ރިޕޯޓް

ބްރިޖާއެކު ހުޅުމާލޭގެ ވިޔަފާރިއަށް ރަން ޒަމާން!

Sep 12, 2018
14

ހުޅުމާލެއަކީ ކުރިން މީހުން ނިދަން އަރާ ތަނެކެވެ. އޭރު، މި ރަށަށް ކިރިޔާ ވެސް "ދިރުމެއް" ލިބެނީ ރޭގަނޑުވުމުންނެވެ. ރޭގަނޑު ވުމުން މި ތަނުގައި ދިރިއުޅޭ ބައިލައްކައެއްހާ މީހުންގެ ބޮޑު ބައެއް ރަށަށް އެރުމާއެކު ރަށުތެރެ އަށް ދިރުން ލިބިގެންދެ އެވެ. ނަމަވެސް، މީގެ ތިން ދުވަސް ކުރިން ހުޅުލެއާއި މާލެއާ ދެމެދު އެޅި ބްރިޖާއެކު މި ރަށަށް މިވަނީ އާދަޔާ ހިލާފު ދިރުމެއް ލިބިފަ އެވެ. ހާއްސަކޮށް މީގެ ފައިދާ އެންމެ ބޮޑަށް ކުރި ބަޔަކީ ހުޅުމާލޭގެ ވިޔަފާރިތަކެވެ. ގެސްޓްހައުސްތަކާއި ކެފޭ/ ރެސްޓޯރެންޓް ތަކެވެ.

ކުރިން ދުވާލަކު 20 މީހުން ވަރަށް ހިދުމަތް ދެވެނީ. އެކަމަކު މިއަދު އެކަނި 100 އެއްހާ މީހުން މިތަނުން ހިދުމަތް ހޯދައިފި،" ހުޅުމާލޭގައި އިންޑިއަން ފުޑް ވިއްކުމަށް ހާއްސަކޮށް ހިންގާ ބޮންބޭ ދަރުބާރުގެ ވޭޓަރަކު ރޭ ބުންޏެވެ.

ހުޅުމާލޭގައި ނިސްބަތުން ބޮޑެތި ރެސްޓޯރެންޓުތައް މަދުނަމަވެސް، މިރަށުގައި ހުރި ގިނަ ގެސްޓްހައުސްތަކުގައި ރެސްޓޯރެންޓްތައް ހުރެ އެވެ. މާލެ- ހުޅުމާލެ ބްރިޖާއެކު މި ތަންތަނަށްވެސް މިހާރު ވަނީ ދިރުން ލިބެން ފަށާފަ އެވެ. މިގޮތުން ކުރިން ދުވާލަކު 2000ރ. ގެ ސޭލް ހެދޭ، ތަންތަނުގެ ވިޔަފާރިވަނީ 5،000ރ. ވަރަށް އިތުރުވެފަ އެވެ.

ރެސްޓޯރެންޓްތަކުގެ އިތުރުން ދެން އެންމެ ބޮޑަށް އިތުރުވެގެން ދިޔަ އެއް ވިޔަފާރިއަކީ ޑެއިލީ ގުޑްސް ވިއްކާ ފިހާރަތަކުގެ ވިޔަފާރި އެކެވެ. މާލެއިން ޓެކްސީގަ އާއި އަމިއްލަ އުޅަނދު ފަހަރުގައި އަންނަ ގިނަ ބަޔަކު ދަނީ ކަންމަތީ ފިހާރަކުން ގިނަ އަދަދެއްގެ ވިޔަފާރި ކުރަމުންނެވެ.

ކަންމަތީ ފިހާރައެއް ހިންގާ މީހަކު ރޭ ބުނި ގޮތުގައި ކުރިން ދުވާލެއްގެ މައްޗަށް 12،000ރ. ގެ ވިޔަފާރިވި ނަމަވެސް މިހާރު މި އަދަދު 16،000ރ. ވަރަށް އިތުރު ވެގެން ގޮސްފައިވާ ކަމަށެވެ.

"ހަމަ ރާސްލާފަ އެ އަރައިގެން ދިޔައީ. މިހާރު މުދާ ނުގެނެވިފައި އޮންނަނީ. މި ބްރިޖުން ވަރަށް ފައިދާ އެބަކުރޭ ހަމަ ގައިމުވެސް ފައިދާ ތަކެއް އެބަވޭ،" ވިޔަފާރިވެރިއެއް ބުންޏެވެ.

ކަންމަތީ ވިޔަފާރިތަކުގެ އިތުރުން ގޭގޭގައި ފިނި ބުއިމާއި ހެދިކާ ފަދަ ތަކެތި ހަދައިގެން ވިއްކާ މީހުންގެ އާމްދަނީ ވެސް މިހާރު މިވަނީ އިތުރުވާން ފަށާފަ އެވެ.

"ކުރިން ދުވާލަކު ހެދިކާ ވިއްކައިގެން މި ލިވެނީ ހާހެއްހާ ރުފިޔާ ކިރިއާ. އެކަމަކު މިއަދު އެކަނިވެސް ލިބިއްޖެ 2،000ރ.. މިހާރު ރަނގަޅުވާތަން އެބަފެނޭ. އުންމީދު ކުރަނީ މިގޮތަށް އޮންނާނެ ކަމަށް،" ގޭގައި ހެދިކާ ހަދައިގެން ވިއްކާ މީހަކު ބުންޏެވެ.

ބްރިޖު ހުޅުވިތާ އަދި ހަފުތާއެއް ނުވެ އެވެ. މާލެ އާއި ހުޅުމާލެ ގުޅުވައިދިން މި ބްރިޖާއެކު މިވަނީ މުޅި ސަރަހައްދުގައި އާ ގިނަ ތަންތައްތަކެއް ފެށިގެން ގޮސްފަ އެވެ. މީގެ ސަބަބުން ލިބިގެން ދާ އެއް ފައިދާއަކީ ވިޔަފާރިތަކަށް އައި ދިރުމެވެ.