ސިއްހަތު

ދެމަފިރިން އަބަދު ޒުވާބުކުރާނަމަ އަވަހަށް ބަލިވޭ

Sep 16, 2018

ދެމަފިރިންގެ ދެމެދުގައި ދޭތެރެއަކުން ޒުވާބުގަނޑެއް ހިނގަ އެވެ. ބައެއް ދެމަފިރިންގެ ދެމެދުގައި މިއީ އާންމުކަމެކެވެ. މުޅި ދުވަސް އެއްކޮށްވެސް ޒުވާބަށް ދުއްވާލާއި ދެމަފިރިން މަދެއް ނުވާނެ އެވެ. އެކަމަކު އެނގޭ ހެއްޔެވެ؟ މިއީ ސިއްހަތަށް ހުރި ވަރަށް ބޮޑު ނުރައްކަލެއްކަން މި ވަނީ ދިރާސާއަކުން ހާމަވެފަ އެވެ.

އެމެރިކާގެ އޮހާޔޯ ޔުނިވާސިޓީން ދާދިފަހުން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި، އަބަދު ޒުވާބުކޮށް، ތޮޅެ ހަދާއި ދެމަފިރިން އަވަހަށް ބަލިވުމުގެ ފުރުސަތު ބޮޑެވެ. އެމީހުނަށް "ލީކީ ގަޓް" ކިޔާ ހާލަތެއް ކުރިމަތިވެ އެވެ. ލީކީ ގަޓްއަކީ އިންސާނާގެ ހަޖަމުކުރާ ނިޒާމުގައި ޖަރާސީމު އުފެދި، އެ ޖަރާސީ އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭގެ ތެރެއަށް ދިއުމަށް މެދުވެރިވާ ހާލަތެކެވެ.

މިގޮތަށް ޖަރާސީމުތައް ހަށިގަނޑުގައި ދައުރުވާ ލޭގެ ތެރެއަށް ދިއުމުން ތަފާތު ބަލިތައް އަވަހަށް ޖެހުމަށް މެދުވެރިވެ އެވެ. އޭގެ ތެރޭގައި ހިތުގެ ބަލިތަކާއި ޑައިބެޓިސް، ހުޅުތަކުގައި ރިއްސުން އާއި ހަޖަމުކުރާ ނިޒާމަށް ޖެހޭ ތަފާތު ބަލިތައްވެސް ހިމެނެ އެވެ. މިހެންވާން މެދުވެރިވަނީ ދެމަފިރިންގެ ދެމެދުގައި ޒުވާބުތައް ގިނަވެ މީހާ ސްޓްރެސްވުމާއެކު އެވެ.

މި ދިރާސާ ހެދުމަށް 40 ދެމަފިރިއަކު ބޭނުންކޮށްގެން ވަނީ ޓެސްޓުތައް ހަދާފަ އެވެ. ދިރިއުޅުމުގައި ހުރި ކަންބޮޑުވުންތަކާއި އަދި އެކަންކަން ހައްލުކުރުމަށް ދެމީހުން ކުރަނީ ކޮންކަމެއްތޯ ސުވާލުކޮށްފައިވެ އެވެ. އަދި އެ ދެމީހުން އުޅުން ހުންނަ ގޮތް ބެލުމަށް 20 މިނެޓު ވަންދެން ތަނެއްގައި ބޭތިއްބުމަށްފަހު ވީޑިއޯ ކޮށްފައިވެ އެވެ.

މި ޓެސްޓު ހެދުމުގެ ކުރިންނާއި ޓެސްޓު ހެދުމަށް ފަހުގައި ވަނީ އެމީހުންގެ ލޭގެ ޓެސްޓުތައް ހަދާފަ އެވެ. ލޭގެ ޓެސްޓުތަކުން ހާމަވިގޮތުގައި ގިނައިން ޒުވާބުކޮށް، ނުތަނަވަސްކަން މަތީގައި ދިރިއުޅެމުން އަންނަ ދެމަފިރިންނަށް "ލީކީ ގަޓް" ގެ ހާލަތު މެދުވެރިވާލެއް އަވަހެވެ.