ބޮލީވުޑް

ޓޫ ޕޮއިންޓް އޯ: ވިޒުއަލް އިފެކްޓްސްގެ އާ ދުނިޔެއަކަށް

"ޓޫ ޕޮއިންޓް އޯ" ޓީޒާ ޓްރެއިލާ.

ރަޖްނީކާންތު އަދި އަކްޝޭ ކުމާރް ލީޑުން ފެނިގެންދާ ފިލްމު، "ޓޫ ޕޮއިންޓް އޯ" ގެ ފުރަތަމަ ޓީޒާ ޓްރެއިލާ އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

މި ފިލްމަކީ 2015 ވަނަ އަހަރު ނިކުތް ރަޖްނީކާންތުގެ ފިލްމު "ރޮބޮޓް" ގެ ސީކުއެލް ފިލްމެވެ. އަކްޝޭއާއި ރަޖްނީކާންތުގެ އިތުރުން މި ފިލްމުގައި މުހިންމު ރޯލަކުން އެމީ ޖެކްސަން ފެނިގެންދާނެ އެވެ. އަކްޝޭ ފެނިގެންދާނީ ވިލަންގެ ރޯލުންނެވެ.

ޓީޒާއާއެކު އެންމެ ގަދައަށް ދެކެވެމުން އަންނަނީ މި ފިލްމުގައި ބޭނުންކޮށްފައިވާ ކޮމްޕިއުޓާ ގްރެފިކްސް ނުވަތަ ވިޒުއަލް އިފެކްޓްސްތަކުގެ ވާހަކަ އެވެ. ބައެއް ފަރާތްތަކުން ބުނަނީ މި ފިލްމާއެކު އިންޑިއާގެ ފިލްމު އިންޑަސްޓްރީ، ވިޒުއަލް އިފެކްޓްސްގެ އެހެން ދުނިޔެއަކަށް ދާނެ ކަމަށެވެ.

ވަރުގަދަ ވިޒުއަލް އިފެކްޓްސްތަކާއެކު ގެނެސްދޭ މި ފިލްމު ޑައިރެކްޓުކުރީ އެސް ޝަންކަރް އެވެ. ގާތްގަނޑަކަށް 400 ކްރޮޑްގެ ބަޖެޓަކުން ތައްޔާރުކުރި މި ފިލްމަކީ، މިހާތަނަށް އިންޑިއާގައި އުފެއްދި އެންމެ އަގުބޮޑު ފިލްމަށް ވާނެ އެވެ. އަދި މި ފިލްމު ވެގެންދާނީ ސީދާ ތްރީޑީ ފޯމެޓުގައި ޝޫޓުކުރި ފުރަތަމަ އިންޑިއާގެ ފިލްމަށެވެ.

އަންނަ ނޮވެމްބަރު މަހު 29 ގައި ރިލީޒްކުރާ ނިންމާފައިވާ މި ފިލްމު، ރިލީޒްނުކުރެވި ލަސްވެގެން ދިޔައީވެސް ވިޒުއަލްސް އިފެކްޓްސްއަށް ބޮޑު ބަދަލުތަކެއް ގެންނަންޖެހިގެންނެވެ.