ދުނިޔެ

ތޫފާނުގެ ދަރަޖަ ދަށްވިއަސް އެކެރިކާއަށް ބޮޑެތި ގެއްލުންތަކާ ކުރިމަތިވެދާނެ

Sep 13, 2018

ވޮޝިންގްޓަން (ސެޕްޓެމްބަރު 11) - އެމެރިކާގެ އިރުން އޮންނަ ސަރަހައްދުތަކާއި ދިމާއަށް މިސްރާބު ޖަހާފައިވާ ތޫފާނު ކުރިން ލަފާކުރެވުނު ގޮތާއި ހިލާފަށް ވަރުދެރަވެ، ތޫފާނުގެ ދަރަޖަ ދަށް ކުރެވިފައިވީ ނަމަވެސް، ބޮޑު ކާރިސާއެއްގެ އިންޒާރު އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ދީފި އެވެ.

ހަރިކޭން ފްލޮރެންސްގެ ނަން ދެވިފައިވާ ތޫފާނު، ބުރާސްފަތި ދުވަހު ނޯތު ކެރޮލައިނާއަށް އަރާނެ ކަމަށް އެމެރިކާގެ މޫސުމާބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ.

ތޫފާނުގެ ސަބަބުން ވާޖީނިއާ، މޭރީލަންޑް، ވޮޝިންގްޓަން، ނޯތު އަދި ސައުތު ކެރޮލައިނާގައި މިހާރުވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

ނަމަވެސް، ތޫފާނުގެ އަސަރު އެމެރިކާގެ ދެކުނަށް ވެސް ކޮށްފާނެކަމަށް ލަފާކުރެވޭތީ، ޖޯޖިއާގައި ވެސް މިހާރު ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ.

ތޫފާނުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ 10 މިލިއަނަށް ވުރެ ގިނަ މީހުންނަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވާއިރު، 1.7 މިލިއަން މީހުން މިހާރު ވެސް ވަނީ ގެދޮރުދޫކޮށް ސަރުކާރުން ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

ތޫފާނުގެ ވައިގެ ބާރު މިން ދަށްވެފައިވީ ނަމަވެސް، ބޯކޮށް ވާރޭވެހި ގިނަ ސަރަހައްދުތަކުގައި ފެންބޮޑުވެދާނެކަމުގެ އިންޒާރު ވެސް ކަމާބެހޭ އިދާރާތަކުން ވަނީ ދީފަ އެވެ.