ދުނިޔެ

ވަޅިހަރައި ޒަހަމްކޮށްލި ކެންޑިޑޭޓުގެ މަގުބޫލުކަން އިތުރުވަނީ

Sep 16, 2018

ރިއޯ ޑިޖެނޭރޯ (ސެޕްޓެމްބަރު 15) - މިދިޔަ ހަފްތާގައި ބޭއްވި ކެމްޕެއިން ހަފްލާއެއްގެ ތެރެއިން، ވަޅިން ހަމާލާދީ ޒަހަމްކޮށްލި ބްރެޒިލްގެ ރިޔާސީ ކެންޑިޑޭޓު ޖައިރު ބަލްސޮނާރޯއަށް އޮތް ތާއީދު އިތުރުވަމުންދާކަމަށް އެ ގައުމުގައި ނެގި އޮޕީނިއަން ޕޯލަކުން ދައްކައިފި އެވެ.

އެ ހަމާލާގައި ޖައިރު ހަށިގަނޑުގެ 40 ޕަސަންޓު ލޭ މަދުވެފައިވާކަމަށާއި، ބަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ. ނަމަވެސް، އޭނާގެ ހާލު މިހާރު ރަނގަޅުކަމަށް އާއިލާ އިން ބުނެފައިވެ އެވެ.

ބްރެޒިލްގެ އެންމެ ބޮޑު ނޫހުން ކުރިއަށް ގެންދިޔަ ޕޯލަކުން ދައްކާ ގޮތުން، ހަމަލާގެ ފަހުން ޖައިރަށް އޮތް ތާއީދު ވަނީ ދެ ޕަސަންޓު އިތުރުވެފަ އެވެ.

ޖައިރުގެ ހާލުކޮޅު ރަނގަޅު ނަމަވެސް، އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން ކެމްޕެއިން ކުރިއަށް ގެންދަން ނުކުމެވަޑައިނުގެންނެވޭނެ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ.

އަންނަ މަހު ބޭއްވޭ އިންތިހާބުގައި ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ދަ ސިލްވާއަށް ވާދަނުކުރެއްވޭތީ ޖައިރަށް އޮތް ފުރުސަތު ވަރަށް ބޮޑުކަމަށް ދާދި ފަހުން ނެގި ޕޯލަކުން ވަނީ ދައްކާފަ އެވެ.

ލޫލާއަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އޭނާއަށް އިންތިހާބުގައި ވާދަކުރެއްވޭނެ މަގު އޮތީ ބަންދުވެފަ އެވެ.

ޖައިރަށް ހަމާލާދިން މީހާއަކީ ލޫލާގެ ސަޕޯޓަރެއް ކަމަށާއި، ސޯޝަލް މީޑިއާގައި ޖައިރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންދާ މީހެއްކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.