ދުނިޔެ

ބްރެޒިލްގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވަން ލޫލާ ނިންމަވައިފި

Sep 12, 2018

ރިއޯ ޑިޖެނޭރޯ (ސެޕްޓެމްބަރު 11) - މިވަގުތު ޖަލުގައި ހުންނެވި ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ދަ ސިލްވާ، އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފި އެވެ.

އުމުރުން މިހާރު 72 އަހަރު ވެފައިވާ ދަސިލްވާ އަކީ 2003 ވަނަ އަހަރުންް ފެށިގެން 2011 ވަަނަ އަހަރާ ހަމައަށް ބްރެޒިލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ނަމަވެސް، ކޮރަޕްޝަންގެ ކުށް ސާބިތުވެ ލޫލާގެ މައްޗަށް އައިސްފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން، އޭނާގެ ކެންޑިޑަސީ ވަނީ ބާތިލުކޮށްފަ އެވެ.

ޖަލުގައި ހުންނަވައިގެން ނެރުއްވި ބަޔާނެއްގައި، ރައްޔިތުންގެ މެދުގައި އަދިވެސް މަގުބޫލުކަން ބޮޑު ލޫލާ ވަނީ އޮކްޓޯބަރު 7 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެކަމާއި، އެ ފުރުސަތު އޭނާގެ ރަނިންގްމޭޓަށް ދޭން ނިންމަވާފައިވާކަމަށް އިއުލާނު ކުރައްވާފަ އެވެ.

ލޫލާގެ ނިންމެވުން އައިސްފައިވަނީ، އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ބެލެވޭ ކެންޑިޑޭޓު ޖައިރު ބަލްސޮނާރޯއަށް ކެމްޕެއިން ހަފްލާއެއްގެ ތެރެއިން ވަޅިން ހަމާލާދީ ޒަހަމްކޮށްލާފައި ވަނިކޮށެވެ.

ބުރާސްފަތި ދުވަހު ދިން ހަމާލާގައި ހަށިގަނޑުގެ 40 ޕަސަންޓު ލޭ މަދުވެފައިވާކަމަށާއި، ބަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. އަދި އިތުރު އޮޕަރޭޝަނެއް ކުރަންޖެހިފައިވާ ކަމަށް ހޮސްޕިޓަލު އޮފިޝަލުން އިއްޔެ ވަނީ ބުނެފަ އެވެ.

ލޫލާގެ މައްޗަށް ސާބިތުވީ ބްރެޒިލްގެ ގައުމީ ތެޔޮ ކުންފުނި ޕެޓްރޯބަސް އިން ކޮންޓްރެކްޓެއް ހޯދުމަށް އިންޖިނިއަރިން މަސައްކަތް ކުރާ ކުންފުންޏެއް ކަަމަށްވާ އޯއޭއެސްއަށް އެހީތެރިވެދީ އޭގެ ބަދަލުގައި ބީޗްފްރޮންޓް އެޕާޓްމަންޓެއް ހޯއްދެވި ކަމުގެ ކުށެވެ.

ޖަލުގައި ހުންނެވި ނަމަވެސް، ރައްޔިތުންގެ މެދުގައި އަދިވެސް ލޫލާ ވަރަށް މަގުބޫލުކަމަށްވެ އެވެ. ޖަލު ހުކުމް އިއްވުމުގެ ކުރިން މިދިޔަ އޮކްޓޯބަރު މަހު ބޭއްވުނު އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ލޫލާ ކާމިޔާބު ކުރައްވާނެ ކަމަށް ވެސް އޭރުގެ ޕޯލްތަކުން ދެއްކި އެވެ.