ކުޅިވަރު

ޗެލްސީގެ 40 ކުޅުންތެރިން ލޯނަށް، ފީފާގެ އުސޫލު ބަދަލުވަނީ

ލޯން އުސޫލުން އެހެން ކުލަބުތަކަށް ދޫކުރާ ކުޅުންތެރިންގެ އަދަދު އިންތިހާއަށް މައްޗަށް ދިއުމުން އެކަން ކޮންޓްރޯލް ކުރުމަށް ފީފާއިން މަސައްކަތް ފަށައިފި އެވެ.

ކުޅުންތެރިން ލޯން ޓްރާންސްފާގައި ދޫކުރުމުގެ އެންމެ ކުރީގައި އުޅޭ ކުލަބަކީ ޗެލްސީ އެވެ. ލޯން އުސޫލުން ޗެލްސީން ވަނީ 40 ކުޅުންތެރިން އެހެން ކުލަބުތަކަށް ދޫކޮށްފަ އެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ފީފާގެ ރައީސް ޖިއާނީ އިންފެންޓިނޯ ވިދާޅުވެފައިވަނީ ލޯން ޓްރާންސްފާގައި ކުޅުންތެރިން ބަދަލު ކުރެވޭ އުސޫލު ބަދަލު ކުރަން ޖެހޭ ކަމަށެވެ.

ޖަރުމަންގެ ސްޕޯޓްސް ބިލްޑް ނޫހުން، ބުނެފައިވަނީ، ފީފާއިން އިސްލާހު ކުރާ ގަވާއިދުގައި އުމުރުން 21 އަހަރުގެ ކުޅުންތެރިން ލޯން ޓްރާންސްފާއަށް ފޮނުވުމުގެ ކޯޓާ ދަށް ކުރުމަށް ހިމަނާފައިވާ ކަމަށެވެ. އަދި އެއް ކުލަބަކަށް ލޯން ޓްރާންސްފާގައި ކުޅުންތެރިން ދޫކުރެވޭ އަދަދު މަދު ކުރުމަށްވެސް ފީފާއިން ގަވާއިދު ޑްރާފްޓް ކޮށްފައިވާ ކަމަށް އެ ނޫހުން ބުނެ އެވެ.

ޗެލްސީން ވަނީ ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެ ޓީމުގެ 10 ކުޅުންތެރިން ލޯން އުސޫލުން އެހެން ކުލަބުތަކަށް ދޫކޮށްފަ އެވެ. އޭގެ ތެރޭގައިބަކަޔޯކާ، މީޝީ ބައްޝުއާއީ އަދި ކުރުޓް ޒޫމާ ހިމެނެ އެވެ.