ޕޮޕް ލަވަކިޔުންތެރިޔާ ޝޯން ޕޯލް ރާއްޖެ އައިސްފި ނަމަ މަރާލާނެ ކަމަށް ބުނެ އިންޒާރު ދީފައި ނުވާނެ ކަމަށް ވާ "ބިލާދުއްޝާމް" އިން ބުނެފި އެވެ.
އާ އަހަރު ފާހަގަ ކުރުމަށް ރާއްޖޭގައި ޝޯއެއް ދިނުމަށް ހަމަޖެހިފައިވާ ޝޯން ޕޯލަށް މަރުގެ އިންޒާރު ދީ ޔޫޓިއުބްގައި އާންމުކޮށްފައިވާ ވީޑިއޯގައި ބިލާދުއްޝާމްގެ ލޯގޯ ބޭނުންކޮށްފައިވެ އެވެ. ނަމަވެސް އެ ޖަމާއަތުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިރޭ އާންމުކޮށްފައިވާ ޕޯސްޓެއްގައި އެ ވީޑިއޯއާ އެ ޖަމާއަތާ އެއްވެސް ގުޅުމެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ.
އެ ޕޯސްޓްގައިވަނީ އެ ޖަމާއަތުން އެއްވެސް އެއްޗެއް އާންމު ކުރާ ނަމަ އެކަން ކުރާނީ އެ ޖަމާއަތުގެ ރަސްމީ ފޭސް ބުކް ޕޭޖް ނުވަތަ ޓްވިޓާ މެދުވެރިކޮށް ކަމަށާއި މިހާރު ނެރެގެން އުޅޭ އެ ވީޑިއޯއާ އެ ޖަމާއަތާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ. އަދި އެ ވީޑިއޯއަކީ އެމްޑީޕީގެ ސަޕޯޓަރުންތަކެއް ނުވަތަ ސެކިއުލާ ބަޔަކު ނެރެގެން އުޅޭ އެއްޗެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް އެ ޕޯސްޓްގައިވެ އެވެ. އަދި ބުނެފައި ވަނީ ރާއްޖެ އަކީ ނާމާން ތަނެއް ކަމަށް ލާދީނީ ފިކުރުގެ މީހުން ދައްކަން މަސައްކަތްކުރާ ކަމަށާއި އެކަމަކު އެއީ އެކަން އޮތް ގޮތް ނޫން ކަމަށެވެ.
އެ ވީޑިއޯއަކީ އެ ޖަމާއަތުން ނެރުނު އެއްޗެއް ނޫން ނަމަވެސް ޝޯން ޕޯލް ގެނެސްގެން ރާއްޖޭގައި ބާއްވަން އުޅޭ ހަރަކާތާ އެ ޖަމާއަތުން ވެސް ދެކޮޅު ހަދާ ކަމަށް އެ ޕޯސްޓްގައިވެ އެވެ. އަދި އެއީ ހަރާމް ކަމެއް ކަމަށާއި އެކަން އިންތިޒާމް ކުރާ ފަރާތްތަކަކީ "ފާސިގުން" ކަމަށާއި އެ ޝޯ އަށް ދާނީ ވެސް އިސްލާމްދީނާ މެދު ޝައުގުވެރިކަމެއް ނެތް މީހުން ކަމަށް ވެސް ވެސް އެ ޕޯސްޓްގައި ބުނެފައިވެ އެވެ.
ބިލާދުއްޝާމަކީ ސީރިއާ ހަނގުރާމަ ކުރަމުންދާ އަލް ނުސްރާ ފްރަންޓުގެ މީޑިއާ ގޮއްޕެވެ. އެ ޖަމާއަތާ ގުޅިގެން ބައެއް ދިވެހިން ވެސް ސީރިއާގައި ހަނގުރާމަ ކުރަމުންދެ އެވެ.
ޔޫޓިއުބްގައި އާންމުކޮށްގެން އުޅޭ އެ ވީޑިއޯގައި މަރުގެ އިންޒާރު ދީފައި އޮތަސް ކުރިން ވެސް ރޭވިފައިވާ ގޮތަށް އެ ޝޯގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް އެ އިވެންޓް ކަންކަން އިންތިޒާމް ކުރާ ޗޮޕް އާޓުން ބުނެފައިވެ އެވެ. ގަލޮޅު ދަނޑުގައި ބާއްވާ އެ ޝޯގެ ސަލާމަތީ ކަންކަން ބަލަހައްޓާނީ ސިފައިންނާއި ފުލުހުންނެވެ.