ހަބަރު

ސިޔާމްގެ އުފަން ރަށުގައި އިބޫގެ ހާއްސަ ދައުވަތެއް

ސަރުކާރު ކޯލިޝަންގެ ތެރޭގައި މީގެކުރިން އޮތް، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ އުފަން ރަށް ކަމަށްވާ ނ. ކުޑަފަރީގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އޭނާއަށް ހާއްސަ ދައުވަތެއް ދެއްވައިފި އެވެ.

"މިތާ ހުރެ އަޅުގަނޑު ސިޔާމަށް ދަންނަވަން، ވަޑައިގަންނަވާށޭ، މިއަދު މެދުގައި ނުހުރެ މި ގައުމީ މަސައްކަތުގައި ބައިވެރިވެވަޑައިގެން މި ކާމިޔާބީގައި އަޅުގަނޑުމެންނާއެކު ހިއްސާވެވަޑައިގަންނަވާށޭ، މިއީ ގައުމީ މަސައްކަތެއް،" އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަތުމަށް އިބޫ، ސިޔާމަށް ދައުވަތު ދެއްވި އެވެ.

އިބޫ ވިދާޅުވީ، ސިޔާމް ވަނީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންއާއެކު ވަޑައިނުގަންނަވަން ނިންމަވާފަ ކަމަށެވެ. އެހެންވެ މި ވަގުތަކީ އެ ޕާޓީގެ މެންބަރުން ވެސް ވިސްނުންތެރިކަމާއެކު މަސައްކަތް ކުރަންޖެހޭ ވަގުތެއް ކަމަށެވެ.

"ސިޔާމް އެ އޮތީ ސިޔާމް ޑެސިޝަން ނަގާފަ، ޔާމީންއާއެކު ކުރިއަށް ވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފަ ވަނީ، ދެން އޮތީ މިތާ ތިއްބެވި އެމްޑީއޭއަށް ނިސްބަތްވާ ބޭފުޅުން ގޮތް ނިންމެވުން، ވަރަށް ސާފު މި ރަށުގެ އަގުލަބިއްޔަތު އޮތް ގޮތް އެނގޭ، ރާއްޖޭގެ އޮތް ގޮތް ވެސް އެނގޭ، ބާކީ ނުވެ އަޅުގަނޑުމެންނާ ގުޅި މި ކާމިޔާބީގައި ބައިވެރިވެ ހިއްސާ ނަންގަވާ،" އިބޫ ވިދާޅުވި އެވެ.

ސިޔާމް ވަނީ ޕާޓީގެ ލީޑަރުގެ މަސްއޫލިއްޔަތުތަކުން ވަގުތީ ގޮތުން ދުރަށް ޖެހިވަޑައިގެންފަ އެވެ. އަދި އިންތިހާބުގައި އެއްވެސް ޕާޓީއަކާއެކު ރަސްމީ ކޯލިޝަނަކަށް ނުދާން އެ ޕާޓީން ނިންމާފައިވާ ކަމަށް މައުލޫމާތު ލިބިފަ އެވެ. އެމްޑީއޭ ސަރުކާރާއެކު ކޯލިޝަން ނުހެދި ނަމަވެސް ޕާޓީގެ ބައެއް އިސް ބޭފުޅުން ސަރުކާރުގައި އެބަ ތިއްބެވި އެވެ.