އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެންމެ ފުރަތަމަ ކުރައްވާނެކަން ރަމްޒީކޮށް މިރޭ ދައްކަވައިފި އެވެ. އޭނާ ވަނީ ރަމްޒީކޮށް، އިދިކޮޅު ހަތަރު ލީޑަރުން މިނިވަން ކުރައްވާފަ އެވެ.
އިބޫ ވިދާޅުވެފައިވާ ގޮތުގައި އޭނާ ވެރިކަމަށް ވަޑައިގެން ކުރީގެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދާއި ޖުމްހޫރި ޕާޓީގެ ބާނީ ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއަށް ކޮށްފައިވަނީ ނުހައްގު ހުކުމްތަކެވެ. އެހެންވެ ވެރިކަމުގެ ފުރަތަމަ ދުވަހު އެ ބޭފުޅުން މިނިވަން ކުރައްވާނެ އެވެ.
މިރޭ އިބޫ ށ. ފޯކައިދޫއަށް ވަޑައިގެންނެވިއިރު ރަށުގައި ހަދާފައިވާ ރަމްޒީ ގޮޅިއެއްގައި ހަތަރު މީހުން ތިއްބެވެ. އެމީހުން ތިބީ ހަތަރު ލީޑަރުންގެ ފޮޓޯ މޫނު އަޅުވައިގެންނެވެ.
އިބޫއަށް މަރުހަބާ ކިޔަން ނުކުމެ ތިބި މީހުންނާ ސަލާމް ކުރަން ފެށުމުން އެމީހުން ވަނީ ގޮޅީގައި ތިބި ހަތަރު މީހުން މިނިވަންކޮށް ދިނުމަށް އެދިފަ އެވެ. އެ އެދުމުގެ މަތިން އިބޫ ވަނީ އެ ގޮޅީގެ ދޮރު ހުޅުވާފަ އެވެ. އެއާއެކު އެ ހަތަރު މީހުން ނުކުތެވެ. އެއާއެކު އެންމެން އުފާ ފާޅުކުރި އެވެ. ރަމްޒީ ގޮތެއްގައި ހަތަރު ލީޑަރުން މިނިވަންވުން ފާހަގަކުރި އެވެ.
ރައީސް ނަޝީދާއި އިމްރާން އަބްދުﷲ ސިޔާސީ ހަރަކާތްތަކުން އެއް ކައިރި ކުރުވާފައިވަނީ ޓެރަރިޒަމްގެ ކުށް ސާބިތުކޮށްގެންނެވެ. ރައީސް މައުމޫން ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި ޖަލު ހުކުމެއްގައި ހުންނެވިއިރު ގާސިމަށް ހުކުމް ކުރީ ރިޝްވަތުގެ މައްސަލައެއްގަ އެވެ. ރައީސް ނަޝީދާއި ގާސިމް ތިއްބެވީ ބޭހަށް ބޭރަށް ފޮނުވުމުން އަނބުރާ ރާއްޖެ ވަޑައިނުގަންނަވަ އެވެ. ނަމަވެސް ރައީސް މައުމޫނާއި އިމްރާން ތިއްބެވީ ޖަލުގަ އެވެ.