ކްރިސްޓިއާނާ ރޮނާލްޑޯ

ޔުވެންޓަސްގައި ލަނޑު ޖަހަން ރޮނާލްޑޯ ތައްޔާރު ވެއްޖެ

މި ސީޒަންގައި ޔުވެންޓަސްއަށް ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯއަށް މި ސީޒަންގައި އަދި ލަނޑެއް ނުޖެހެ އެވެ. އޭނާއަށް ލަނޑު ނުޖެހޭތީ ފާޑު ކިޔުންތައް ވަނީ ވަރަށް ބޮޑަށް އަމާޒު ވެފަ އެވެ.

ނިމިދިޔަ އިންޓަނޭޝަނަލް ބްރޭކުގައި، ޕޯޗްގަލްގެ ގައުމީ ޓީމުގައި ރޮނާލްޑޯ ނުހިމެނުމަށް އޭނާ ވަނީ، ކޯޗް ފެނާންޑޯ ސަންޓޯސްގެ ކިބައިން އެދިފަ އެވެ. އެއީ ބުންވަރު ހިފެހެއްޓުމަށް ރޮނާލްޑޯ އެޅި ފިޔަވަޅެއް ކަމަށް އިޓަލީގެ މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

އިޓާލިީ ލީގުގައި މިއަދު ޔުވެންޓަސް ނިކުންނާނީ ސަސުއޯލާ އާ ދެކޮޅަށެވެ. އެ މެޗުން ރޮނާލްޑޯގެ ލަނޑު ޖެހުމުގެ ސޮފުހާ ހުޅުވުމަށް އޭނާ ވަނީ އޭނާ އަމިއްލައަށްވެސް ޕްރެކްޓިސް ކޮށްފަ އެވެ.

ފުޓްބޯލް އިޓާލިއާއިން ބުނީ ރޮނާލްޑޯއަށް ލަނޑުޖަހަން ފުރުސަތު ތަނަވަސް ކުރެވޭނެ ގޮތަށް ޓީމުގެ ގޭމް ބައްޓަން ކުރުމަށް ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ސަމާލުކަން ދޭނެ ކަމަށެވެ.

ރޮނާލްޑޯ ލަނޑެއް ނުޖެހުނު ނަމަވެސް އޭނާ ވަނީ ލަނޑު ޖަހަން ދެފަހަރު ފުރުސަތު ތަނަވަސް ކޮށްދީފަ އެވެ.