ރާއްޖޭގެ އިމާރާތް ކުރުމުގެ ދާއިރާ މިދިޔަ އަހަރުގެ ފަހު ކްއާޓާގައި މަޑުޖެހިފައި ވީނަމަވެސް، އިގްތިސޯދީ އެހެން ދާއިރާ ތަކަށް ކުރިއެރުން ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ނެރުނު މިދިޔަ އަހަރުގެ ތިންވަނަ ކްއާޓަރުގެ ބިޒްނަސް ސާވޭގެ މައްޗަށް ބިނާކޮށް ނެރެފައިވާ ހުލާސާގައިވާ ގޮތުން މި ސާވޭގައި ބައިވެރިވި އިމާރާތް ކުރުމާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރުމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ބުނެފައި ވަނީ މިދިޔަ އަހަރުގެ ދެވަނަ ކްއާޓަރާ އަޅާބަލާއިރު ތިން ވަނަ ކްއާޓަރުގައި އެ ފަރާތްތަކުގެ ވިޔަފާރި މަޑުޖެހިފައިވާ ކަމަށެވެ.
ނަމަވެސް، ޓޫރިޒަމް ސިނާއަތުގެ ގިނަ ފަރާތްތަކުން ހާމަކޮށްފައި ވަނީ މިދުވަސްވަރަކީ ފަތުރުވެރިކަމުގެ އޮފް-ސީޒަން ކަމުގައިވި ނަމަވެސް، މި މުއްދަތުގެ ތެރޭގައި އެފަރާތްތަކުގެ ވިޔަފާރި ރަނގަޅުވެފައިވާ ކަމަށެވެ. ހަމައެހެން ތަކެތި އުފެއްދުމުގެ ސިނާއަތުގައި ވެސް ވިޔަފާރި ރަނގަޅުވެފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.
"... ކުރިއަށް އޮތް ހަތަރުވަނަ ކްއާޓަރަށް ލަފާކުރެވޭ ގޮތަށް ބަލާއިރު، އިމާރާތް ކުރުމުގެ ދާއިރާ ފިޔަވާ އެހެން ހުރިހާ ދާއިރާތަކުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައި ވަނީ ވިޔަފާރި އިތުރަށް ރަނގަޅު ވެގެންދާނެ ކަމަށެވެ. ނަމަވެސް، އިމާރާތް ކުރުމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ދެކެނީ ހަތަރުވަނަ ކްއާޓަރުގައި މި ސިނާއަތް މަޑުޖެހިގެންދާނެ ކަމަށެވެ. އިމާރާތް ކުރުމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ބުނެފައިވާ ގޮތުގައި ވިޔަފާރީގެ ކުރިއެރުމަށް ހުރި މައިގަނޑު ގޮންޖެހުންތަކަކީ ހިދުމަތްތަކުގެ އަގަށް ލިބެންޖެހޭ ފައިސާ ލިބުން ލަސްވުމާއި ފަންނީ މުވައްޒަފުން ލިބުން ދަތިވުމާއި ލޯނު އަދި މުދަލާއި ހިދުމަތަތްތައް ކްރެޑިޓަށް ހޯދުން ދަތިވުމެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.
ތަކެތި އުފެއްދުމުގ ކުރިއެރުން ހުރި ގޮތް
އެމްއެމްއޭ އިން ބުނި ގޮތުގައި ސާވޭ ކޮށްފައިވާ ސިނާއަތްތަކުގައި ވަޒީފާ އަދާ ކުރަމުންދާ މުވައްޒަފުންގެ އަދަދަށް ބަލާއިރު، 2018 ވަނަ އަހަރުގެ ދެވަނަ ކްއާޓަރާ އަޅާބަލާއިރު ތިންވަނަ ކްއާޓަރުގައި ތަކެތި އުފެއްދުމުގެ ސިނާއަތް ފިޔަވާ އެހެން ދާއިރާތަކަށް ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. ނަމަވެސް، އުފެއްދުންތެރިކަމުގެ ސިނާއަތުގެ ގިނަ ފަރާތްތަކުން ވަނީ މިކްއާޓަރުގެ ތެރޭގައި މުވައްޒަފުންގެ އަދަދު ފާހަގަކޮށްލެވޭ މިންވަރަކަށް އިތުރުވެފަ އެވެ.
މިދާއިރާތަކުގެ ކުރިމަގަށް ބަލާއިރު، އިމާރާތްކުރުމުގެ ސިނާއަތް ފިޔަވާ ހުރިހާ ސިނާއަތްތަކުން ހާމަކޮށްފައި ވަނީ ހަތަރުވަނަ ކްއާޓަރުގައި ވެސް އެ ސިނާއަތްތަކުގައި ވަޒީފާ އަދާ ކުރަމުން އަންނަ މުވައްޒަފުންގެ އަދަދު ހުންނާނީ ތިންވަނަ ކުއާޓަރާ އެއް ހަމައެއްގައި ކަމަށެވެ. މިއާ ހިލާފަށް، އިމާރާތް ކުރުމުގެ ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައިވަނީ ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ އަދަދު މި އަންނަ ކްއާޓަރުގައި މަދުވާނެ ކަމަށް ވެއެވެ.
ވިޔަފާރީގެ ހަރަދުތަކަށް ބަލާއިރު، ތަކެތި އުފެއްދުމުގެ ސިނާއަތް އަދި، ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި ކުރުމުގެ ސިނާއަތުގައި ހިމެނޭ ގިނަ ވިޔަފާރިތަކުން ބުނެފައި ވަނީ ތިން ވަނަ ކްއާޓަރުގައި އެފަރާތްތަކުގެ ވިޔަފާރީގެ ހަރަދުތައް ހުރީ ދެވަނަ ކްއާޓަރާ އެއް ހަމައެއްގަ އެވެ. ހަމައެއާއެކު، އިމާރާތް ކުރުމުގެ ސިނާއަތާއި ޓޫރިޒަމް ސިނާއަތުގެ ގިނަ ވިޔަފާރިތަކުން ފާހަގަކޮށްފައިވަނީ އެފަރާތްތަކުން މުވައްޒަފުންނަށް ހިނގާ ހަރަދުތައް ކުރީ ކްއާޓަރެކޭ އެއްހަމައެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، ތަކެތި ގަތުމަށް ވިޔަފާރިތަކުން ކޮށްފައިވާ ޚަރަދުތައް އިތުރުވެފައިވެ އެވެ.
ހަތަރުވަނަ ކްއާޓަރުގައި ވިޔަފާރީގެ ހަރަދުތައް ހުންނާނެ ގޮތަށް ބަލާއިރު، އިމާރާތް ކުރުމާއި އަދި، ތަކެތި އުފެއްދުމުގެ ސިނާއަތްތަކުން ލަފާކޮށްފައި ވަނީ ވިޔަފާރީގެ ހަރަދުތައް ހަތަރުވަނަ ކްއާޓަރުގައި ވެސް ހުންނާނީ ތިންވަނަ ކްއާޓަރާ އެއްހަމައެއްގައި ކަމުގަ އެވެ.
ތަކެތި ގަންނަން ކުރާ ހޭދަ މަތިވި
ސާވޭގައި ބުނެފައިވާ ގޮތުގައި ނަމަވެސް، ފަތުރުވެރިކަމުގެ ސިނާއަތް އަދި، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ގިނަ ވިޔަފާރިތަކުން އަންދާޒާކޮށްފައި ވަނީ ތަކެތި ގަތުމަށް ކުރާ ޚަރަދުތައް މަތިވެގެން ދާނެ ކަމަށެވެ. މީގެ އިތުރުން، އެ ސިނާއަތްތަކުގެ ގިނަ ވިޔަފާރިތަކުން އަންދާޒާކޮށްފައި ވަނީ މުވައްޒަފުންނަށް ހިނގާ ޚަރަދުތައް ހަތަރުވަނަ ކްއާޓަރުގައި ވެސް ހުންނާނީ ތިންވަނަ ކުއާޓަރާ އެއްހަމައެއްގައި ކަމަށެވެ.
އޮފްސީޒަންގައި ޓޫރިޒަމް އަގުތައް ދަށްވި
ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގެ ފަރާތްތަކުން ބުނެފައި ވަނީ މި ސިނާއަތުގެ އަގުތައް ވަނީ ދަށްވެފައި ކަމަށެވެ. މައިގަނޑު ސަބަބަކީ ތިން ވަނަ ކްއާޓަރު ދިމާވެފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގެ އޮފް-ސީޒަންއާ ކަމަށް ވުމެވެ. ހަމައެއާއެކު، ތަކެތި އެފެއްދުމުގެ ސިނާއަތުގެ އެއްބައި ވިޔަފާރިތަކުން ވިއްކާ ތަކެތީގެ އަގުތައް ދަށްވެފައިވާއިރު، އަނެއްބައި ވިޔަފާރިތަކުން ވިއްކާ ތަކެތީގެ އަގުތައް ދެ ވަނަ ކްއާޓަރާ އެއްހަމައެއްގައި ހިފެހެއްޓިފައިވާ ކަމަށް ސާވޭއިން ފާހަގަކޮށްފައިވެ އެވެ.
ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ގިނަ ފަރާތްތަކުން ބަޔާންކޮށްފައި ވަނީ އަގުތައް އެއްވަރެއްގައި ހިފެހެއްޓިފައިވާ ކަމުގައެވެ. ހަތަރުވަނަ ކްއާޓަރުގައި ވިޔަފާރިތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތައް ހުންނާނެ ގޮތަށް ބަލާއިރު، އެކި ސިނާއަތްތަކަށް އަންނާނެ ބަދަލުތައް ތަފާތެވެ. މިގޮތުން، ފަތުރުވެރިކަމުގެ ޕީކް-ސީޒަންއާ ދިމާކޮށް އެ ސިނާއަތުގެ އަގުތައް މަތިވާނެ ކަމަށް ހާމަކޮށްފައިވެއެވެ.
ތަކެތި އުފައްދާ ސިނާއަތުގެ ބައެއް ވިޔަފާރިތަކުން ވިއްކާ ތަކެތީގެ އަގުތައް ހަތަރު ވަނަ ކްއާޓަރުގައި ދަށްވާނެ ކަމަށް ހާމަކޮށްފައިވާއިރު، މި ސިނާއަތުގެ އަނެއްބައި ވިޔަފާރިތަކުން ލަފާ ކުރަނީ ތިންވަނަ ކްއާޓަރާ އެއްހަމައެއްގައި އަގުތައް ހިފެހެއްޓޭނެ ކަމަށެވެ. ނަމަވެސް، އިމާރާތްކުމުރުގެ ސިނާއަތް އަދި، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ގިނަ ފަރާތްތަކުން ހާމަކުރަނީ އެފަރާތްތަކުން ވިއްކާ ތަކެއްޗާއި ހިދުމަތުގެ އަގުތަށް މިއަންނަ ކްއާޓަރު ބަދަލެއް ނުވާނެ ކަމަށެވެ.
އެމްއެމްއޭ އިން މިދިޔަ އަހަރުގެ އޮކްޓޫބަރު 4 އިން ފެށިގެން 18 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ސާވޭގައި ޓޫރިޒަމް ދާއިރާ އާއި އިމާރާތްކުރުން، ތަކެތި އުފެއްދުމާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތް ހިމެނޭ ގޮތަށް 4 ސިނާއަތަކުން ޖުމްލަ 169 ބޮޑެތި ކުންފުންޏަކަށް މި ސާވޭގައި ބައިވެރިވުމަށް ފޯމު ފޮނުވާފައިވެ އެވެ. މީގެ ތެރެއިން 110 ފަރާތަކުން (65 ޕަސެންޓް) މި ސާވޭގައި ބައިވެރިވެފައިވެ އެވެ.
މި ސާވޭގައި އެއްކުރެވޭ މައުލޫމާތު ދިރާސާކުރުމަށް ބޭނުންކޮށްފައިވާނީ ނެޓް ބެލެންސް އެޕްރޯޗް އެވެ. މިއީ އިތުރުވާ މިންވަރާއި ދަށަށްދާ މިންވަރުގެ ދެމެދުގައިވާ ފަރަގު ބަޔާންކުރުމަށް ބޭނުންކުރާ އުސޫލެކެވެ. އަދި، މިގޮތަށް ދިރާސާ ކުރަނީ މި ސާވޭގައި ލިބޭ މައުލޫމާތުތައް ކުންފުނިތަކަށް ލިބޭ އާމްދަނީގެ މައްޗަށް ބިނާކޮށް ވެއިޓްކުރެވިގެނެވެ.