ދުނިޔެ

ތޫފާނާއި ގުޅިގެން އެމެރިކާގައި ފެންބޮޑުވެދާނެކަމުގެ ބިރު

Sep 15, 2018
1

ވޮޝިންގްޓަން (ސެޕްޓެމްބަރު 13) - އެމެރިކާއަށް އަރާފައިވާ ތޫފާނުގެ ސަބަބުން، އެ ގައުމުގެ އިރުން އޮންނަ ސަރަހައްދުތަކުގައި ފެންބޮޑުވެދާނެކަމުގެ އިންޒާރު އެމެރިކާގެ ކަމާބެހޭ އިދާރާތަކުން ދީފި އެވެ.

ހުކުރު ދުވަހު ހެނދުނު ނޯތު ކެރޮލައިނާއަށް ހަރިކޭން ފްލޮރެންސްގެ ނަން ދެވިފައިވާ އެރި ތޫފާނުގެ ދަރަޖަ ދަށް ކުރެވިފައިވީ ނަމަވެސް، މިހާތަނަށް ފަސް މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، އެތަކެއް ހާސް މީހުން ވަނީ ސަރުކާރުން ގާއިމުކުރެވިފައިވާ ވަގުތީ ހިޔާތަކަށް ޖަމާވެފަ އެވެ.

ތޫފާނުގެ ސަބަބުން ވާޖީނިއާ، މޭރީލަންޑް، ވޮޝިންގްޓަން، ނޯތު އަދި ސައުތު ކެރޮލައިނާގައި މިހާރުވެސް ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފަ އެވެ.

ނަމަވެސް، ތޫފާނުގެ އަސަރު އެމެރިކާގެ ދެކުނަށް ވެސް ކޮށްފާނެކަމަށް ލަފާކުރެވޭތީ، ޖޯޖިއާގައި ވެސް މިހާރު ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ.

ތޫފާނުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ 10 މިލިއަނަށް ވުރެ ގިނަ މީހުންނަށް ސަލާމަތީ ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފައިވާއިރު، 1.7 މިލިއަން މީހުން މިހާރު ވެސް ވަނީ ގެދޮރުދޫކޮށް ސަރުކާރުން ގާއިމުކޮށްފައިވާ ވަގުތީ ހިޔާތަކަށް ބަދަލުކޮށްފަ އެވެ.

މިހާތަނަށް މަރުވި މީހުންގެ ތެރޭގައި، އަންހެނަކާއި ކުޑަ ކުއްޖަކު ވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެ އެވެ. ތޫފާނާއި ގުޅިގެން ކުރަމުންދާ ވިއްސާރާގައި، ކުރިއަށް އޮތް ދުވަސްތަކުގައި 18 ޓްރިލިއަން ގެލަނުގެ ވާރޭ ވެހޭނެކަމަށް މޫސުމާއިބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. ނޯތު ކެރޮލައިނާގައި ދިރިއުޅޭ 800،000 އެއްހާ މީހުންނަށް ކަރަންޓުގެ ހިދުމަށް ކެނޑިފައިވާއިރު، ހިދުމަތް އަލުން ފޯރުކޮށްދިނުމަށް އެތަކެއް ދުވަހެއް ނަގާފާނެކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ.