(11 ސެޕްޓެމްބަރ 2018 އާ ގުޅޭ) -- "މަންމައަށްވެ ހުރެ މީ މަންމައޭ ބުނާނެހާ ހިތްވަރެއްނެތް، މަންމައަށްވާންވީ ދުވަސް ފާއިތުވެ ހިނގައްޖެ، މިއަދު ނިމްރާ މަންމައަކަށް ބޭނުމެއްނުވޭ، އަހަރެން ނައުފަލްއަށް ކިތަންމެ ނަފުރަތެއްކުރިޔަސް ތި ދަރިފުޅުގެ އެއްވެސް ކުށެއްނެތް، ނައުފަލްގެ ދަރިއަކަށްވީތީ ނުބަލަން އެއްލާލިއިރު ތި ދަރިފުޅުގެ ގައިގާ އަހަރެންގެ ލޭ ވެސް ހިނގާކަން އޭރު ހަނދާންނެތުނީ، ނިމްރާ... މަންމައަށް ދުވަހަކުވެސް މަޢާފުކުރާނަންތަ؟ ނައުފަލް... މިހެންމިވީ ނައުފަލްގެ ސަބަބުން، އަހަރެން އެ ދަރިފުޅު ބޭނުންނުވީ ނައުފަލްގެ ސަބަބުން، ޒިވަންއަކީ ނިމްރާގެ ބޭބެއޭ އަހަރެން ބުނާނީ ކިހިނެއް؟ އަހަރެންގެ ކިބައިން ނައުފަލް ނާޖާއިޒް ފައިދާއެއް ނެގީކަން އެ ދަރިފުޅަށް އެނގުމުން ވާނީ ކިހިނެއް؟... އަހަރެން އަބަދުވެސް ލޯބިވީ ޒިވަންގެ ބައްޕަދެކެ، އަހަރެން ނިމްރާ ނުގެންދިޔައީ ހަމަ ނައުފަލްއަށް ޓަކައި، މުސްކުޅި މައިންބަފައިންނަށް ވާނޭ ގޮތާމެދު ވެސް ނައުފަލް ވިސްނާނުލި... މިއަދު އެ ދަރިފުޅުގެ އެކަކު ވެސް ނެތް، މަންމައަކު ހުއްޓެއްކަމަކު އެ މަންމަ އެ ދަރިފުޅު ދޫކޮށްލި ހިސާބުން މަރުވެއްޖެ... ކީއްވެތަ މިހެންމިވީ" ޕެޓިއޯގައި ހުރި އުނދޯލި ގޮނޑީގައި އިން ވިވިއަން މޫނުގައި ދެއަތްއަޅައި ފޮރުވާލިއެވެ.
ވިވިއަން ރާއްޖެއަންނަން ބޭނުންނުވަނީ އޭނާ ދޫކޮށްފައި ދިޔަ ހިތި މާޒީއާ ކުރިމަތިލާން ބޭނުންނުވާތީއެވެ. އެހެންވިޔަސް އޭނާ މިފަހަކަށް އައިސް ރާއްޖެ އަންނަ މަދު ފަހަރެއްގައި ވެސް ނިމްރާގެ މަތިން ހަނދާންވެއެވެ. އެކުއްޖާ ދުށުމަށް ހިތް އެދެއެވެ. ނަމަވެސް ރަންދޯދިގެއަށް އެ ދަރިފުޅު ހޯދަން އަންނަން ބޭނުންނުވީއެވެ. އެހެންހުއްޓާ ޒިވަންގެ ފަރާތުން އެ ގޭގައި ހޮޓެލެއް އެޅިކަން އެނގުނީ އެ ހޮޓެލްގެ މަސައްކަތުގައި ޒިވަން ބައިވެރިވުމުންނެވެ. މިދުވަސް އަތުވެދާނޭތީ ވިވިއަން އަބަދުވެސް ހުންނަނީ ހިތްބިރުގެންފައެވެ. ޒިވަންއާއި ނިމްރާ ދިމާވެދާނޭތީއެވެ. އެ ދެމެދުގައި އޮތް ހަޤީޤީ ގުޅުން ބުނެނުދެވެނީސް އެ ދެމެދުގައި އިތުރު ގުޅުމަކަށް ފުރުޞަތުދެވިދާނޭތީ ވިވިއަން ކަންބޮޑުވެއެވެ. ނިމްރާއާ ބައްދަލުވެވުމުން އެތައް އަހަރެއް ވަންދެން ކުރަމުންއައި އުންމީދެއް ވިވިއަންއަށް ފުރިހަމަވީ ފަދައެވެ. އެ ދަރިފުޅުގެ ދިރިއުޅުމަށް އައިސްފައިވާ ތަރައްގީއާ މެދު ވިވިއަން އުފާވިއެވެ. އެ ދަރިފުޅުގެ ދިރިއުޅުމަށް ރަނގަޅު ޒުވާނަކު އައިސް ކައިވެނި ކުރެވެން އުޅޭކަން އެނގޭތީ އިތުރު ހިތްހަމަޖެހުމެއް ވިވިއަންއަށް ލިބުނެވެ.
"ހުރިހާ އުފަލެއް ދަރިފުޅަށް ލިބުން މަންމަ އެދެނީ، ނިމްރާގެ މަންމަ، ވިޝާކާއަށް ނުވެވުނަސް އަބަދުވެސް ޒިވަންގެ މަންމަ، ވިވިއަންގެ ގޮތުގައި ތި ދަރިފުޅުގެ ގާތުގައި ހުންނާނަން، ޢާއިލާ މީހަކުނެތިގެން ދަރިފުޅު އެކަނިވާކަށްނުޖެހޭނެ، މަންމަ ހިތަށް އަރާ އެ ދުވަހު ދަރިފުޅު ދޫކޮށްނުލެވުނުނަމައޭ، ފަށްފަށުން ތީ ދަރިއެއްނޫނޭ ނުބުނެވުނުނަމައޭ، ވިހޭތާ ހަމަސް ނުވަނީސް ދަރިފުޅު ދޫކޮށްލާފައި ދާންކެރޭނީ ރަހުމެނެތް މަޔަކަށް، ނިމްރާ... ތި ދަރިފުޅާމެދު މި މަންމަ ކަންތައްކުރީ އެހާ އިހާނެތިކޮށް، އެހެންވެ މިއަދު މަންމައޭމީ ބުނުމުގެ ހައްޤުނެތީ....އިތުރު ދަރިއަކު އުފަންކުރާނޭ ހިތްވަރެއް މި މަންމައަކަށް ނުލިބުނު، ކުއްޖަކު ހޯދަން ބޭނުންވާ ކޮންމެ ވަގުތަކު މި މަންމަ އެއްލާލާފައި ދިޔަ ދަރިފުޅުގެ މަތީން ހަނދާންވޭ" ވިވިއަންގެ ހިތުގެ ދޫ ހަރަކާތްކުރަމުންދިޔައިރު އެ ދެ ލޮލުން އެއްވެސް ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުންދިޔައެވެ. ތެމެމުންދިޔަ ދެ ކޯތާފަތް އިރުއިރުކޮޅާ ވިވިއަން ފުހެލައެވެ.
* * * * *
ހެނދުނު ހައެއް ޖަހަން އުޅެނިކޮށް ނިމްރާ ކޮޓަރިން ނުކުތީ ވިވިއަން ހޭލަންވާއިރަށް ހެނދުނުގެ ނާސްތާއަށް އެއްޗެއް ތައްޔާރުކޮށްލާށެވެ. ބަދިގެއަށް ވަންނަން އައި ނިމްރާގެ ލޮލުގައި ޕެޓިއޯއަށް ނުކުމެވެން ހުރި ދޮރު ހުޅުވާފައި ހުރިތަން ލޮލުގައި އަޅައިގަތެވެ. ރޭގައި އެ ދޮރު ނުލައްޕާ ނިދުނީބާއޭ ނިމްރާގެ ހިތަށް އަރަމުންދިޔައެވެ. އޭނާ މަޑުމަޑުން އައިސް ބޭރު ބަލާލިއިރު ޔޯ މެޓުގެ މަތީ ޕޯސްއަކަށް ހުއްޓި ވިވިއަން ހުރިތަން ފެނުނެވެ.
"ގުޑްމޯނިން" ނިމްރާ ފެންނަންވިއިރަށް ވިވިއަން ބުނެލިއެވެ.
"ގުޑްމޯނިންގް، ވިވިއަން ޔޯގާ ވެސް ހަދަންތަ؟" ނިކަން ޝައުގުވެރިކަމާއެކު ނިމްރާ ބުނެލިއެވެ.
"މީ ވަރަށް ދުވަހުގެ މަސައްކަތް" ވިވިއަން ހުރި ގޮތް ބަދަލުކޮށްލަމުން ބުނެލިއެވެ. އޭނާ ރޭގައި ކުރި ހިތާމައިގެ އެއްވެސް އަސަރެއް އޭނާގެ މޫނުމަތިން ފާޅެއްނުވެއެވެ.
"މިކޮޅުގައި ޖިމްއެއް ވެސް ހުންނާނެ، ޒިވަން ނުބުނޭ ދޯ" ނިމްރާ ބުނެލިއެވެ.
"އަހަރެން އައުމުގެ ކުރީން މި ހޮޓެލްގެ މަޢުލޫމާތު އޮޅުންފިލުވިން، އެހެންވެ އެނގިފަ އޮތީ، ނިމްރާ މިހާ ހެނދުނު ހޭލީ އޮފީހަށް ދާން އޮތީމަ ދޯ" ވިވިއަން އަރިއަކަށް އޮވެ އެއްއަތް ކުރިއަށް ދަމާލައިގެން ބޯއަރިކޮށްގެން އޮވެ ވާހަކަދެއްކިއެވެ.
"ވިވިއަން އަންނާތީ ޗުއްޓީގަ މި ހުރީ، ހެނދުނު ހޭލަން އާދަވެފައި މިހާރު ހުންނަނީ، ކޯޗެއް ސައިބޯން ހަދައިދޭންވީ" ނިމްރާ ހިނިތުންވެލިއެވެ.
"މިއަދު އަހަރެން ސައި ހަދާނީ، ނިމްރާ އެއްވެސް ކަމެއް ކުރާނެކަމެއްނެތް" ވިވިއަން ބުނެލިއެވެ.
"އެކަމަކު އޭރުން ކަމަކުނުދާނެ، ވިވިއަންތީ އަޅުގަނޑުގެ ގާތަށް އައިސް ހުރި ގެސްޓްއެއް" ނިމްރާ އަވަސްއަވަހަށް ބުނެލިއެވެ. ވިވިއަން ޔޯގާމެޓު މަތީ ދެފައިވަށްކޮށްލައިގެން އިށީނދެ ނިމްރާއަށް ބަލާލިއެވެ.
"މިރޭ އަހަރެން ފުރަން، އަހަރެން އެނބުރި ދާން ބޭނުންވަނީ ނިމްރާގެ އުފާވެރި ހަނދާންތަކެއް ހިފައިގެން، އެކަނި އުޅެން ނިމްރާ އާދަވެފައި ހުރިހީހެން ހީވަނީ. އެންމެ ދުވަހަކު އަހަރެން ނިމްރާގެ ކަންތައްތައް ބެލެހެއްޓުމުގެ ހުއްދަ ދީ، ޒިވަންއެކޭ އެއްގޮތަށް ތީ ވެސް އަހަރެންގެ ދަރިއެއްކަމުގައި އަހަރެން ޤަބޫލުކުރަނީ، އަންހެން ދަރީން ތިބުމަކީ ހަޤީޤަތުގައި ވެސް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް" ވިވިއަން ހިނިތުންވެލިއެވެ. އޭނާގެ ވާހަކަތަކުން ނިމްރާއަށް ގާތްކަން އިޙްސާސްކުރެވުނެވެ. ވިވިއަން ބޭނުންވާ ފުރުޞަތު އޭނާއަށް ދޭން ނިމްރާ ނިންމިއެވެ.
ހެނދުނުގެ ނާސްތާ ތައްޔާރުކޮށް ނުނިމެނީސް އެ އެޕާޓްމެންޓަށް ޒިވަން އައެވެ. އެހާ ހެނދުނާ އޭނާ އައުމުން ނިމްރާއަށް ހައިރާންކަމެއް ލިބުނެވެ.
"މަންމަ ގުޅާފަ ބުނީ މިއަދު ހެނދުނު ސައިބޯނީ އަހަރެމެން އެކީގައޭ، ނިދިކޮޅު ގެއްލުވާލާފައި އަހަރެން މިއައީ އެހެންވެ" ޒިވަން އޮޅުންފިލުވައިދިނެވެ.
"ވިވިއަންގެ އެޖެންޑާއެއް ނޭނގެ، ހިނގާ ސައިބޯން، މިހާރު ރެޑީވަނީއެ" ނިމްރާ ބުނެލިއެވެ.
ޒިވަންއާއި ނިމްރާ އެކުގައި ފެނުމުން ވިވިއަންއަށް ހިނިތުންވެވުނީ ބޭއިޚްތިޔާރުގައެވެ. ދެ ކުދީންނަށް ކާމޭޒުދޮށުގައި އިށީންނަން ވިވިއަން އިޝާރާތްކުރިއެވެ.
"އިޒް ޝީ އޯލްރައިޓް... ޓިޕިކަލް މަމްއެއްހެން އެ އުޅެނީ ކީއްވެ؟... ދިސް އިޒް ސޯ ވިއާޑް" ވިވިއަން އުޅޭ ގޮތުން ޒިވަން ސިއްރުން ނިމްރާގެ ގާތުގައި ބުނެލިއެވެ.
"އަހަންނަށް ކިހިނެއް އެނގެނީ، ޒިވަންގެ މަންމަގެ ގޮތް ޒިވަންއަށް ދޯ ބޮޑަށް އެނގޭނީ" ނިމްރާ ދެކޮނޑު އަރުވާލިއެވެ. ޒިވަން ދެފަރާތަށް ބޯހޫރާލީއެވެ.
މޭޒުމަތި ތައްޔާރުކޮށްފައި ވިވިއަން ހަލުވިކޮށް އޭނާގެ ކޮޓަރިއާ ދިމާއަށް ދިޔައެވެ. ގިނައިރެއްނުވެ ނުކުމެގެން އައީ ސެލްފީ ސްޓިކެއް ހިފައިގެންނެވެ. ޒިވަންއާއި ނިމްރާ އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ. ވިވިއަންއަށް ބަދަލެއް އައިސްފައި ހުރިކަމެއް ނިމްރާއަށް ފާހަގައެއްނުވެއެވެ. އެހެންނަމަވެސް ޒިވަންއަށް އޭނާގެ މަންމަ އުޅޭގޮތުން ތަފާތުކަމެއް ފާހަގަވިއެވެ. މޭޒުދޮށުގައި ވިވިއަން އިށީނދެ އެންމެން އެކުގައި ކާމޭޒު އަރާނޭހެން ފޮޓޯނެގިއެވެ. އަދި ވީޑިއޯ ޖައްސާލުމާއެކު ރިކޯޑްކުރަން ފެށިއެވެ.
"މައި ޑޯޓާ... ނިމްރާ އެންޑް މައި ސަން ޒިވަން" ވީލޮގްއެއް ވިވިއަން ރިކޯޑްކުރަމުންދިޔަ ކަހަލައެވެ. ޒިވަން ވީޑިއޯއަށް ނާރަން މަސައްކަތްކުރިއެވެ. އެހެންނަމަވެސް ވިވިއަންގެ އަމުރަށް ދެކޮޅެއް ނުހެދުނެވެ. ސޯޝަލްމީޑިއާގައި އެ ވީޑިއޯ ޝެއާކޮށްގެން ނުވާނޭ ޒިވަން އެންގިއެވެ. ނަމަވެސް އޭނާ ދައްކާ ވާހަކައެއްގެ އަޑު ވިވިއަން ނާހާނޭކަން އެނގެއެވެ.
އެންމެން އެކުގައި ސައިބޮއެ ނިމުނުއިރު ވިވިއަން އޭނާގެ ތާވަލު ޒިވަންއާއި ނިމްރާއަށް އޮޅުންފިލުވައިދިނެވެ. ނިމްރާއާ ގުޅުންހުރި ކޮންމެ މީހަކާއެކު ފޮޓޯ ނަގަން ވިވިއަން ބޭނުންވިއެވެ. ހަވީރު އަރްސަލްއާއި ރާދިންއަށް ވެސް ދަޢުވަތުދޭން ނިމްރާއަށް ވިވިއަން އެންގިއެވެ. ނިމްރާގެ ހަނދާންތަކެއް ވިވިއަންއާއެކު ގެންދަން އޭނާ އިސްކަންދޭތީ ޒިވަންއަށް ވިސްނުނީ އޭނާގެ މަންމައަށް ނިމްރާ ވަރަށް ކަމުދިޔައީކަމުގައެވެ. މި ނޫނީ ރާއްޖެ އަންނަ ފަހަރަކު މީހަކާ ދިމާވެގެން އެ މީހެއްގެ ވަނަވަރު އޮޅުންފިލުވައި އޭނާއާއެކު ހުރިހާ ވަގުތެއް ހޭދަކުރަން ވިވިއަން އިސްކަންދީފައެއްނެތެވެ. އޭނާއަކީ އުޅޭ އުޅުމުގައި މީހަކަށް ފަރުވާއެއް ބަހައްޓާމީހެއްނޫނެވެ. އަމިއްލަ ދުނިޔެއްގައި މިނިވަން ޚިޔާލުތަކެއްގައި އުޅޭ މީހެކެވެ. ޒިވަންއަށް އޭނާގެ މަންމަގެ ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ. ނިމްރާއާ ބައްދަލުވި ފަހުން ވިވިއަންއަށް ބަދަލުތަކެއް އަތުވެއްޖެކަން ޒިވަންއަށް ޔަގީންވަނީ އެހެންވެއެވެ.
ނިމްރާގެ އެދުމަށް އަރްސަލްއާއި ޒިވަންގެ އިތުރުން ރާދިންއާއި ޝިހާނާއާ ބައިވެރިވެގެން ވިވިއަން ފުރަން ދިއުމުގެ ކުރީން ސައެއް ބޭއްވިއެވެ. ވިވިއަން އެންމެ އިސްކަމެއްދިނީ ފޮޓޯނެގުމާއި ވީޑިއޯކުރުމަށެވެ. އޭނާގެ ފިރިމީހާ ގާތަށް އެނބުރިދާއިރު އޭނާ ހިފައިގެންދާ އެންމެ އަގުބޮޑު އެއްޗަކީ އެ ހަނދާންތަކެވެ. އެންމެންގެ ތެރޭގައި އިން އަރްސަލްއަށް ވިވިއަން ގޮވާލިއެވެ. އަދި އޭނާގެ އަތުގައި ހިފައިގެން އެންމެނާ އެކަހެރިވެލިއެވެ. އެންމެންގެ ނަޒަރު އެ ދިމާއަށް ހުއްޓުނެވެ.
"އަރްސަލް ލޯބިވޭތަ ނިމްރާދެކެ" ވިވިއަން ކުރި ސުވާލުން އަރްސަލްއަށް ލިބުނީ ހައިރާންކަމެކެވެ.
"އައި ލަވް ހާ، ޝީ އިޒް މައި... ޝީ އިޒް ލައިކް އަ ޑޯޓާ ޓު މީ، ތި ދެކުދީން ކައިވެނިކުރަން އުޅޭކަން އެނގޭ، އަހަރެންގެ ހިތް ބުނަނީ އަރްސަލްއަށް ނިމްރާ ވަރަށް ޚާއްޞައޭ، ނިމްރާ އުފަލުގައި ބަހައްޓައްޗޭ، އޭނާގެ އެކަނިވެރިކަން ހަނދާންނެތޭވަރަށް އޭނާއަށް ލޯބިދެއްޗޭ، ތި ދެކުދީން ވަރަށް ގުޅޭ، އަހަރެންގެ ދުޢާއަކީ ތި ދެކުދީންގެ ކައިވެނި ވީހާ ވެސް އަވަހަކަށް ކުރެވުން، އަދި ތި ދެމެދުގައި ދުވަހަކުވެސް ފަނޑުވުމެއްނެތް ލޯތްބެއް އޮތުން، އަރްސަލް... އަހަރެންގެ ނިމްރާއަށް އެވަރަށް ލޯބިދެވިދާނެތަ؟" އަރްސަލްގެ އަތުގައި ވިވިއަން އަތްޖައްސާލިއެވެ.
"އަޅުގަނޑު މަސައްކަތްކުރާނަން، ނިމްރާދެކެ ވަރަށް ލޯބިވޭ، އޭނާ އުފަލުގައި ގެންގުޅޭނަން، ދެރަވާވަރުކަމެއް ދުވަހަކުވެސް ނުކުރާނަން" ސުވާލު އުފެދިފައި ހުރެ ވެސް އަރްސަލްގެ ހިތުގެ އަޑު އިއްވާލިއެވެ. ނިމްރާއާމެދު ވިވިއަން އެހާ ގާތްކޮށް ދެކެފާނޭ އަރްސަލް ހިޔެއްނުކުރެއެވެ.
"އޭނާ ހިތުގައި ޖައްސައިފިނަމަ އަހަރެން މަޑަކުން ނުހުންނާނަން އިނގޭ" އަރްސަލްގެ ވާހަކަތައް އަހާފައި ހިތްހަމަޖެހިފައި ހުރި ވިވިއަންގެ ރާގު ބަދަލުކޮށްލިއެވެ. އަރްސަލްއަށް އިންޒާރެއް ދިން ކަހަލައެވެ. ވިވިއަންއަށް ދޭނޭ ޖަވާބެއް ނޭނގިފައި އަރްސަލް ހުއްޓުން އަރާފައި ހުރީއެވެ. އެއާއެކު ވިވިއަން ހިނިގަނޑެއް ޖަހާލިއެވެ.
"އަހަންނާއެކު އެއާޕޯޓަށް ނިމްރާ ގޮވައިގެން އަރްސަލް ވެސް އަންނަންވީނު" ހިނިއައިސްފައި ހުރެ ވިވިއަން ބުނެލިއެވެ. އަރްސަލް ބޯޖަހާލަމުން އެއްބަސްވިއެވެ.
ރޭގަނޑު އެއާޕޯޓަށް ދާން ވިވިއަން ގޮވައިގެން ޒިވަން ދިޔައިރު އެ މީހުންނާ އަރްސަލްއާއި ނިމްރާ ވެސް ބައިވެރިވިއެވެ. ވިވިއަން ވަރަށް ގިނަ ވާހަކަ ނިމްރާއާ ދެއްކިއެވެ. ވިވިއަންއާ ގުޅޭނޭ ނަންބަރު ވެސް އޭނާ ނިމްރާއަށް ދިނެވެ. އަދި ނިމްރާގެ ނަންބަރު ހޯދިއެވެ. ކޮންމެކަމެއް ޖެހުނަސް ވިވިއަންއަށް ގުޅުމަށް އޭނާ އެދުނެވެ. އަދި މީގެ ފަހުން ނިމްރާއާ މެދު ވިސްނާ މަންމައަކު އެބަހުރިކަމުގައި ހީކުރުމަށް ވިވިއަން ބުންޏެވެ. ނިމްރާއަށް ވިވިއަންގެ އެބަސްތަކުން ފުން އަސަރެއް ކުރިއެވެ. ބަޔާންކުރާނޭ ގޮތެއް ނޭނގުނަސް އޭނާއަށް ވެސް ވިވިއަންއާ މެދު ގާތްކަމެއް އިޙްސާސް ކުރެވެއެވެ.
ވަކިވާންވީ ވަގުތު ޖެހުމުން ވިވިއަންއަށް އޭނާގެ ޖަޒުބާތުތައް ނުހިފެއްޓުނެވެ. އޭނާގެ ލޮލުން ކަރުނައައުންވީ ޒިވަން ކަންބޮޑުވި ކަމަކަށެވެ. އެހިނދު އޭނާގެ ސިކުނޑީގައި ސުވާލުތަކެއް އުފެދެމުންދިޔައެވެ. ރަންދޯދިގެ އެނގި ހޮޓެލްގައި މަޑުކުރަން ވިވިއަން ބޭނުންވީ ކީއްވެބާއެވެ. ނިމްރާއަކީ ވިވިއަންގެ ކާކުބާއެވެ. ނިމްރާއަށް ވިވިއަން ބަލާލާ ގޮތުން އެ ދެލޮލުގައިވި ހިތްދަތިކަން ޒިވަން އިތުރަށް ހާސްކުރުވިއެވެ.
"ސޮރީ..." ވިވިއަން ޓިޝޫއަކުން އޭނާގެ ލޯކައިރި ފުހެލިއެވެ. އަދި ހިނިތުންވެލިއެވެ. ފުރަން އެތެރެއަށް ވަދެގެން ދިއުމުގެ ކުރީން އެންމެ ފަހުކަމެއްގެ ގޮތުގައި ނިމްރާގެ ގައިގާ ވިވިއަން ބައްދާލިއެވެ. ލޯތްބާއެކު ނިމްރާގެ ބޮލުގައި ފިރުމާލައި ނިތްކުރީގައި ބޮސްދިނެވެ. ނިމްރާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"މަމް، ޔޫ ޕްލޭންޑް ދިސް ޓްރިޕް، ވަޓް އާ ޔޫ ހައިޑިންގް" އެތެރެއަށް ވަދެގެން ދިޔަ ވިވިއަންއަށް ބަލަން ހުރި ޒިވަންގެ ހިތުގައިވިއެވެ. އަދި އޭނާ ނިމްރާއަށް ބަލާލިއެވެ.
"ޔޫ ނޯ ހާ ރައިޓް... ބަޓް ހައު" ދެން ވެސް ޒިވަން ވާހަކަދެއްކީ އޭނާގެ މަންމައަށް ރައްދުވާ ފަދައިންނެވެ.
"ޒިވަން... ހިނގާ ދާން" ޚިޔާލަކަށް ގެއްލިފައި ހުރި ޒިވަންއަށް އަރްސަލް ގޮވާލިއެވެ. އޭނާ ބޯޖާހާލަމުން އަރްސަލްމެންނާއެކު ހިނގައިގަތެވެ.
"ކާރުދުއްވާލައިފައި ދޯ ދާނީ" ނިމްރާގެ އަތުގައި ހިފާލަމުން އަރްސަލް ބުނެލިއެވެ.
"އެހެންވީރު އަހަރެން ދެން ދަނީ، ނިންމާލަންޖެހޭ ކަމެއް ވެސް އެބައޮތް" ޒިވަން ބުނެލިއެވެ. ހުޅުލެއިން ޒިވަންއާއި އަރްސަލް ވަކިވީއެވެ. އަރްސަލް އޭނާގެ ކާރުގައި ނިމްރާ ގޮވައިގެން ދުއްވާލަން ދިޔައެވެ.
"މިރޭ މިނިވަންކަމާއެކު ސްކާލެޓް ގާތުގައި އިނދެވޭނެ ދޯ" އަރްސަލް ބުނެލިއެވެ. އެއާއެކު ނިމްރާ ޖަހާލީ ހިނިގަނޑެކެވެ.
"އައި ވިލް މިސް ހާ" ވިވިއަންގެ މަތިން ހަނދާންކޮށްލަމުން ނިމްރާ ބުނެލިއެވެ.
"އޭނާ އުޅުނު ގޮތުން ހީވީ ސްކާލެޓްގެ މަންމަހެން، އަހަންނަށް ވެސް އިންޒާރު ދީފަ އެ ދިޔައީ" އަރްސަލް ބުނެލިއެވެ.
"ވެދާނެ އަހަރެންގެ މަންމައެއް ނެތޭ ބުނީމަކަމަށް ވިވިއަން އެހެން އެ އުޅުނީ، އަސްލު ބޭރުފުށުން މީހާ ހުންނަ ގޮތަކުން އޭނާއަކީ ކޮންކަހަލަ މީހެއްކަމެއް ނޭނގޭނެ، އެކަން ވިވިއަން ޕްރޫވް ކޮށްދީފި، ވިވިއަން އެހާ ރަނގަޅުވީމަ އަހަރެން ވެސް ހިތަށް އެރި މަންމަ ހުރިނަމަ އެހެންބާއޭ އުޅޭނީ، އަހަރެން ފެނުމުން ބުނާނީ ކީކޭބާއޭ... ރުޅިއަންނާނީބާއޭ" ނިމްރާ ބުނެލިއެވެ.
"އިޓްސް ހާ ލޮސް ސްކާލެޓް، ޑޯންޓް ތިންކް އަބައުޓް ހާ، އަހަރެން މި ހުރީނު، ގާތުގައި ނެތް މީހުންގެ ވާހަކަދެއްކުން މުހިންމެއްނޫން" އަރްސަލް އެއްއަތުން ނިމްރާގެ ކޯތާފަތުގައި ފިރުމާލިއެވެ. (ނުނިމޭ)