ޓެކްނޯލޮޖީ

އެޕަލް ފޯނުތައް ސަޅި، ގަނެވޭވަރު ވޭތަ؟

އެޕަލްގެ ފޭނުންނަށް އަންނަ އެންމެ ބޮޑު އީދު، އެޕަލް އިވެންޓް ރޭގައި ވަނީ ބާއްވާފަ އެވެ. ކޮންމެ އަހަރެކޭ އެއްގޮތަށް އެޕަލްއިން ވަނީ އެ ކުންފުނީގެ އާ، މޮޅު އުފެއްދުންތައް ދައްކާލާފަ އެވެ. މިފަހަރު އެޕަލްއިން ވަނީ މުޅިން އާ، ބޮޑު ހަތަރު އުފެއްދުމެއް ދައްކާލާފަ އެވެ. އެއީ އެޕަލްގެ ވޯޗް ސީރީޒްގެ އާ ގަޑިއަކާއި އެޕަލް އައިފޯންގެ އާ ތިން ފޯނެކެވެ.

އެޕަލްގެ "ވޮޗް ސީރީޒް ފޯ" އާއި "އައިފޯން އެކްސް އެސް"، "އައިފޯން އެކްސް އެސް މެކްސް" އަދި "އައިފޯން އެކްސް އާރް" އެވެ.

ގަޑި އާއި ފޯނުގެ އިތުރުން އެޕަލްގެ އިތުރު ޕްރޮޑަކްޓުތައް ވެސް ވަނީ އަޕްގުރޭޑުކޮށްފަ އެވެ. ރޭގެ ހަފްލާ ވެސް ފެށިގެން ދިޔައީ ތަފާތު ގޮތަކަށެވެ. ޓޮމް ކްރޫޒްގެ ފިލްމު "މިޝަން: އިމްޕޮސިބަލް" ސްޓައިލްގެ އިންޓުރޯއަކާއެކު އެވެ. މިއީ ހަމައެކަނި އިވެންޓްގެ ފެށުން ސަޅިކޮށްލުމަށް އެޕަލްއިން ކުރިކަމެއް ނޫނެވެ.

  • އެޕަލްއިން ޓީވީއިން އެމީހުންގެ އޮރިޖިނަލް ޕްރޮގުރާމްތައް އުފައްދަން އިއުލާނުކުރީ މިދިޔަ މަހު: މިހާރު ދެ ފިލްމެއް އުފެއްދުމަށް ޑީލް ވަނީ ހަދާފަ
  • އެޕަލްގެ ދެ ބިލިއަން ވަނަ އައިއޯސް ޑިވައިސް ވިއްކަން ތައްޔާރު
  • ހުރިހާ ޕްރޮޑަކްޓުތަކެއް ތިމާވެއްޓާއި ރައްޓެހި: އެޕަލްގެ ޕްރޮޑަކްޓުތައް ރިސައިކަލް ކުރެވޭނެ
  • ހޯމްޕޮޑް އަޕްގުރޭޑްކޮށްފި
  • އައިފޯން ސެވަންގެ އަގު ހެޔޮވެ، 449 ޑޮލަރަށް ވެއްޓިއްޖެ
  • އައިއޯއެސް ޓުވެލް، މި މަހު 17 ގައި ނިކުންނަނީ
  • މެކްއޯއެސް މޯޖޭވް، މި މަހު 24 ގައި ނިކުންނަނީ

އެޕަލް ވޮޗް ސީރީޒް ފޯ

އެޕަލް ވޮޗް ސީރީޒް ފޯއާއެކު އެޕަލްގެ ގަޑިތަކަށް ހީނުކުރާވަރުގެ ބޮޑު ކުރިއެރުމެއް މި ވަނީ އައިސްފަ އެވެ. މި ގަޑި އެންމެ ހާއްސަ ވަނީ މިއީ ސިއްހަތާ ވަރަށް ރައްޓެހި އުފެއްދުމަކަށް ވާތީ އެވެ.

* ހިތުގެ ޓެސްޓެއް ކަމުގައިވާ، އިލެކްޓްރޯކާޑިއޯގުރާމް ނުވަތަ އީސީޖީ، މި ގަޑި ބޭނުންކޮށް ހަދާލެވޭނެ
* ފޯލް ޑިޓެކްޝަން ނުވަތަ ތަނަކުން މީހަކު ވެއްޓުމުން އޭނާއަށް ލިބޭ ގެއްލުތައް ވެސް ދެނެގަންނާނެ
* އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިންސްޓްރޭޝަނުން ކްލިއަރެންސްދީފައިވާ ގަޑިއެއް
* އިމަޖެންސީ ކޯލް ފީޗާ އާއި އިތުރު ސަޅި ފީޗާތައް
* ޑިސްޕްލޭގައި 44 މިލިމީޓަރު: އެޕަލް ވޮޗް ތްރީގެ ޑިސްޕްލޭއަށްވުރެ، ހަތަރު މިލިމީޓަރު ބޮޑު
* ހެޕްޓިކް ޓަޗް ބަޓަންއެއް: މި ބަޓަންގައި ފިތާލުމުން ފޮނުވާލާ ވައިބްރޭޝަނާއެކު މީހާގެ ސިއްހީ ހާލު، ސެންސާސްތަކެއް އެހީގައި ދެނެގަންނާނެ

މި އާ ގަޑިއާއެކު އެޕަލް ވޮޗްގެ އޮޕަރޭޓިންސް ސިސްޓަމް ސޮފްޓުވެއާގެ އާ އަޕްޑޭޓް، ވޮޗް އޯއެސް ފައިވް ނިކުންނާނެ އެވެ. ކުރީގެ ގަޑިތަކަށް ވެސް މި އަޕްޑޭޓް ސަޕޯޓުކުރާނެ އެވެ. މި ގަޑި ގަންނަން ބޭނުންވާ މީހުނަށް މި މަހު 14 އިން ފެށިގެން ޕްރީ އޯޑާ ކުރެވޭނެ އެވެ. ޝިޕިން ފަށާނީ މި މަހު 21 ގަ އެވެ. މި ގަޑީގެ އަގު އުޅެނީ 400 ޑޮލަރުން މަތީގަ އެވެ.

އައިފޯން އެކްސް އެސް އާއި އައިފޯން އެކްސް އެސް މެކްސް

މިއީ އެޕަލްގެ ފޭނުން އެންމެ އިންތިޒާކުރި ޑިވައިސްތަކެވެ. އެޕަލް އައިފޯން ސީރީޒްގެ އާ ފޯނުތަކެވެ.

* އައިފޯން އެކްސް އެސް މެކްސް، ސެމްސަންގް ނޯޓް ނައިންއަށްވުރެ ބޮޑު
* ދެ ފޯނުގެވެސް އެތެރެ އާއި ބޭރުގައި ގިނަ ބަދަލުތަކެއް
* ގޭމް ކުޅޭ މީހުނަށް ފަސޭހަކޮށްދިނުމަށް "ކޯރް އެމްއެލް" އިންޖީންއެއް
* މިހާތަނަށް އެންމެ ވަރުގަދަ ޕްރޮސެސާ "އޭ ޓުވެލް ބަޔޮނިކް - ސެވަން އެންއެމް ސީޕީޔޫ"
* ވަރަށް ފާސްޓްވާނެ: އައިފޯން އެކްސްއަށްވުރެ 15 ޕަސެންޓް ފާސްޓްވާނެ
* އައިފޯން އެކްސްއަށްވުރެ ޗާޖުވެސް ދޮޅުގަޑިއިރަށްވުރެ ގިނައިރު ހިފަހައްޓާނެ
* ކެމެރާއަށް އިތުރު އާ ދެ ފީޗާ: ފޮޓޯ ފެންނަލެއް ކުރިއަށްވުރެ ސާފުވާނެ އަދި ޕޯޓްރެއިޓް މޯޑްގައި ނަގާ ފޮޓޯތަކުގެ ފަހެއް ބޭނުންވަރަކަށް ފުސްކޮށްލެވޭނެ
* ދެ ސިމް ސަޕޯޓުކުރާނެ: އެއީ އީ ސިމް އަކާއި ފިޒިކަލް ނެނޯ ސިމްއެއް

މި ދެ ފޯނަށް ޕްރީއޯޑާ ނަގަން އަންނަ ހުކުރު ދުވަހު ފަށާނެ އެވެ. ޝިޕިން ފަށާނީ މި މަހު 21 ގަ އެވެ. އައިފޯން އެކްސް އެސްގެ އަގުތައް ފަށަނީ 999 ޑޮލަރުންނެވެ. އަދި އައިފޯން އެކްސް އެސް މެކްސްގެ އަގުތައް ފަށަނީ 1099 ޑޮލަރުންނެވެ.

އައިފޯން އެކްސް އާރް

މިއީ މިފަހަރު ތައާރަފުކުރި އާ ދެ އައިފޯނަށްވުރެ އަގު ހެޔޮކޮށް އައިފޯނު ގަންނަން ބޭނުންވާ މީހުނަށް ހާއްސަކޮށް ތައާރަފުކުރި ފޯނެކެވެ. އައިފޯސް އެކްސްއަށްވުރެ މި ފޯނު ބޮޑުވެފައިވާ އަގުވެސް ހެޔޮ އެވެ. މި ފޯނުގެ އަގުތައް ފަށަނީ 749 ޑޮލަރުންނެވެ. މި ފޯނުގައިވެސް ބޭނުންކުރާނީ އަލަށް ތައާރަފުކުރި އައިފޯނުތަކުގައި ބޭނުންކުރާ ޕްރޮސެސާ، އޭޓުވެލް ބަޔޮނިކް ޗިޕް އެކެވެ.

މި ފޯނުގެ އެންމެ ހާއްސަ ފީޗާއަކީ ފޯނުގެ ކެމެރާ އެވެ. މި ފޯނުގައި ހިމެނެނީ ސިންގަލް ކެމެރާ ލެންސެކެވެ. އެކަމަކު އައިފޯން އެކްސްގައި ނަގާ ފެންވަރަށް މި ފޯނުން ފޮޓޯ ނެގޭނެ އެވެ. ޕޯޓްރެއިޑް މޯޑުގައިވެސް ފޮޓޯ ނެގޭނެ އެވެ. މި ފޯނުގައި ހަރުކޮށްފައިވާ ޑިސްޕްލޭއަކީ އެލްސީޑީ "ލިކުއިޑް ރެޓިނާ" ޑިސްޕްލޭކެވެ. ޑިސްޕްލޭގެ ދިގުމިނުގައި 6.1 އިންޗި ހުންނާނެ އެވެ. މާނައަކީ އައިފޯން އެއިޓް ޕްލަސްއަށްވުރެ ބޮޑެވެ.

މި ފޯނަށް ޕްރީ އޯޑާ ނަގަން ފަށާނީ އަންނަ މަހު 19 ގަ އެވެ. އަދި ޝިފިން ފަށާނީ އަންނަ މަހު 26 ގަ އެވެ.