ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ކާމިޔާބު މީގެ 10 އަހަރު ކުރިން ރާއްޖެއިން ހޯދުމަށް ފަހު އެކަން ފާހަގަ ކުރުމަށް ރާއްޖޭގެ ހުރިހާ ރަށްތަކަށް ތަށި ގެންދިޔަ އެވެ. ބ. އޭދަފުއްޓަށް، ތަށި ގެންދިޔައިރު ތައްޓަށް މަރުހަބާ ކިޔުމަށް ގޮސް ހުރި ފުރާވަރު އުމުރުގެ ކުއްޖެކެވެ. އޭރު ގައުމަށް ތަށި ހޯދައިދިން ބަތަލުންގެ ކާމިޔާބުގެ ރަމްޒުގައި ބީހިލަން ފުރުސަތު ލިބުމަކީ އޭނާއަށް ވަރަށް ހާއްސަ އުފަލެކެވެ. އެ ފުރާވަރު އުމުރުގެ ޒުވާނަކީ، މިއަދު ގައުމީ ޓީމުގެ 10 ނަންބަރު ޖޯޒީގައި ކުޅެމުންގެންދާ ހަމްޒާ މުހައްމަދު 'ހަމްޕު' އެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުން ދިޔަ ހަމްޕުއަކީ، ސްކޫލުގެ ފުޓްބޯޅަ މުބާރާތުގައި އެންމެ ވިދުންގަދަ ތަރި އެވެ. އޭރު އޭނާ ހިމެނުނު ހައުސްތަކަށް ކާމިޔާބު ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔަކީ އޭނާ އެވެ. އިންޓަ ސްކޫލް ފުޓްބޯޅަ މުބާރާތުން ފާހަގަވެ، ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް އޭނާ ނިކުތީ ނިއު ރޭޑިއަންޓްގެ ދޮރުންނެވެ.
ބ. އޭދަފުއްޓަކީ އަބަދުވެސް ގައުމީ ފުޓްބޯޅަ ޓީމަށް ފަހި ރަށެކެވެ. ރާއްޖޭގެ ނެޗުރަލް ޓެލެންޓް އެންމެ ބާރަށް އުފެދޭ އެއް ރަށަކީ އޭދަފުއްޓެވެ. ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ ކާމިޔާބު 10 އަހަރު ކުރިން ހޯދިއިރުވެސް އެ ކާމިޔާބުގައި އޭދަފުށީގެ ހިއްސާ އޮތެވެ. އޭރު ޓީމުގެ މައި ޑިފެންސާއި މިޑްފީލްޑު ލައިންގައި އޭދަފުށީގެ، މުހައްމަދު ޖަމީލް އާއި މުހައްމަދު ޝިފާން 'ކުޑައްޓޭ' އެވެ. އަލުން 10 އަހަރު ފަހުން އިއްޔެ މުބާރާތް ކާމިޔާބު ކުރިއިރުވެސް އޭދަފުށީގެ ކުޅުންތެރިންގެ ހިއްސާ އޮތެވެ. ފައިނަލުގައި އިންޑިއާ ކޮޅަށް ލަނޑު ޖެހީ، އޭދަފުށީގެ ކޮމްބިނޭޝަންއިން އުފެއްދި ހަމަލާއިންނެވެ.
ރާއްޖޭގެ ދެ ވަނަ ލަނޑު އޭދަފުށީގެ އަލީ ފާސިރު 'ސެންޓޭ' ކާމިޔާބު ކުރީ، ހަމްޕު ދިން ހިތްގައިމު ޕާހަކުންނެވެ. އެންމެ ރަނގަޅު ވަގުތުގައި، ވަރަށް ބަލާލާފައި ހަމްޕު ދިން ޕާސް ސެންޓޭ ގޯލްތެރެއަށް ވައްދާލީ އިންޑިއާގެ ކީޕަރަށްވެސް ފުރުސަތު ނުދީ އެވެ.
ހަމްޕުގެ ގައުމީ ޓީމުގެ ދަތުރު ފެށުނީ، 2014 ވަނަ އަހަރު، ރާއްޖޭގައި ބޭއްވި އޭއެފްސީ ޗެލެންޖު ކަޕުގެ ސްކޮޑުންނެވެ. ގައުމީ ޓީމުގެ އޭރުގެ ކޯޗު ކްރޮއޭޝިއާގެ ޑްރާގޯ މަމިޗް ފުރަތަމަ ނެގި ސްކޮޑުގައި ހަމްޕު އެއް ނުހިމެނެ އެވެ. ހަމްޕު ސްކޮޑަށް ނެގުމަށް މަމިޗް ނިންމީ އޭއެފްސީ ކަޕުގައި، އިންޑޮނޭޝިއާ ޕެރްސިޕޫރާ ޖަޔަޕޫރާ ދެކޮޅަށް ނިއު ރޭޑިއަންޓު ކުޅުނު މެޗު ބެލުމަށް ފަހު އެވެ. އޭގެ ފަހުން ހަމްޕު ދަނީ، ގައުމީ ޓީމުން ބަރާބަރަށް ޖާގަ ހޯދަމުންނެވެ.
މިއަހަރު ސާފް ސުޒުކީ ކަޕުގައި، ރާއްޖެއިން ކުޅުނު ހުރިހާ މެޗެއްގައި ހަމްޕު ވަނީ ފުރަތަމަ 11 ގައި ކުޅެފަ އެވެ. މުބާރާތުގައި އެންމެ ގިނައިން ޕާސް އުފެއްދި މިޑްފީލްޑަރުންގެ ތެރޭގައި އޭނާ ހިމެނެ އެވެ. އޭނާގެ އެންމެ މުހިންމު ޕާހަކަށް ވަނީ އިއްޔަ ސެންޓޭއަށް ތަނަވަސްކޮށްދިން ބޯޅަ އެވެ. އެއީ އޭނާގެ މުޅި ކެރިއަރުގައިވެސް އުފެއްދި އެންމެ ޝަރަފުވެރި ޕާހެވެ.
އޭރު އުމުރުން 13 އަހަރުގައި ފުރާވަރު އުމުރު ގުނަމުން ދިޔަ ޒުވާނާ މިއަދު ތަށީގައި ބިހިލީ އެ ކާމިޔާބުގައި އޭނާގެ ބޮޑު ހިއްސާއެއް އޮވެގެންނެވެ. މާދަމާ ގައުމީ ޓީމަށް ކުޅެން އުންމީދު ކުރާ މިއަދުގެ ކުޑަކުދިންނަށް ހަމްޕުގެ ވާހަކައިން ގިނަ ފިލާވަޅުތަކެއް ނެގޭނެ އެވެ. އެދުވަހު ޝަރަފުވެރި ތައްޓަށް މަރުހަބާ ކިޔަން އޭނާ އައިސް ހުއްޓެވެ. މިއަދު އެ ތަށި ރާއްޖެއަށް ހޯދައިދިނުމުން އޭނާއަށް މަރުހަބާ ކިޔަން މުޅި ގައުމު އޮތީ ތައްޔާރަށެވެ.
އިއްޔެގެ ކާމިޔާބަށް ފަހު ހަމްޕު އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައި ވަނީ މީހެންނެވެ.
"އަހަރެން ދެކެމުން އައި އެއް ހުވަފެން މިއަދު ހަގީގަތަކަށް ވެގެން މިދިޔައީ،" ހަމްޕު ބުންޏެވެ.
"ގައުމީ ޓީމަށް ކުޅުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް، ހުރިހާ ސަޕޯޓަރުންނަށާއި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރަން، އިންޝާﷲ އިތުރު ކާމިޔާބަށް އުންމީދު ކުރަން."