ހަބަރު

ރީނދޫ ކުލަޔާ ބެހޭގޮތުން އެއްވެސް ހަދީސެއް ނެތް: ހުސައިން ރަޝީދު

ރީނދޫ ކުލަޔާ ބެހޭ ގޮތުން ދީނުގެ އެއްވެސް ހިސާބެއްގައި އެއްވެސް ހަދީސެއް އައިސްފައިނުވާ ކަމަށް ޝައިހް ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ފަރާތްތަކުން ޅ. ނައިފަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝައިޙް ހުސައިން ރަޝީދު ވިދާޅުވީ، ބައެއް ޝައިޙުން ބައެއް ހަދީސްތައް ނުބައިކޮށް ލިޔުއްވަމުންދާ ކަމަށާއި، ރީނދޫ ކުލައަކީ ހަރާން ކުލައެއް ކަމަށް ވިދާޅުވަމުން ގެންދާ ކަމަށެވެ.

ކީރިތި ރަސުލާ ވަނީ ރީނދޫ ކުލަ ލާނީ ކާފަރުން ކަމަށް ވިދާޅުވެފައި ކަމަށް ބައެއް ބޭފުޅުން ވިދާޅުވާ ކަމަށާއި، އެހެން ނަމަވެސް އެއީ ބުހުތާނު ދޮގެއް ކަމަށް ޝައިޙް ވިދާޅުވި އެވެ. ޝައިޙް ވިދާޅުވީ، ރީނދޫ ކުލައާއި ބެހޭ ގޮތުން އިސްލާމްދީނުގެ އެއްވެސް ހިސާބެއްގައި އެއްވެސް ހަދީސެއް އައިސްފައިނުވާ ކަމަށެވެ.

ޝައިޙް ވިދާޅުވީ މަނާކޮށްފައިވަނީ، "މުއަސްފަރު" ކިޔާ ފަތްޕިލާ ވެއްޔަކުން ކުލަ ޖައްސައިގެން އޭގެން މީރުވަސް ދުއްވައިގެން، ހައްޖަށް އުމުރާއަށް ދާ ދިއުން، ކަމަށެވެ. އަދި އެއީ ކާފަރުންގެ ދުވަސްވަރު އެމީހުން ހައްޖަށް އުމުރާއަށް ދިޔަ އިރު ކޮށް އުޅުނު ކަމެއް ކަމަށްވެސް ޝައިޙް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން "މުއަސްފަރު" އަކީ ރީނދުލެއް ނޫން ކަމަށާއި "އަސްފަރު" އަކީ ރީނދޫ ކަމަށާއި، ރީނދޫ ކުލައަކީ ހަރާން ކުލައެއް ނޫން ކަަމަށް ޝައިހް ވަނީ ވިދާޅުވެފައެވެ. އަދި އެންމެ ބަރަކާތްތެރި ކުލައަކީ ހުދު ކުލަ ކަމަށް އިލްމު ވެރިން ވިދާޅުވާ ކަމަށްވެސް ޝައީހް ހުސައިން ރަޝީދު ވަނީ ވިދާޅުވެފައެވެ.