ހަބަރު

ކުރީގެ ސީޕީ އަރީފް އާއި މުޅި އާއިލާގެ ތާއީދު އިބޫއަށް

Sep 15, 2018
15

ޖަލުގައި ހުންނެވި، ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު އަރީފް އާއި އެމަނިކުފާނުގެ މުޅި އާއިލާގެ ފަރާތުން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ތާއީދު ކުރާކަން ހާމަކޮށްފި އެވެ.

އިބޫ މިހާރު އަތޮޅުތަކަށް ކުރައްވާ ކެމްޕޭން ދަތުރުތަކުގެ ތެރެއިން، އަރީފްގެ އުފަން ރަށް ކަމަށްވާ، އދ. މަހިބަދޫއަށް އިއްޔެ ވަޑައިގެންނެވި އެވެ. އެ ދަތުރާ ދިމާކޮށް އިބޫއަށް މަރުހަބާ ދެންނެވުމަށް އަރީފްގެ އަންހެނުންނާއި މާލޭގައި ދިރިއުޅޭ އާއިލާގެ މެންބަރުން އެ ރަށަށް ވަޑައިގެންނެވި އެވެ. އަދި އިބޫ އެ ރަށަށް ވަޑައިގެން ވަގުތު އިބޫއަށް މަރުހަބާ ދެންނެވުމަށް އެ އާއިލާއިން ނުކުތެވެ.

އެކަމާ ގުޅޭ ގޮތުން އަރީފްގެ އާއިލާގެ މެންބަރަކު މިއަދު އަވަސްއަށް ބުނީ އަރީފް އާއި އެ އާއިލާގެ މުޅި ތާއީދު އޮތީ އިބޫއަށް ކަމަށެވެ. އަދި އިބޫއަށް ތާއީދު ހޯއްދެވުމަށް އެ އާއިލާގެ ފަރާތުން ވެސް މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ. އަރީފްގެ އާއިލާއިން މަހިބަދޫގައި ވަނީ އިބޫއާ ބައްދަލުކޮށް ތާއީދު ހާމަކޮށްފަ އެވެ. އޭނާ ބުނި ގޮތުގައި، އަރީފް އާއި އާއިލާގެ ފަރާތުން އެ ރަށުގައި ހުންނަ ކެމްޕޭން ޖަގަހައިގައި ވަނީ ސަޕޯޓަރުންނަށް ފަރިއްކޮޅެއް ވެސް ދީފަ އެވެ.

"އަރީފް ވިދާޅުވި އެބޭފުޅާގެ ފުލް ސަޕޯޓް އިބޫއަށް އެބަ އޮތް ކަމަށް. އަދި އަޅުގަނޑުމެން އާއިލާގެ ފަރާތުން އިބޫ ހޮވަން ކުރަން ޖެހޭ މަސައްކަތް ކުރުމުގައި މި ތިބީ،" އާއިލާގެ މެންބަރު ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުން ވަނީ މި އަނިޔާވެރި ވެރިކަން ނިމުމަކަށް ގެންނަން،"

ކުރީގެ ކޮމިޝަނަރު އަރީފް ހައްޔަރުކުރީ ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި ނެރުނު އަމުރު ތަންފިޒު ކުރަން އޭނާ މަސައްކަތް ކުރެއްވުމުން އެވެ. އަރީފްގެ މައްޗަށް އެ މައްސަލައިގައި ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. އެ ދައުވާތަކަށް އަރީފް އިންކާރު ކުރައްވާ ވިދާޅުވަނީ އޭނާ ޖަލަށްލައި ބަންދުކޮށް ދައުވާ ކުރަނީ އޭނާއާ ހަވާލުކުރެވިފައިވާ ގާނޫނީ މަސްއޫލިއްޔަތު އަދާކުރުމުން ކަމަށެވެ.

އަރީފް އާއި އާއިލާގެ އިތުރުން، ވަރަށް ގިނަ ފަރާތްތަކުން އަންނަނީ އިބޫއަށް އޮންނަ ތާއީދު ހާމަ ކުރަމުން އެވެ. އެގޮތުން ކުރީގެ މިނިސްޓަރު އައްބާސް އިބްރާހިމް އާއި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި އުމަރު ޒާހިރު ވެސް ވަނީ އިބޫއަށް ތާއީދު ކުރައްވައިފަ އެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ގާތްއެކުވެރިއެއް ކަމަށްވާ، ހިޔަލީ މުހައްމަދު ރަޝީދު ވެސް ވަނީ އިބޫއަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ.