ހަބަރު

ރައީސް މައުމޫން އާއި ނަދީމް އައިޖީއެމްއެޗްއަށް ގެންގޮސްފި

ޓެރަރިޒަމްގެ ދައުވާކޮށް، ޖަލަށްލާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް އައިޖީއެމްއެޗްއަށް ގެނެސްފި އެވެ.

ރައީސް މައުމޫން އައިޖީއެމްއެޗްއަށް ގެނެސް އެމްއާރްއައި އެއް ހައްދާފައިވާކަން މައުމޫން ރީފޯމް މޫވްމަންޓުގެ އޮފިޝަލަކު ވަނީ ކަށަވަރުކޮށްދީފަ އެވެ. އެމަނިކުފާނުގެ އަރިހުގައި ނަސްރީނާ އިބްރާހިމް ވެސް އައިޖީއެމްއެޗްގައި ހުންނެވި ފޮޓޯއެއް ސޯޝަލް މީޑިއާގައި އެބަ ދައުރުވެ އެވެ. އޭގެ އިތުރުން ޔުމްނާ މައުމޫންގެ ފިރިކަލުން ނަދީމް ވެސް ޑޮކްޓަރަށް ދައްކަން ގެނެސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ރައީސް މައުމޫންގެ ހާލުކޮޅު ދެރަވެ، އެމަނިކުފާނުގެ އާލާސްކަންފުޅުގައި ހަ ވަނަ ފަހަރަށް އެޓޭކެއް ޖެހިވަޑައިގެންފައިވާ ކަމަށް ވަކީލުން ބުނެ އެވެ. ރައީސް މައުމޫންގެ އާލާސްކަންފުޅާ ބެހޭ ގޮތުން ޑޮކްޓަރުން ލަފާތަކާއި އިރުޝާދުތައް ކަމާ ބެހޭ ހުރިހާ ފަރާތްތަކަށް އަންގާފައިވާ ކަމަށާއި ނަމަވެސް އެ ފަރާތްތަކުން އެމަނިކުފާނާ މެދު އިހުމާލުވަމުންދާ ކަމަށް ވަކީލުން ބުނެ އެވެ

އެޓޭކް ޖެހިވަޑައިގަތުމާ ގުޅިގެން ހާލުކޮޅު ދެރަވެފައިވަތީ ރައީސް މައުމޫން އައިޖީއެމްއެޗްއަށް ފަރުވާ ދިނުމަށް ގެންދަން ޖެހޭ ކަމަށް ޑޮކްޓަރު ލަފާދީފައިވާ ކަމަށާއި ނަމަވެސް ކަރެކްޝަނުން އީއެންޓީ ސްޕެޝަލިސްޓަކު ޖަލަށް ފޮނުވައިގެން އެމަނިކުފާނުގެ ހާލު ބެއްލެވި ކަމަށް ވަކީލުން ބުންޏެވެ. އެ ޑޮކްޓަރު ވެސް ލަފާ ދެއްވީ 48 ގަޑިއިރުވަންދެއް ރައީސް މައުމޫން އޮބްޒަވޭޝަންގައި ބޭއްވުމަށް ކަމަށާއި ނަމަވެސް ކަރެކްޝަނުން އަމަލު ކުރެއްވީ އޭގެ އިދިކޮޅަށް ކަމަށް ވަކީލުން ބުންޏެވެ.

ރައީސް މައުމޫންގެ ހާލުކޮޅު ދެރަވުމާ ގުޅިގެން އެމަނިކުފާނު ގެއަށް ބަދަލު ކުރުމަށް ވަކީލުން އަންނަނީ ތަކުރާރުކޮށް އެދެމުންނެވެ. ނަމަވެސް އެ ފުރުސަތެއް ނުދެއްވަ އެވެ.