ހަބަރު

ޕާޓީތަކަށް ކެބިނެޓް ބަހާލައި، ޖުމްލަ 22 މިނިސްޓަރުން!

މި މަހުގެ 17 ވަނަ ދުވަހު ރައީސް ކަމުގެ ހުވާ ކުރައްވާ އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ވެރިކަމުގައި 22 މިނިސްޓަރުން ތިއްބަވާނެކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

އިންތިހާބީ ރައީސް އިބޫގެ ކެބިނެޓާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ރަސްމީ ފަރާތަކުން ހާމައެއް ނުކުރެ އެވެ. ނަމަވެސް އަވަސްއަށް މައުލޫމާތު ދިން ކޯލިޝަންގެ އިސް ބޭފުޅަކު ވިދާޅުވި ގޮތުގައި އިބޫގެ ކެބިނެޓްގައި ޖުމްލަ 22 މިނިސްޓަރުން ތިއްބަވާނެ އެވެ. އެއީ ދައުލަތުގެ ބަންޑާރަ ނައިބު ނުހިމަނަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި 22 މިނިސްޓަރުން ކެބިނެޓްގައި ތިއްބަވާއިރު ކޯލިޝަންގެ ޕާޓްނަރުން ވަނީ ކެބިނެޓް ބެހިގެންދާ ގޮތްތައް ވެސް ރާވަފަ އެވެ. އެގޮތުން ކެބިނެޓްގެ 40 ޕަސެންޓް ދޭނީ އެމްޑީޕީއަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް ދޭއިރު ޖުމްހޫރީ ޕާޓީއަށް ވެސް ދެނީ 25 ޕަސެންޓެވެ. އަދާލަތު ޕާޓީއަށް ދޭން ނިންމާފައިވަނީ 15 ޕަސެންޓް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި މިނިސްޓްރީތައް ބަހަން ނިންމާފައިވަނީ ކެޓަގަރީތަކެއް ހެދުމަށްފަހު ކޮންމެ ކެޓަގަރީއަކުން ވެސް ހަތަރު ޕާޓީއަށް މިނިސްޓްރީތައް ލިބޭ ގޮތަށެވެ.

ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގައި ތިއްބަވަނީ 15 މިނިސްޓަރުންނެވެ. ނަމަވެސް އިބޫގެ ކެބިނެޓްގައި މިނިސްޓްރީތައް އިތުރުކޮށްފައިވަނީ ރައްޔިތުންނަށް އެންމެ ފުރިހަމަކަން މަތީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެގޮތުން މިހާރު ބައެއް މިނިސްޓްރީތަކުގެ ދަށުގައި ހުރި ޑިޕާޓްމެންޓްތައް ވަކި މިނިސްޓްރީތަކެއްގެ ގޮތުގައި ކަނޑައަޅާނެ އެވެ. ޒުވާނުންގެ ވަކި މިނިސްޓަރެއް ހުންނާނެއިރު ކުޅިވަރު މިނިސްޓަރެއް ވެސް ހުންނާނެ އެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ދަށުގައި މިހާރު އޮތް ހެރިޓޭޖް ވަކި މިނިސްޓްރީއަކަށް ހަދާނެ އެވެ. ސައިންސް އެންޑް ޓެކްނޮލޮޖީ ވެސް ވަކި މިނިސްޓްރީއެއްގެ ގޮތުގައި ކަނޑައަޅާނެ ކަމަށްވެ އެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި ހުރި ސިވިލް އޭވިއޭޝަން ފަދަ ޑިޕާޓްމެންޓްތައް ވެސް ވަކިވަކި މިނިސްޓްރީތަކުގެ ގޮތުގައި ކަނޑައަޅަން ކޯލިޝަނުން ވަނީ ނިންމާފަ އެވެ.

ކެބިނެޓް ބަހާލާނެ ގޮތާއެކު، އިދިކޮޅު ލީޑަރުން އެއްބަސްވެފައިވާ އެގްރިމެންޓް މިހާތަނަށް ހާމަކޮށްފައިނުވާއިރު އެ އެގްރިމެންޓް އާންމުކުރުމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ދަނީ ގޮވާލަމުންނެވެ. އެގޮތަށް ގޮވާލަން ފެށީ އެ އެގްރިމެންޓްގައި ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުންނަށް ޕްރައިމަރީއަކާ ނުލާ ޓިކެޓް ދޭން ނިންމާފައިވާކަން ރައީސް މައުމޫން ހާމަކުރެއްވުމާއެކު އެވެ. އެކަމާ ގުޅިގެން ގިނަ ބަޔަކު ނުރުހުން ފާޅުކޮށް އެއީ ޑިމޮކްރަސީގެ ހަމަތަކާ ހިލާފު ކަމެއް ކަމަށް ބުނެފައިވެ އެވެ.

ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހްމަދު ޝަހީދު ވިދާޅުވީ އިބޫ ހުވާކުރެއްވުމުގެ ކުރިން ލީޑަރުން ހަދާފައިވާ "ޑިލްތައް" ހާމަނުކުރާނަމަ އެއްވެސް ލީޑަރަކަށް އިތުބާރު ނުކުރެވޭނެ ކަމަށެވެ. އިބޫ ވަނީ އޭނާގެ ސަރުކާރުގެ ކަންކަން ކުރިއަށް ގެންދާނީ ދެފުށް ފެންނަ ގޮތަށް ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހާތަނަށް ވެސް އެގްރިމެންޓްގައި ރައްޔިތުންގެ މަސްލަހަތާ ގުޅޭ ކަންކަމާމެދު ވެފައިވާ އެއްބަސްވުންތައް އާންމު ނުކުރާތީ އަމާޒުވާ ފާޑުކިޔުންތައް ގިނަ އެވެ.