ސާފް ސުޒުކީ ކަޕް

ދިވެހިންނަށް ހިތްވަރު ހޯދައިދެނީ ފައިސަލުގެ ގުރުބާނީން

ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް ރާއްޖެ ކުރި ދަތުރުގައި އެންމެ ބޮޑު ގުރުބާނީއެއްވީ އެކަކީ ގޯލްކީޕަރު މުހައްމަދު ފައިސަލް އެވެ. މުބާރާތުގެ ކޮންމެ މެޗެއްގައިހެން އޭނާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އެވެ.

މުބާރާތުގައި، ވާދަ ކުރި ކީޕަރުންގެ ތެރެއިން، ނިސްބަތުން އެންމެ ގިނަ ސޭވް ކުރި ކީޕަރަކީ ފައިސަލެވެ. ސާފުން އިއުލާން ކުރި ލިސްޓްގައި އެއް ވަނައިގައި އުޅެނީ ޕާކިސްތާންގެ ކީޕަރު ޔޫސުފް ބަޓް އެވެ. އެ ޓީމުން ވަނީ ރާއްޖެއަށް ވުރެ އިތުރަށް މެޗު ކުޅެފަ އެވެ. މެޗުގެ ނިސްބަތަށް ރިޔާޔަތްކޮށް، މުބާރާތުގައި އެންމެ ގިނަ ސޭވް ކުރި ކީޕަރަކީ ފައިސަލް ކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

ފުރަތަމަ މެޗުގައި، ލަންކާއާ ދެކޮޅަށް، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޭނާ އެވެ. މުބާރާތުގައި އޭނާ ދެއްކި މޮޅު ކުޅުމުން، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާދަ ކުރުމުގެ ބޮޑު ފުރުސަތެއް އޭނާއަށް އެބައޮތެވެ. ފައިސަލްއަށް ހިތްވަރު ދިނުމުގައި އެންމެ ކުރިން ތެދުވަނީ ކުރީގެ ގައުމީ ޓީމުގެ ގޯލްކީޕަރު އިމްރާން މުހައްމަދެވެ. ކީޕަރުން ދިފާއުގައި އަބަދުވެސް އިމްރާން ހުންނާނެ އެވެ.

އިމްރާން އާއި ފައިސަލްގެ އެހެން ވާހަކަ އެކެވެ. ފައިސަލްއަށް ލިބުނު އަނިޔާއަކާ ގުޅިގެން، ކުޅުން ހުއްޓާލުމުގެ ވިސްނުން އޭނާ ގެންގުޅުނެވެ. ނަމަވެސް އެ ވިސްނުން ގޯސް ކަމަށް އޭނާއަށް ބުނެދީ އޭނާގެ ހިޔާލު ބަދަލު ކުރީ އިމްރާން ދިން ހިތްވަރުންނެވެ. ރާއްޖޭގެ އެއް ވަނަ ކީޕަރު އޭނާގެ ފަހަތުގައި ހުރުމުންނެވެ. އިމްރާން ގައުމީ ޓީމުން ރިޓަޔާ ކުރުމުން އޭނާގެ މަގާމު ފޫބެއްދުމަށް އެކިއުރޭޓް ހައްލެއް ލިބިދާނެތޯ އުފެދުނު ސުވާލަށް ފައިސަލް ވަނީ ޖަވާބު ހޯދައި ދީފަ އެވެ.

ގައުމީ ޓީމުގެ ކޯޗް ޕީޓާ ޝެގަޓް، ބުނީ އިމްރާންއަށް ފަހު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރަކީ ފައިސަލް ކަމަށާއި އޭނާ އަށް ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެވޭނެ ކަމަށެވެ.

ރާއްޖެއިން ކުޅެނީ، ގޯލްކީޕަރާއި ދިފާއީ ފަރާ ދެމެދު ބޮޑު ޖާގައެއް ދީގެންނެވެ. ޝެގަޓް ބުނީ އެގޮތަށް ގޭމް އަތުރާލަނީ، ފައިސަލްއަށް އިތުބާރު އޮންނާތީ ކަމަށެވެ. މިދިޔަ އަހަރު، އެފްއޭއެމްގެ މީޑިއާއަށް ދިން އިންޓަވިއުގައި ފައިސަލް ބުނެފައި ވަނީ މިހެންނެވެ.

"އަޅުގަނޑު އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަޅުގަނޑު ގޯލްގައި ހުރެގެން ރާއްޖެއަށް ތައްޓެއް ހޯދައިދެވޭ ދުވަސް."

ސާފް ސުޒުކީ ކަޕުގެ ފައިނަލުގައި، މިއަދު އިންޑިއާ ދެކޮޅަށް ނިކުންނަ މެޗަކީ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ފައިސަލު ކުރިމަތީގައި އޮތް ދުވަހެވެ. މިއީ މުޅި ގައުމު އެކަމަށް އެދިއެދި އޮތް ދުވަހެވެ.