ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޓްރެވަލް ކުންފުނިތަކަށް މަހަކު އަށް މިލިއަން ރުފިޔާ ބޭނުންވޭ: މަޓާޓޯ

Apr 9, 2020
1

ކޮވިޑް-19 އާ ގުޅިގެން ލިބެމުންދާ ގެއްލުންތަކަށް އެހީގެ ގޮތުގައި ރާއްޖޭގެ ޓްރެވަލް އެޖެންސީ ތަކަށް މަހެއްގެ މައްޗަށް އަށް މިލިއަން ރުފިޔާ ބޭނުން ވާނެ ކަމަށް، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.

ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން، މަޓާޓޯގެ ރައީސް އަބްދުއްﷲ ސުއޫދު ރޭ ވިދާޅުވީ ރާއްޖޭގެ ޓްރެވަލް ކުންފުނި ތަކަށް މަހެއްގެ މައްޗަށް ހަ މިލިއަން ރުފިޔާ ވަރު ބޭނުންވާނެ ކަމަށެވެ. ޓްރެވަލް ދާއިރާއަށް ބޭނުންވާ އެހީތެރިކަން ހޯދުމަށްޓަކައި މަޓާޓޯ އާއި އާޓާ އަދި ލިވްބޯޑް އެސޯސިއޭޝަންއާ ގުޅިގެން ސަރުކާރާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ޓޫރިޒަމްގެ ނަފާ ނުލިބިއެއް އެއްވެސް ކަމެއް ނުކުރެވޭނެ. އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި 62 އެޖެންސީއެއް ވަރަށް ބޮޑަށް މާކެޓު ތެރޭގައި ހަރަކާތްތެރިވާ ކަމަށް. ރާއްޖޭގައި 300 އަށްވުރެ ގިނަ އެޖެންސީ އޮތަސް. މި ކުންފުނި ތަކަށް ވެސް މުވައްޒަފުން ހިފެހެއްޓުމާއި ޔޫޓިލިޓީސް ބިލްތަކަށް މަހަކު ހަތް މިލިއަން ރުފިޔާ އާއި އަށް މިލިއަން ރުފިޔާ ބޭނުންވޭ،" ސުއޫދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރުން މިހާރު އިއުލާނުކޮށްފައިވާ "އިގްތިސާދީ އެހީ" ގެ ޕެކޭޖުން މި އަދަދު ލިބުމާ ދޭތެރޭ ޝައްކު ކަމަށާ، އެކަމަށް ސަރުކާރާއެކު މަޝްވަރާ ކުރަމުން ކަމަށެވެ.

"މި ކުންފުނިތަކުގައި 2000 މުވައްޒަފުން އުޅޭ. މީގެތެރޭގައި 1،500 އާ ދިވެހިން ހަރަކާތެރިވޭ. ދަތިތަކަކީ ބޭރު މީހުން ފޮނުވާލުން. ސްޓާފުން ވެސް ފޮނުވައެއް ނުލެވޭނެ. ހިއުމަން ރިސޯސަސްއަކީ ހޯދަން ދަތި ކަމެއް. ނޭނގެ މާދަމާ ވެސް ވާނެ ގޮތެއް. ގިނަ ވިޔަފާރިތައް ގިނަ ވިޔަފާރިތައް ދެ މަސް ތެރޭ ހުއްޓުމަކަށް އަންނާނެ،" ސުއޫދު ވިދާޅުވި އެވެ.

މަޓާޓޯ އިން ބުނި ގޮތުގައި ޓޫރިޒަމް ދާއިރާއަށް ޑިފެންޑުވާ ހުރިހާ ދާއިރާތަކަށް ގެއްލުންވަމުންދާ ކަމަށެވެ. މީގެތެރޭގައި ޓޫރިޒަމް ދާއިރާގައި އުޅޭ 150 ފޮޓޯ ގްރަފަރުންނާއި 100 އަށްވުރެ ގިނަ ޓުއާ ގައިޑުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން 2،000 އެއާޕޯޓް ރެޕްރެޒެންޓިވް (ރެޕް) އިން ހިމެނޭ ކަމަށެވެ. އަދި އާޓިސްޓުންގެ ތެރޭގައި 200 އަށް ވުރެ ގިނަ މީހުން ހިމެނޭ ކަމަށެވެ. އަދި ސުވެނި ވިޔަފާރިތަކާއި ޓެކްސީ ޑްރައިވަރުންވެސް ހިމެނޭ ކަމަށެވެ.