ހަބަރު

އަދުރޭ އިބޫއަށް: ޕީޕީއެމް ހިންގަނީ އަސްލު ވެރިން

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމް އޭގެ އަސްލު ވެރިންނާ ހަވާލު ކުރައްވާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވިދާޅުވުމާ ގުޅިގެން ޕީޕީއެމްގެ މިހާރުގެ ނައިބު ރައީސް އަބްދުލްރަހީމް އަބްދުﷲ ރައްދު ދެއްވައިފި އެވެ.

އއ. ތޮއްޑޫގައި މިއަދު ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރުގައި ޕީޕީއެމްގެ ހިއްސާ ވެސް އޮންނާނެ ކަމަށެވެ. ސަރުކާރުގެ ހިއްސާ އެ ޕާޓީއަށް ދެއްވާނެ ކަމަށެވެ. އަދި ޕާޓީ އޭގެ އަސްލު ހައްގުވެރިންނާ ހަވާލުކޮށް ދެއްވާނެ ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

އެކަމަށް ރައްދު ދެއްވަމުން އައްޑޫ ސިޓީ، ހުޅުމީދޫ އަވަށުގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޕީޕީއެމް މިހާރު ވެސް ހިންގަނީ އޭގެ އަސްލު ވެރިން ކަމަށާއި އެކަން އިބޫއަށް ނޭނގުމަކީ ސިޔާސީ މައިދާނުގައި ފައި ހަމަކުރަން އޭނާގެ ކުފޫ ހަމަނުވާކަން ސާބިތުވާ ކަމެއް ކަމަށެވެ.

"އަސްލު ވެރިން ކިހާ ވަރަކަށްތޯ އިބޫއަށް އެނގެނީ، އެކަން އިބޫއަށް ނޭނގުނީމަ އަޅުގަނޑު އެއްޗެކޭ ދަންނަވާކަށް ނެތިން، ޕީޕީއެމް ހިންގަނީ އަސްލު ވެރިން، ރައީސް އަބްދުﷲ ޔާމީނަށްވުރެ ވަކިން މަސައްކަތް ކުރެއްވި، ޕާޓީގެ ލީޑަޝިޕް ހައްގު ބޭފުޅެއް ނެތް،" އަދުރޭ ވިދާޅުވި އެވެ.

އިބޫ އުޅުއްވަނީ ރައީސް މައުމޫން ހަތިޔާރަކަށް ހަދައިގެން އެމަނިކުފާނުގެ އާއިލާ ރުއްސައިގެން ވޯޓު ހޯދަން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. އަދުރޭ ވިދާޅުވީ، އިބޫއަކީ ގައުމަށް ހަމަޖެހުން ގެނެވޭނެ ބޭފުޅެއް ނޫން ކަމަށާއި އެމްޑީޕީގެ ވެރިކަމުގައި ގައުމު ހަމަނުޖެހުމަށް ގެންދިޔައިރު ވެސް އިބޫ ހުންނެވީ ޒިންމާދާރު މަގާމެއްގަ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫންއާ ދެމެދު ހިޔާލު ތަފާތުވުންތައް ބޮޑުވެ، ޕީޕީއެމްއިން ރައީސް މައުމޫން ވަނީ ބޭރުކޮށްފަ އެވެ. ޕީޕީއެމް، ރައީސް ޔާމީނާ ހަވާލުކުރީ ސިވިލް ކޯޓުން ކުރި ހުކުމަކުންނެވެ. އެ ހުކުމް ރައީސް މައުމޫން އިސްތިއުނާފު ކުރި ނަމަވެސް ނިންމީ ރައީސް ޔާމީން އެއްކޮޅަށެވެ.

އޭގެފަހުން ރައީސް މައުމޫން ޕާޓީން ވަކިކޮށް އަރިސް ބޭފުޅުންނާއި ރައީސް މައުމޫނަށް ތާއިދު ކުރާ ބޭފުޅުން ވެސް ޕާޓީން ވަކިކުރި އެވެ. ރައީސް މައުމޫން ޕީޕީއެމްއިން ވަކިކުރިއިރު އެމަނިކުފާނަކީ އެ ޕާޓީގެ މެންބަރުން އިންތިހާބުކޮށްފައި ހުންނެވި ރައީސް އެވެ. އޭގެފަހުން ޕާޓީގެ ގައުމީ ޖަލްސާއެއް ބާއްވައި ރައީސްއަކު އިންތިހާބުކޮށްފައެެއް ނުވެ އެވެ.