ވިޔަފާރި

ޓޫރިޒަމް ހުޅުވާލާ ގައިޑްލައިންގެ ޑްރާފްޓަށް މަޓާޓޯގެ ކަންބޮޑު ވުމެއް!

May 21, 2020
1

ޓޫރިޒަމް އަލުން ހުޅުވާލަން ތައްޔާރުކޮށް ނެރެފައިވާ ގައިޑްލައިންގެ ޑްރާޓް އެކުލަވާލުމުގައި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާ މަޝްވަރާކޮށްފައި ނުވާ ކަމަށް ބުނެ، އެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިމަހުގެ 19 ވަނަ ދުވަހު ޓޫރިޒަމްގެ ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ފޮނުވާފައިވާ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" ގެ ޑްރާފްޓާ ބެހޭ ގޮތުން އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ މީގެ ދެ ދުވަސް ކުރިން މިނިސްޓްރީން ނެރެފައިވާ ގައިޑްލައިންގެ ޑްރާފްޓް އެކުލަވާލުމުގައި އެ ޖަމިއްޔާގެ ހިޔާލު ހޯދާފައި ނުވާ ކަމަށާ މިއީ ކަންބޮޑުވާ ކަމެއް ކަމަށެވެ. ނަމަވެސް ގައިޑްލައިންގެ ޑްރާފް ނެރެ ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކުގެ ހިޔާލު ހޯދަން ހުޅުވާލާފައިވާތީ އެ ޖަމިއްޔާ އިން ވަނީ އެކަން ފާހަގަ ކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ ގައިޑްލައިންގެ ޑްރާފްޓުގައި ރާއްޖެ އަށް އަންނަން ހުއްދަ ދޭ ޕްރައިވެޓް ޖެޓްތަކާއި ޗާޓަރު ފްލައިޓު ތަކުން ބައިލައްކަ ޑޮލަރުގެ ފީއެއް، ނަގައި ސުޕަ ޔޮޓުތަކުން 10،000 ޑޮލަރުގެ ފީއެއް ނަގަން ހުށަހަޅާފައިވެ އެވެ. މީގެ އިތުރުން ސްޕެޝަލް ޓޫރިސްޓު ސްޕެޝަލް ޓޫރިސްޓު ވިސާ ފީގެ ގޮތުގައި 100 ޑޮލަރުގެ ފީއެއް ޓޫރިސްޓުންގެ އަތުން ނަގާނެ އެވެ. އެ ވިސާ ދެވޭނެ އެންމެ ކުރު މުއްދަތަކީ 14 ދުވަހެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ "މޯލްޑިވްސް ސޭފް ޓޫރިޒަމް ގައިޑްލައިން" ފައިނަލް ކުރާނީ ޓޫރިޒަމް ސިނާއަތުގެ ހުރިހާ ފަރާތްތަކެއްގެ ހިޔާލުގެ މައްޗަށް ކަމަށް ބުނެފަ އެވެ. ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން ދަނީ ޕްރައިވެޓް ޖެޓްތަކާއި ސުޕަ ޔޮޓް ފަހަރަށް ޖޫން އެއްވަނަ ދުވަހުން ފެށިގެން ޓޫރިޒަމް ހުޅުވާލަން ތައްޔާރު ވަމުންނެވެ. އަދި ޗާޓަރު ފްލައިޓްތަކާއި ޝެޑިއުލް ފްލައިޓްތަކަށް ޖުލައި އެއްވަނަ ދުވަހު ހުޅުވާލާއިރު، ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެންނަން ޕްލޭން ކޮށްފައިވަނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު އެވެ.