ބޮލީވުޑް

އަމްރިތާ ރާއޯ އެނބުރި އަންނަނީ

"ވިވާހް" އަދި "މެއި ހޫ ނާ" ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި ބޮލީވުޑްގެ ބަތަލާ، އަމްރިތާ ރާއޯ އެނބުރި ފިލްމަކަށް އައުމަށް ނިންމައިފި އެވެ. އޭނާ އެނބުރި މި އަންނަނީ ފަސްވަރަކަށް އަހަރު ފިލްމީ ދާއިރާއާއި ދުރުގައި ހުރުމަށްފަހު އެވެ.

އަމްރިތާ ފެނިގެންދާނީ ބަޔޮޕިކް ފިލްމު "ތަކޭރީ" އިންނެވެ. އެ ފިލްމަކީ އިންޑިއާގެ ކުރީގެ މަޝްހޫރު ސިޔާސީ ލީޑަރެއް ކަމުގައިވާ ބާލަސާހެބް ތަކެރީގެ ހަޔާތައް ތައްޔާރުކުރާ ފިލްމެކެވެ.

އެ ފިލްމުގެ ލީޑު ރޯލް، ތަކެރީގެ ރޯލުން ފެނިގެންދަނީ ނަވާޒުއްދީން ސިއްދިގީ އެވެ. އަމްރިތާ ކުޅޭނީ ތަކެރީގެ އަންހެނުން، މީރާ ތަކެރީގެ ރޯލެވެ. މިއީ ނަވާޒުއްދީންގެ ތިން ވަނަ ބަޔޮޕިކް ފިލްމަށްވާއިރު، މި ފިލްމު ޕްރޮޑިއުސްކުރަނީ ސަންޖޭ ރާއުތު އެވެ.

"ތަކެރީ" ޓީޒާ ޓްރެއިލާ.

އަމްރިތާ އެންމެފަހުން ފެނިގެންދިޔައީ 2013 ވަނަ އަހަރު ނިކުތް ފިލްމު "ސިންގް ސާބް ދި ގްރޭޓް" އިންނެވެ. މި ފިލްމު ރިލީޒްކުރާނީ ތަކެރީގެ އުފަންދުވަހު، އަންނަ އަހަރު ޖެނުއަރީ މަހު 23 ގަ އެވެ.