ބޮލީވުޑް

ޝާހިދު އަނެއްކާވެސް ޝްރީގެ ފިލްމަކަށް

ޝާހިދު ކަޕޫރްއަށް އަނެއްކާވެސް ޑައިރެކްޓަރު ޝްރީ ޔާރާޔަން ސިންހުގެ ފިލްމަކުން ފުރުސަތު ލިބިއްޖެ އެވެ. އެކްތާ ކަޕޫރްގެ ބަލާޖީ މޯޝަން ޕިކްޗާސްގެ ކުޑައިގެ ދަށުން ގެނެސްދޭ މި ފިލްމަކީ ބަޔޮޕިކް ފިލްމެކެވެ.

މި ބަޔޮޕިކްއަކީ އިންޑިއާގެ "ވައިޓް ރިވޮލިއުޝަން" ގެ ބައްޕަކަމަށް ބުނާ، ޑރ. ވަޖީޝް ކޫރިއެންގެ ހަޔާތައް ތައްޔާރުކުރާ ފިލްމެކެވެ. "ވައިޓް ރިވޮލިއުޝަން" އަކީ 1970 ވަނަ އަހަރު އިންޑިއާ ސަރުކާރުން، ދުނިޔޭގައި އެންމެ ގިނައިން ކިރުގެ ވިޔަފާރީ ކުރާ ގައުމަކީ އިންޑިއާ ހެދުމަށް ފެށި "އޮޕްރޭޝަން ފްލަޑް" ޕްރޮޖެކްޓަށް ދިން ނަމެކެވެ.

މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި ޝްރީ ބުނީ މިހާރު ކުރަމުން އަންނަނީ މި ފިލްމުގެ ސްކްރިޕްޓުގެ މަސައްކަތްތައް ކަމަށެވެ. އަދި ފިލްމާއި ބެހޭގޮތުން ޝާހިދުއާއި މަޝްވަރާކޮށްފައިވާ ކަމަށާއި ފިލްމުގައި މަސައްކަތްކުރަން ޝާހިދު ހުރީ ތައްޔާރަށް ކަމަށްވެސް ޝްރީ ބުންޏެވެ.

ޝްރީ ޑައިރެކްޓުކުރާ ޝާހިދުގެ ފިލްމެއް މި މަހު 21 ގައިވެސް ރިލީޒްކުރާނެ އެވެ. އެއީ ޝާހިދުއާއެކު ޝްރައްދާ ކަޕޫރް ލީޑުން ފެނިގެންދާ ފިލްމު "ބައްޓީ ގުލް މީޓަރު ޗާލޫ" އެވެ.