ދުނިޔެ

އެމެރިކާއަށް މިސްރާބު ޖަހާފައިވާ ތޫފާނު އިތުރަށް ވަރުގަދަވަނީ

Sep 12, 2018
1

ވޮޝިންގްޓަން (ސެޕްޓެމްބަރު 11) - އެމެރިކާގެ އިރުން އޮންނަ ސަރަހައްދުތަކާއި ދިމާއަށް މިސްރާބު ޖަހާފައިވާ ތޫފާނު އިތުރަށް ވަރުގަދަވަމުން އަންނަ ކަމަށް އެމެރިކާގެ އިދާރާތަކުން ބުނެފި އެވެ.

ހަރިކޭން ފްލޮރެންސްގެ ނަން ދެވިފައިވާ ތޫފާނު، ބުރާސްފަތި ދުވަހު ނޯތު ކެރޮލައިނާއަށް އަރާނެ ކަމަށް އެމެރިކާގެ މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

ތޫފާނުގެ ސަބަބުން ވާޖީނިއާ، މޭރީލަންޑް، ވޮޝިންގްޓަން، ނޯތު އަދި ސައުތު ކެރޮލައިނާގައި މިހާރުވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

އެމެރިކާގެ މޫސުމާބެހޭ އިދާރާއިން ބުނީ ތޫފާން ކައިރިވަމުން އަންނައިރު، އިތުރަށް ވަރުގަދަވަމުން އަންނަ ކަމަށާއި، ފާއިތުވި 30 އަހަރުގެ ތެރޭގައި އެ ސަރަހައްދަށް އަރާ އެންމެ ބާރުގަދަ ތޫފާނަށް ވާނެ ކަމަށެވެ. އަދި އެ ތޫފާނުގެ ސަބަބުން ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށާއި، އިމާރާތްތަކަށް ބޮޑެތި ގެއްލުންތައްވާނެ ކަމުގެ އިންޒާރު ވެސް އެ އިދާރާއިން ވަނީ ދީފަ އެވެ.

ތޫފާނު އެރުމުގެ ކުރިން، އެ ސަރަހައްދުގެ ބައެއް ހިސާބުތަކުން މީހުން ގެދޮރުދޫކޮށް ސަރުކާރުން ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ދިއުމަށް ވަނީ އަންގާފަ އެވެ.