ފިނިޕޭޖް

ބޮލީވުޑްގެ ބޮޑު ކުރިމަތިލުން ޖެނުއަރީގައި

ބޮލީވުޑަށް އާ އަހަރު ފެށިގެންދާނީ ބޮޑު ވާދަވެރިކަމަކާއެކު އެވެ. އަންނަ ޖެނުއަރީ މަހުގައި ބޮޑު ހަތަރު ފިލްމެއް ރިލީޒްކުރަން މިހާރު އޮތީ ތާވަލުކޮށްފަ އެވެ. އަދި އެ ހަތަރު ފިލްމުވެސް ނިކުންނަނީ އެއް ދުވަސްވަރެއްގަ އެވެ. އެއީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ލިބޭ ހަފްތާ ބަންދުގަ އެވެ.

އެ ފިލްމުތަކަކީ ކަންގަނާ ރަނާއުތުގެ ހިސްޓޯރިކަލް ފިލްމު "މަނިކަރްނީކާ: ދި ކުއީން އޮފް ޖާންސީ" އާއި ރިތިކް ރޯޝަންގެ ބަޔޮޕިކް ފިލްމު "ސުޕަ 30" އާއި ނަވާޒުއްދީން ސިއްދިގީގެ ބަޔޮޕިކް ފިލްމު "ތެކަރޭ" އަދި އިމްރާން ހަޝްމީގެ ފިލްމު "ޗީޓް އިންޑިއާ" އެވެ. މި ފިލްމުތަކުގެ އުފެއްދުންތެރިން ތިބީ ފަސްޖެހުމެއް ނެތި، ހަމަ އެ ހަފްތާގައި ފިލްމުތައް ރިލީޒްކުރުމަށް ފޫގަޅާލައިގެންނެވެ.

ބޮޑަށް ބެލެވެނީ މީގެ ކުރިން އެހެން އަހަރުތަކުގައި، ޖެނުއަރީ މަހު ރިލީޒްކުރި ފިލްމުތަކަށް ލިބިފައިވާ ކާމިޔާބީގެ ސަބަބުން އެ ދުވަސްވަރު ފިލްމުތައް އަޅުވަން ޕްރޮޑިއުސަރުން ބޭނުންވަނީ އެވެ. މިދިޔަ އަހަރު ޖެނުއަރީގައި ރިލީޒްކުރި ބޮޑު ދެ ފިލްމު، "ރައީސް" އާއި "ކާބިލް" އަށް ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ލިބިފައިވެ އެވެ.

މިއަހަރު ޖެނުއަރީގައިވެސް ރިލީޒްކުރަން ބޮޑު ދެ ފިލްމެއް ތާވަލުކޮށްފައި އޮތެވެ. އެއީ ފިލްމު "ޕެޑްމޭން" އާއި "އައްޔާރީ" އެވެ. ނަމަވެސް އެ ދެ ފިލްމު އެ މަހު ރިލީޒްކުރެވޭ ގޮތް ނުވީ، މިދިޔަ އަހަރު ޑިސެމްބަރުގައި ރިލީޒްކުރަން އޮތް ބަންސާލީގެ ފިލްމު "ޕަދްމާވަތު" އަށް ގިނަ މައްސަލަތަކެއް ކުރިމަތިވެ، މި އަހަރު ޖެނުއަރީގައި ރިލީޒްކުރަން ފަސްކުރަންޖެހުމުންނެވެ.