ވިޔަފާރި

މަޓާޓޯ އިން ރަޝިއާ އާއި މެލޭޝިއާގައި ރާއްޖެ އިޝްތިހާރުކޮށްފި

Sep 16, 2018

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ރަޝިއާ އާއި މެލޭޝިއާގައި ރާއްޖެ އިޝްތިހާރު ކޮށްފި އެވެ.

މަޓާޓޯ އިން ބުނީ ރާއްޖެ އިޝްތިހާރު ކުރުމުގެ ގޮތުން ބައިނަލްއަގުވާމީ ދެ ފެއާއެއްގައި ބައިވެރިވެފައިވާ ކަމަށެވެ. މިގޮތުން ސެޕްޓެމްބަރު މަހުގެ 11-13 އަށް ރަޝިއާގައި ބޭއްވި OTDYKH LEISURE ފެއާފައި ބައިވެރިވެފައިވާ ކަމަށެވެ. މިއީ ކޮންމަންވެލްތުން މިނިވަންވި ގައުމުތަކަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ ފެއާއެކެވެ. މިފެއާގައި 85 ގައުމަކުން 900 އެގްޒިބިޓަރުން ބައިވެރިވެފައިވެ އެވެ.

ރަޝިއާގައި ދުނިޔޭގެ 11 ވަނަ އަށް އެންމެ ގިނަ އިން މީހުން ބޭރަށް ދަތުރުކުރާ އެއް ގައުމެވެ. އެ ގައުމުން ބޭރަށް ދަތުރުކުރާ މީހުންގެ ޓޫރިސްޓު އެކްޕެންޓިޗާ ނުވަތަ ހޭދަ އުޅެނީ 24 ބިލިއަން ޑޮލަރުގަ އެވެ. މި ފެއާގައި މަޓާޓޯ އިން 2013 އަދި 2014 އާއި 2015 ވަނަ އަހަރު ވެސް ބައިވެރިވެފައިވެ އެވެ.

މަޓާޓޯ އިން މެލޭޝިއާގައި ބައިވެރިވެފައިވަނީ އެ ގައުމުގައި ކުރިއަށް ދިޔަ ޕާޓާ ޓްރެވަލް މާކެޓުގަ (ޕީޓީއެމް) އެވެ. މެލޭޝިއާގައި މި މަހުގެ 12-14 އަށް ކުރިއަށް ދިޔަ މި ފެއާ ހާއްސަކޮށްފައިވަނީ ޓޫރިޒަމް ވިޔަފާރީގައި ހިމެނޭ ގިނަ ބަޔަކުއެއް ތަނަކަށް ޖަމާވާ ފެއާ އަކަށެވެ.

ގާތްގަނޑަކަށް 150 މެންބަރުން ހިމެނޭ މަޓާޓޯ އިން 12 އިންޓަނޭޝަނަލް ޓޫރިޒަމް ފެއާއެއްގައި ބައިވެރިވެފައިވެ އެވެ.