ހަބަރު

ކުޅުދުއްފުށިން 80 ގޯތި ދޫކުރަނީ

ބޯހިޔާވަހިކަމުގެ ދަތިކަން ކުރިމަތިވެފައިވާ ހދ. ކުޅުދުއްފުށިން ގޯތި ދޫކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ރިޔާސީ އިންތިހާބު ގާތްވެފައިވަނިކޮށް ކުޅުދުއްފުށިން ގޯތި ދޫކުރަން ނިންމާފައިވާއިރު އެ ރަށުން ގޯތި ދޫނުކުރާތާ ވަނީ ގިނަ އަހަރުތަކެއްވެފަ އެވެ. ކުޅުދުއްފުށީގެ އިތުރުން ގދ. ތިނަދޫ އާއި ލ. ގަމާއި ކ. މާފުށިން ގޯތި ދޫކުރަން މި ހަފުތާގެ ތެރޭގައި ސަރުކާރުން ނިންމާފައިވެ އެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ކުޅުދުއްފުށިން ދޫކުރާ 80 ގޯއްޗަށް ކުރިމަތިލާން ވަނީ ހުޅުވާލާފަ އެވެ. އަދި އެކަމަށް ކުރިމަތިލުމުގެ ޝަރުތުތައް ވެސް ވަނީ އާންމުކޮށްފަ އެވެ.

ޝަރުތުތަކުގެ ތެރޭގައި އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް، ނުވަތަ އަމިއްލަ ގޯއްޗެއް، އެމީހެއްގެ ނަމުގައި ރަޖިސްޓަރީ ވެފައިނެތް މީހަކަށްވުން ހިމެނެ އެވެ.

އަށްޑިހަ ގޯތި ދޫކުރަން ހަމަޖައްސާފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަ ކެޓަގަރީ އާއި ހުރިހާ ފަރާތްތަކަށް ހާއްސަ ކެޓަގަރީ އެވެ.

ގޯތިލިބެންޖެހޭ ފަރާތްތައް ހޮވާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ގިނަޕޮއިންޓް ލިބިފައިވާ ފަރާތްތަކަށް އިސްކަންދީގެން ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ. އެގޮތުން އެފަހަރަކު ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އެންމެފަހު ގޯއްޗަށް ވާދަކުރަން އެއްވަރަކަށް ޕޮއިންޓްލިބިފައިވާ ގިނަ ފަރާތްތައް ތިބިނަމަ އެ ގޯތި ލިބޭމީހާ ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.