ސާފް ސުޒުކީ ކަޕް

ގައުމީ ޓީމަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ

ބަންގުލަދޭޝްގައި މިހާރު ކުރިއަށްދާ، ސަރަހައްދީ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ރާއްޖޭގެ ގައުމީ ޓީމު ދަތުރު ކުރުމުން، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ގައުމީ ޓީމަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ސާފް ސުޒުކީ ކަޕުގެ ފައިނަލަށް ރާއްޖެ ދަތުރު ކުރީ، މިއަދު ކުޅުނު ސެމީ ފައިނަލު ފުރަތަމަ މެޗުގައި ނޭޕާލްގެ މައްޗަށް 3-0 ކާމިޔާބު ހޯދައިގެންނެވެ. މުބާރާޓުގެ ފައިނަލަށް ރާއްޖެ މި ދަތުރު ކުރީ ނުވަ އަހަރު ފަހުންނެވެ.

ރައީސްގެ މެސްޖުގައި ވިދާޅުވެފައި ވަނީ، ނޭޕާލު ބަލިކޮށް، ސާފު ސުޒުކީ ކަޕުގެ ފައިނަލަށް ދިއުމުން ގައުމީ ޓީމުގެ އެންމެހާ ކުޅުންތެރިންނަށާއި ޓީމުގެ އެންމެހާ އޮފިޝަލުންނަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ސާފް ސުކީ ކަޕަށް، ގައުމީ ޓީމުގެ 30 ކުޅުންތެރިންގެ ސްކޮޑު އިއުލާން ކުރި ފަހުން، ރައީސް ވަނީ ދަރުބާރުގޭގައި ގައުމީ ޓީމާ ބައްދަލު ކުރައްވައި ޓީމަށް ހިތްވަރު ދެއްވާފަ އެވެ. އެ ބައްދަލުވުމުގައި ރައީސް އެދިވަޑައިގެންނެވީ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބު ކޮށްދިނުމަށެވެ.

މިއަދުގެ މެޗުގައި، ރާއްޖޭގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ، ކެޕްޓަން އަކުރަމް އަބްދުލް ގަނީ އެވެ. އަނެއް ދެ ލަނޑު ކާމިޔާބު ކުރީ އިބްރާހިމް ވަހީދު ހަސަން 'ފެލައިނީ އިއްބެ' އެވެ.

އަންނަ ހޮނިހިރު ދުވަހު ކުޅޭ ފައިނަލުގައި ރާއްޖެއާ ދެކޮޅަށް ނިކުންނާނީ މިހާރު ކުރިއަށްދާ، ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި އިންޑިއާ އާއި ޕާކިސްތާންގެ ތެރެއިން މޮޅުވާ ޓީމެކެވެ.