ސާފް ސުޒުކީ ކަޕް

ތަށި އުފުލައިލުމުގެ އެންމެ ބޮޑު ޝަރަފް ދެބެންއަށް

ރާއްޖޭގެ ފުޓްބޯޅައިގެ ތާރީހްގައި، ގައުމީ ޓީމުގެ އެންމެ ކާމިޔާބު ކެޕްޓަނަކީ، ކުރީގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އެވެ. ދެކުނު އޭޝިއާގެ ޗެމްޕިއަންކަން، 2008 ވަނަ އަހަރު ރާއްޖެއަށް ފުރަތަމަ ފަހަރު ހޯދިއިރު ކެޕްޓަނަކީ އައްސަދެވެ. ޓީމުގެ ކެޕްޓަނެއްގެ އައްސަދު ދެއްކި ލީޑާޝިޕާއި ނަމޫނާ ދިވެހި ފުޓްބޯޅައިގެ ތާރީހުގައި ރަން އަކުރުން ފަވާލެވޭނެ އެވެ.

އޭގެ 10 އަހަރު ފަހެވެ. ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް އަލުން ކާމިޔާބު ކޮށްފި އެވެ. ކެޕްޓަނެއްގެ ގޮތުގައި މިހުރީ އައްސަދު އަބްދުލް ގަނީގެ ކޮއްކޮ، އަކުރަމް އަބްދުލް ގަނީ އެވެ. އައްސަދު އާއި އަކުރަމްގެ ކެޕްޓަން ކަމުގައި ތާރީހީ އިއްތިފާގުތަކެއް އެބަހުއްޓެވެ. އެންމެ ފުރަތަމަ ކަމަކީ، ދެބެންގެ ޖޯޒީ ނަންބަރަކީ ގައުމީ ޓީމުގެ 13 ނަންބަރެވެ. އެހެން ނަމަ އެންމެ ބޮޑު ތާރީހީ އިއްތިފާގު މިއޮތީ އެވެ.

ދެހާސް އަށެއްގެ ސާފް ޗެމްޕިއަންޝިޕަށް ދާން ތައްޔާރުވިއރު، ގައުމީ ޓީމުގެ ތެރޭގައި ބޮޑު މައްސަލައެއް ފެންމަތިވި އެވެ. ގައުމީ ޓީމުން ރިޓަޔާ ކޮށްފައިވާ އައްސަހަދު އަލީ (އަޑޭ)، އޭރު ގައުމީ ޓީމުގެ ކިޓްމެނޭޖަރަކަށް ހުރި ހަސަން ނިޒާރު (ބޮޑޭ) ގެ ޕާސްޕޯޓް ފޮރުވި އެވެ. އެ މައްސަލަ މީޑިއާގައި ކެކިގެން ދިޔަ އެވެ. ޓީމު ތެރޭގައި ވެސް ކަންބޮޑުވުން އުފެދުނެވެ.

އެދުވަހު އަޑޭ ޓީމުން ބާކީ ކުރި އެވެ. ޓީމު ތެރޭގައި އުފެދުނު މައްސަލަ ހައްލުކުރުމަށް ޓީމުގެ މެނޭޖަރު މުހައްމަދު ހާނިމް އާއެކު ކެޕްޓަން އައްސަދު މުހިންމު ދައުރެއް އަދާ ކުރި އެވެ. ޓީމު ބައިބައިނުވެ އެކައްޗެއްގެ ގޮތުގައި ކުރިއަށް ދިޔައީ ކެޕްޓަނެއްގެ ޒިންމާތައް އެންމެ ފުރިހަމަ ގޮތުގައި އައްސަދު އަދާ ކުރުމުންނެވެ. އެންމެ މުހިންމު ވަގުތުގައިވެސް ވަރުގަދަ އަޒުމެއްގައި އޭނާ ހުރުމުންނެވެ.

މިއަދު އަކުރަމް އެވެ. އައްސަދުގެ އިމްތިހާނަށްވުރެ އަކްރަމްއަށް ކުރިމަތިވި އިމްތިހާން މާ ބޮޑެވެ. ކުރިގެ ކެޕްޓަން އަލީ އަޝްފާގް 'ދަގަނޑޭ' ޓީމުން ބާކީ ކުރުމުން ކަންބޮޑުވުން އިންތިހާއަށް އުފެދިގެން ދިޔަ އެވެ. ކުޅުންތެރިންގެ މެދުގައިވެސް އެކަމުގެ ކަންބޮޑުވުން އުފެދިގެން ދިޔަ އެވެ. އަޝްފާގް ޓީމުން ބާކީ ކުރުމުން ބައެއް މީޑިއާތަކުން ކޯޗަށް ފާޑު ކިޔުން އޮއްސާލީ އިމެތް ނެތް މިންވަރަށެވެ.

އެ މައްސަލަތަކުން، ޓީމަށް ކުރިމަތިވި ކަންބޮޑުވުންތަކުން އަރައިގަތުމަށް އަކުރަމްގެ ލީޑާޝިޕް ބޮޑެވެ. ރާއްޖެ ސެމީ ފައިނަލަށް ދިޔައީ ގޫރޫޕް ސްޓޭޖުގައި އެއްވެސް މެޗަކުން މޮޅުވެ އެވެ. ލަންކާ ހަމަހަމަވެ ގުރުލައިގެން ރާއްޖެ ސެމީ އަށް ދިއުމުންވެސް ޓީމަށް، ޕަބްލިކުންނާއި، މީޑިއާއިންވެސް ފާޑު ކިޔެ އެވެ. ބައެއް މީހުން ޖޯކުވެސް ޖެހި އެވެ.

ނަމަވެސް ޓީމަށް ހިތްވަރު ހޯދައިދިނުމުގައި، އަކުރަމްގެ ލީޑާޝިޕް ވަރަށް ބޮޑެވެ. ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް އުފުލައި ދިނުމަށް ފަހު އަކުރަމްވަނީ އޭނާގެ ބޭބެގެ ނަން ފާހަގަ ކޮށްފަ އެވެ.

"އަޅުގަނޑު ބޯޅައިގެ ތެރެއަށް ނެރެދިނީ އަޅުގަނޑުގެ ބޭބެ [އައްސަދު]، އަޅުގަނޑުގެ ފުޓްބޯޅައިގެ ކުރިމަގު ކަނޑައަޅައިދިނީ ބޭބެ. މިއަދު ބޭބެ ހުރި މަގާމަށް އަޅުގަނޑަށް ދެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" މެޗަށް ފަހު ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަމުން އަކުރަމް ބުންޏެވެ. "މި ކާމިޔާބަކީ އަޅުގަނޑުގެ ފުޓްބޯޅައިގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު ކާމިޔާބު."