ކީލިއަން އެމްބާއްޕޭ

މެސީ އާއި ރޮނާލްޑޯއަށް ވުރެ، އެ އުމުރުގައި އެމްބާޕޭ މާތަފާތު

ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފަހު، ދުނިޔޭގެ ފުޓްބޯޅަ އެ ކުޅުންތެރިޔަކަށް ބަރޯސާވާނެ ކުޅުންތެރިޔަކާ މެދު ފުޓްބޯޅައިގެ އެކި ފޯރަމްތަކުގައި ސުވާލު އުފައްދަ އެވެ.

އެ ކުޅުންތެރިޔަކު ދެނެގަތުމުގައި ބަލަނީ، މެސީ އާއި ރޮނާލްޑޯގެ އެންމެ ޒުވާން ދުވަސްވަރު އެ ކުޅުންތެރިޔަކު ދައްކާފައިވާ ކުޅުމާމެދު އެވެ. އެ އިންތިޒާރުގައި ފުޓްބޯޅައިގެ ދުނިޔެ ތިބޭތާ 10 ވަރަކަށް އަހަރު ވެއްޖެ އެވެ. ހީކުރި ވަރަށް ވުރެ އަވަހަށް އެ ސުވާލަށް ޖަވާބު ލިބިއްޖެ އެވެ. އަދަދުތަކުން ބަލާއިރު އެ ކުޅުންތެރިޔަކީ ޕީއެސްޖީގެ ފްރާންސްގެ ތަރި ކިލިޔަން އެމްބާޕޭ އެވެ.

ފުޓްބޯޅައިގެ އާ ކިންގަށް ވުމުގެ ގާބިލުކަން އެމްބާޕޭގެ ކިބައިގައި އެބަހުރިހެއްޔެވެ. މިހާރު ޕީއެސްޖީއަށް ކުޅެމުންގެންދާ، އިޓަލީގެ ލެޖެންޑަރީ ގޯލްކީޕަރު ޖިއާންލުއީޖީ ބުފޮން ބުނެފައި ވަނީ، ޕެލޭ އާއި މެސީ އާއި ރޮނާލްޑޯއާ އެއްލަވެލަކަށް އެމްބާޕޭއަށް ދެވޭނެ ކަމަށެވެ. އެކަމަށް އެމްބާޕޭއަށް ކެތްތެރިކަން ބޭނުންވާ ކަމަށް ބުފޮން ބުންޏެވެ.

އެމްބާޕޭގެ އުމުރުން 19 އަހަރުގައި، އޭނާ ވަނީ، މެސީ އާއި ރޮނާލްޑޯގެ އުމުރުން 19 އަހަރުގައި އެ ދެކުޅުންތެރިން ނުހަދާ ބޮޑު ތިން ރެކޯޑެއް ހަދާފަ އެވެ.

ކުލަބަށް ޖަހައިދިން ލަނޑުތައް

  • އެމްބާޕޭ - 25
  • މެސީ - 19
  • ރޮނާލްޑޯ - 17

ޗެމްޕިއަންސް ލީގްގައި ޖެހި ލަނޑު

  • އެމްބާޕޭ - 10
  • މެސީ - 2
  • ރޮނާލްޑޯ - 0

ގައުމީ ޓީމަށް ޖަހައިދިން ލަނޑު

  • އެމްބާޕޭ - 9
  • ރޮނާލްޑޯ - 7
  • މެސީ - 4

މިފަހަރުގެ ވޯލްޑް ކަޕު ފްރާންސަށް ހޯދައިދިނުމުގައި އެމްބާޕޭ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. އޭނާ ވަނީ އުމުރުން 19 އަހަރުގައި ވޯލްޑްކަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ.