަޑީގައި ބުދުތަކެއް ބަހައްޓައިގެން ހެދި "މޫދު އަޑީގެ ގެލަރީ" ނެގުމަށް ޓޫރިޒަމް މިނިސްޓްރީން ފުލުހަށް އެމައްސަލަ ހުށަހަޅައި އެބުދުތައް ނެގުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ސިއްރު ފެންފުުއްޓަކީ ޖީބީއެޗް ރިސޯޓްސް މޯލްޑިވްސް އިން ތަރައްގީ ކުރި ރިސޯޓެކެވެ. ބުދުތަކުގެ މައްސަލާގައި ސަރުކާރު އެތަކެތި ނަގަން އެންގުމުން އެ ރިސޯޓުން ވަނީ ނެގުމުގެ މަސައްކަތް ފަށާފައެވެ. އަދި ބުދުތަކެއް ހިމެނޭ ސްޓްރަކްޗާ ބަރު ކަމުން އެ އޮނިގަނޑު ނެގުން ލަސްވާތީ އެ ތަކެއްޗާއި ސްޓްރަކްޗާ ނެގެންދެން ބުދުތަކެއްގެ ގޮތުގައި ނުފެންނާނެހެން ސަތަރި އަޅައި ވަނީ ފޮރުވާފަ އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، އެމައްސަލަަ ފުލުހުންނަށް ހުޅަހަޅާފައިވާ ކަމަށެވެ. އަދި ސިއްރުފެންފުށި ރިސޯޓްގައި ބުދު ބަހައްޓައިގެން ހެދި މޫދު އަޑީގެ ގެލަރީއަކީ އިންސާނުންނާއި ކަނޑުގެ ދިރުން ދައްކުވައިދިނުމުގެ ގޮތުން އިސްލާމްދީނުގެ އެއްވެސް އަސާސަކަށް ބުރޫ ނާރާނެ ގޮތަށް އެފަރާތަކަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަ ދީގެން ކޮށްފައިވާ ކަމެއް ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

"އެހެން ނަމަވެސް ޓޫރިޒަމް މިނިސްޓްރީއާ އެ ރިސޯޓްގެ ފަރާތްތަކާއި ދެކެވުނު ވާހަކަތަކުން އެކަން ހައްލު ނުވުމުގެ ސަބަބުން މިނިސްޓަރު އޮފް ޓޫރިޒަމުން ފުލުހުންނަށް އެތަނުގައި ތައްޔާރުކޮށްފައިވާ، ނުވަތަ ކޮރަލްއެކުއޭރިއަމްގައި ބަހައްޓާފައިވާ ސްކަލްޕްޗާތައް ނެގުމަށް ފުލުހުންނަށް ހުށަހަޅާފައިވޭ،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވީ، އެތަނުގައި އިންސާނުންގެ ސިފަ ދޭހަވާ ގޮތަށް ބެހެއްޓިފައިވާ ބުދުތައް ނެގުމަށްޓަކައި ކުރަންޖެހޭ އެންމެހާ ގާނޫނީ މަސައްކަތްތައް ފުލުހުން ކުރަމުންދާ ކަމަށެވެ. އަދި އެބުދުތައް ނަގައި ޓޫރިޒަމް މިނިސްޓްރީއާ އެފަރާތާއި ދެމެދު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އަމަލު ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއްވެސް ކުރަމުންދާ ކަމަށްވެސް ޝިފާން ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކާއި ކަނޑުގެ ލޮނުގަނޑުގެ އުފުލުން ދައްކުވައިދޭ ގޮތަށް އެ ރިސޯޓުން ހެދި ކަނޑުއަޑީގެ ގެލަރީގައި އިންސާނުންގެ ސޫރަ ފެންނަ ގޮތަށް ހަދާފައިވާ ބުދުތަކެއް ބެހެއްޓި މައްސަލަ ފެންމަތިވީ މިދިއަ ޖުލައި މަހު ކުރީކޮޅުގަ އެވެ. އެކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްުޔާ އަބްދުﷲ ޔާމީންގެ އަބްދުލްގައްޔޫމްގެ އެންގެވުމަށް ޖުލައި 28 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީން ވަނީ އެ ބުދުތައް ނަގަން ސިއްރު ފެންފުއްޓަަށް އަންގައި ސިޓީއެއް ފޮނުވައިފަ އެވެ.

ސިއްރު ފެންފުށިން އަދި އެ ބުދުތައް ނަގާފައި ނުވި ނަމަވެސް އަދި ނެގުމުގައި ވަގުތު ނަގާތީ ސަތަރި އެޅުމުވެ ކުރިން ވެސް ލިބިފައިވާ ޑޮކިއުމަންޓުތަކާއި ފޮޓޯތަކުން އެނގޭ ގޮތުން އެ ގެލަރީ ހެދި ކުންފުނިން ވަނީ އިންސާނުންގެ ސޫރަ ގެއްލޭ ގޮތަށް ބުދުތަކަށް ބަދަލުތަކެއް ގެންނަން ފަށާފަ އެވެ. އެވެ. އެގޮތުން ކުރިން އިންސާނެއްގެ ސޫރަ ފެންނަން ހުރި ހުރުމަށް މިހާރު ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.