ހަބަރު

ރައީސް ޔާމީން ތައުބާވެ ވަޑައިގަތުމަށް އެމްޑީޕީން ގޮވާލައިފި

ސުވަރުގެ އަށް ދިއުމަށް ބޭނުން ނަމަ އެކަމަށް "ވޯމް އަޕް" ކުރުމަށް ރާއްޖޭގައި އިންވެސްޓް ކުރަން ރައީސް އަބްދުﷲ ޔާމީން ގޮވާލައްވާފައިވާތީ އެމަނިކުފާނު ތައުބާވުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

ސައުދީ ސަރުކާރުގެ ޓީމަކާ އެކު ބައްދަލު ކުރައްވާ އިއްޔެ ރައީސް ޔާމީން ވިދާޅުވެފައިވަނީ" މުސްލިމުންގެ ގޮތުގައި ތިބެ ޖަންނަތުލް ފިރުދައުސްއަށް ދާން އެންމެން ވެސް މަސައްކަތް ކުރޭ، ސުވަރުގެއެއް ފަދަ މި ރާއްޖޭގައި "ޕެރެޑައިސްއެއް" އޮތްއިރު ޖަންނަތުލް ފިރުދައުސްއަށް ދާން މަސައްކަތް ކުރާ ސައުދީ ހުރިހާ ވިޔަފާރިވެރިންނަށް ރާއްޖޭގައި "ވޯމްއަޕް" ކޮށްލުމަށް ދައުވަތު ދެން" ކަމަށެވެ.

އެކަމާ ގުޅިގެން އެމްޑީޕީން މިއަދު ނެރެފައިވާ ބަޔާނެއްގައި ވަނީ ރައީސް ޔާމީންގެ އެ ވާހަކަފުޅުގައި އިސްލާމްދީނަށް ފުރައްސާރަ ވާ ގޮތަށް ވާހަކަ ދައްކާފައިވާތީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި އެފަދަ "ކުފުރުގެ" ބަސްތައް އެމަނިކުފާނު ވިދާޅުވުމަކީ ރާއްޖޭގައި ކަންބޮޑުވާ ދަރަޖައަކަށް އިސްލާމީ ވަހުދަތާއި އާންމު ހާލަތު ދައްކުވައިދޭ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

"ރައީސް ޔާމީން މާތްވެގެންވާ އިސްލާމް ދީނަށް ފުރައްސާރަ ވާ ގޮތަށް ދެއްކެވި ވާހަކަފުޅަށް މާތްﷲ ގެ ހަޟުރަތުން ތައުބާވެ ވަޑައިގަތުމަށާއި އަދި ރާއްޖޭގެ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަތުމަށް އެމަނިކުފާނަށް މި ޕާޓީން ނަސޭހަތްތެރިވެ، ގޮވާލަމެވެ." އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން އެކަމަށް ފާޑު ކިޔާފައިވާ ނަމަވެސް ސަރުކާރުން ބުނެފައިވަނީ ބައެއް މީޑިއާތަކުން ރައީސްގެ އެ ވާހަކަފުޅުގެ ޚަބަރު ގެނެސްފައިވަނީ ރައްޔިތުންނަށް އޮޅޭ ގޮތަށް ކަމަށެވެ. އަދި އެގޮތަށް ރައީސް ވިދާޅުވީ ރާއްޖެއަކީ ދުނިޔެ މަތީގެ ސުވަރުގެއެއްގެ ގޮތުގައި މަޝްހޫރުވެފައިވާތީ ކަމަށް ވެސް ރައީސް އޮފީހުން މިއަދު ނެރެފައިވާ ބަޔާނެއްގައިވެ އެވެ.