ސާފް ސުޒުކީ ކަޕް

އިންޑިއާ އަތުން ދެވަނަ ފައިނަލުން ބަލިނުވުމުގެ އަޒުމުއޮތް

ތިން އަހަރު ކުރިން އިންޑިއާގައި ބޭއްވި، ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަށް އަފްގާނިސްތާން، ގެންގޮސްދިނީ ރާއްޖޭގެ ގައުމީ ޓީމުގެ މިހާރުގެ ކޯޗް ޕީޓާ ޝެގަޓް އެވެ.

ގުރޫޕް ސްޓޭޖުގައި 4-1 އިން ރާއްޖެ ބަލި ކުރެވުމުން އޭނާއަށް ބޮޑު އިތުބާރެއް ލިބިގެންދިޔަ އެވެ. ސެމީ ފައިނަލުގައި ސްރީލަންކާ ބަލި ކުރުމަށް ފަހު ފައިނަލަށް ދިއުމުން މުބާރާތް ކާމިޔާބު ކުރުމުގެ ވާހަކަ އޭނާ ދައްކަން ފެށި އެވެ. ފައިނަލުގައި އަފްގާނިސްތާން ބަލިވީ އިންޑިއާ އަތުންނެވެ.

މިދިޔަ އަހަރާ ހަމަޔަށް އަފްގާނިސްތާންގެ ކޯޗު ކަމުގައި ހުރުމަށް ފަހު، މިއަހަރު އޭނާ ހަވާލުވީ ރާއްޖޭގެ ކޯޗު ކަމާއެވެ. ރާއްޖޭގައިވެސް އޭނާގެ ފުރަތަމަ މުބާރާތަކީ، ސާފް ޗެމްޕިއަޝިޕެވެ. އޭގެ ކުރިން ބޭއްވި މުބާރާތުގައި އޭނާއަށް ނާކާމިޔާބުވި މުބާރާތެވެ. މިފަހަރުވެސް ފައިނަލުގައި ޖެހުނީ އިންޑިއާ އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބަށް ފަހު، ރޭ އޭނާ ބުނީ އިންޑިއާ އަތުން ފައިނަލުގައި ބަލިނުވުމުގެ އަޒުމު އޭނާގެ އޮތް ކަމަށެވެ.

"ތެދެއް ތިބުނިހެން މިދިޔަ ފަހަރު އަހަރެން ހުރީ އަފްގާނިސްތާންގެ ކޯޗު ކަމުގައި އޭރު ފައިނަލުގައި އަހަރެން ބަލިވީ އިންޑިއާ އަތުން، މިފަހަރު ފައިނަލަށް ނިކުތް އިރު އަހަރެންގެ ހިތައްވެސް އެރި މިއީ އިންޑިއާ ދެކޮޅަށް ނިކުންނަ ދެ ވަނަ ފައިނަލޭ،" ޝެގަޓް ބުންޏެވެ.

"އެކަމަކު މިއީ އަހަރެންގެ އެކަންޏެއް ނޫން، މީގެ ކުރިން ރާއްޖެ ފައިނަލުގައި ކުޅުނީވެސް ހަމަ އިންޑިއާ ދެކޮޅަށް އެފަހަރު ރާއްޖެ ބަލިވީ އެހެންވީމަ މިއީ ރާއްޖޭގެވެސް އިންޑިއާ ދެކޮޅަށް ނިކުންނަ ފައިނަލު."

"މިފަހަރު ކުޅުންތެރިންގެ ބުރަ މަސައްކަތާއެކު ރާއްޖެއަށް އިންޑިއާގެ މައްޗަށް ކާމިޔާބު ހޯދިއްޖެ، އަދި އަހަރެން ދެކެނީ މިއީ އަފުގާނިސްތާނަށްވެސް ވަރަށް ހާއްސަ ފައިނަލެއް ކަމަށް، އަފްގާނިސްތާންގެ ސަޕޯޓަރުންވެސް އަހަރެމެންނަށް މަރުހަބާ ކިޔާފައި ހުރި."

ޝެގަޓް ބުނީ، ކާމިޔާބުގެ ހުރިހާ ޝުކުރެއް ހައްގު ވަނީ، ޓީމުގެ ކުޅުންތެރިންނަށް ކަމަށާއި އެ ކުޅުންތެރިން ވަރަށް ގިނަ ދުވަސްވަންދެން ވަރަށް ބުރަކޮށް މަސައްކަތް ކޮށްފި ކަމަށެވެ.

"މި ހުރިހާ ކްރެޑިޓެއް ހައްގު ވަނީ ކުޅުންތެރިންނަށް، އެ ކުޅުންތެރިންނަށް އާއިލާއާ ދުރުގައި 45 ދުވަސް ހޭދަ ކޮށްފި ވަރަށް ބޮޑު ގުރުބާނީއެއް މި ކުޅުންތެރިން ވެއްޖެ، މިއީ ރާއްޖޭގެ ރައްޔިތުންނަށްޓަކައި އެ ކުޅުންތެރިން ހޯދައިދިން ކާމިޔާބެއް،" ޝެގަޓް ބުންޏެވެ.

"އަހަރެމެންގެ ކޯޗިން ޓީމުވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރި، ފައިނަލަށް ދިޔަ ހިސާބުން އަހަރެމެން [ކޯޗިން ޓީމު] ރަނގަޅަށް ނުވެސް ނިދަން، ރޭގަނޑު ދެގަޑިއިރު ނިދާލާފަ ދެން މުޅިން އަހަރެމެން ހޭލާތިބެގެން މަސައްކަތް ކުރީ، އިންޑިއާ ކުޅުނު މެޗުގެ ވީޑިއޯތައް ބަލައި އަހަރެމެން މަސައްކަތް ކުރީ، ކޮން ޓެކްޓިކްސްއެއްތޯ އަހަރެމެންނަށް ބޭނުން ކުރެވޭނީ ކޮންމެ ދުވަހަކު 18 ގަޑިއިރު ވަންދެން އަހަރެމެން އެކަމަށް މަސައްކަތް ކުރިން."

ގައުމީ ޓީމަށް ދެން އެންމެ އަވަހަށް އޮތް މެޗަކީ ނޮވެމްބަރު މަހު، މެލޭޝިއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ކުރިން ގައުމީ ޓީމުތަކުގެ ކޯޗުންނާއި ޓެކްނިކަލް ޑައިރެކްޓަރުންނަށް ބާއްވާ ފީފާގެ ކޮންފަރެންސެއްގައި ބައިވެރިވުމަށް އޭނާ އިނގިރޭސި ވިލާތަށް ދާނެ ކަމަށް ޝެގަޓް ބުންޏެވެ.