އެޕަލް ކުންފުނިން އެމީހުންގެ އާ އައިފޯނުތައް ތައާރަފުކުރީ މިދިޔަ ބުދަ ދުވަހު އެވެ. އެޕަލްއިން ވަނީ މުޅިން އާ ތިން އައިފޯނެއް ބާޒާރަށް ނެރެ ދައްކާލައިފަ އެވެ. އެއީ އައިފޯން ޓެން އެސް އާއި އައިފޯން ޓެން މެކްސް އަދި އައިފޯން ޓެން އާރް އެވެ. މި ފޯނުތަކުގެ އަގާއި ބާޒާރަށް ނިކުންނާނެ ތާރީހުވެސް ވަނީ އިއުލާނުކޮށްފަ އެވެ.
އާ ފޯނުތައް އިއުލާނުކުރުމާއެކު އެޕަލްއިން ވަނީ އެމީހުންގެ ކުރީގެ ހަތަރު ފޯނެއް ވެބްސައިޓުން ނަގާފަ އެވެ. އެއީ އައިފޯން ސިކްސް، އައިފޯން ސިކްސް އެސް، އައިފޯން އެސް އީ އަދި އައިފޯން ޓެން އެވެ. ވެބްސައިޓު މެދުވެރިކޮށް އެ ފޯނުތައް ވިއްކުން މިހާރު އެމީހުން ވަނީ ހުއްޓާލާފަ އެވެ.
އައިފޯން ސިކްސް އެސް ފޯނުތައް ވެބްސައިޓް މެދުވެރިކޮށް ވިއްކުން ހުއްޓާލަފާނެ ކަމަށް މީގެ ކުރިން ހީކުރެވުނު ނަމަވެސް، އައިފޯން އެސް އީ އާއި އައިފޯން ޓެން ފޯނުތައް ވެބްސައިޓް މެދުވެރިކޮށް ވިއްކުން ހުއްޓާލުންވީ ހައިރާންކުރަނިވި ކަމަކަށެވެ.
އެއީ އައިފޯން އެސް އީ އަކީ ކަސްޓަމަރުންގެ މެދުގައި މަގުބޫލު ފޯނަކަށްވެފައި ވަރަށް އަގުހެޔޮކޮށް ވިއްކަމުން އައި ފޯނަކަށްވުމުންނެވެ. އަދި މިދިޔަ އަހަރު އެ ފޯނުގެ ސްޓޯރޭޖު ބޮޑުކުރުމަށްފަހު އެޕަލްއިން ވަނީ އާ ފޯނެއްވެސް ތައާރަފުކޮށްފަ އެވެ. އެ ފޯނު ވިއްކަމުން އައީ 350 ޑޮލަރަށެވެ.
އައިފޯން ޓެން އަކީ މިދިޔަ އަހަރު ތައާރަފުކުރި ފޯނަކަށްވެފައި އެހާއި އަވަހަށް ވެބްސައިޓް މެދުވެރިކޮށް ވިއްކުން ހުއްޓާލުން މިއީ އަދި އާ ކަމެކެވެ. އަލަށް ތައާރަފުކުރާ ފޯނެއް އަހަރެއްގެ ތެރޭގައި އެޕަލްގެ ވެބްސައިޓް މެދުވެރިކޮށް ވިއްކުން މީގެ ކުރިން ހުއްޓާލާފައެއް ނުވެ އެވެ.
އައިފޯން ޓެން އަކީވެސް ބޮޑު ތަރުހީބެއް ލިބުނު، ވިޔަފާރީ ރަނގަޅު ފޯނެކެވެ. އެކަމަކު މިފަހަރު އަލަށް ތައާރަފުކުރި އައިފޯން ޓެން އެސްގެ އަގު އުޅެނީ ހަމަ އައިފޯން ޓެންއާއި އެއް އަގެއްގަ އެވެ. އެއީ 999 ޑޮލަރެވެ. އެކަމަކު އާ ފޯނުގައި ޓެންއަށް ވުރެ ފޯނުގެ ފީޗާތައް ރަނގަޅުވެފައި މޮޅެވެ.
މި ފޯނުތައް ވިއްކުން ހުއްޓާލުމާއެކު އެޕަލްގެ ވެބްސައިޓުން ދެން ހެޑްފޯން ޖެކް ހުންނަ އެއްވެސް އައިފޯނެއް ނުވިއްކާނެ އެވެ. ހެޑްފޯން ޖެކް ނުލާއި އައިފޯނު ނެރެން ފެށީ 2016 ވަނަ އަހަރު އެވެ. އެއީ އައިފޯން ސެވަން އިން ފަށައިގެންނެވެ. އެ ފޯނުތަކުގައި ބޭނުންކުރަނީ ވަޔަލެސް ހެޑްސެޓެކެވެ.