ބޮލީވުޑް

ސްތުރީއަށް ވެސް 100 ކްރޯޑްގެ ޝަރަފު

މި އަހަރު ނިކުތް ބޮލީވުޑްގެ ގިނަ ފިލްމުތައް ކާމިޔާބެވެ. މިހާތަނަށް އަށް ފިލްމެއް ވަނީ 100 ކްރޯޑު ކުލަބަށް ވަދެފަ އެވެ. ރާޖްކުމާރް ރާއޯ އާއި ޝްރައްދާ ކަޕޫރް ލީޑުން ފެނިގެންދާ ކޮމެޑީ ހޮރޯ ފިލްމު "ސްތުރީ" ވެސް މިހާރު ވަނީ ބޮކްސް އޮފީހުގައި 100 ކްރޯޑުގެ އާމްދަނީއެއް ހޯދައި މި ކުލަބުގެ ނުވަ ވަނަ ޖާގަ ހޯދާފަ އެވެ.

މި ފިލްމަށް ކްރިޓިކުންނާއި ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބުނެވެ. ސިނަމާތަކުގައި މި ފިލްމު ދައްކަން ފެށީ މިދިޔަ މަހު 31 ގަ އެވެ. މި ފިލްމަށް 100 ކްރޯޑު މި ލިބުނީ އެންމެ 15 ދުވަހުގެ ތެރޭގަ އެވެ.

އަމަރް ކައުޝިކް ޑައިރެކްޓުކުރި މި ފިލްމަކީ އިންޑިއާގެ ކަނައްޑާގައި 1990 ގެ އަހަރުތަކުގައި އުޅުނު ކަމަށް ބުނާ ފުރޭތައެއް ކަމުގައިވާ "ނަލޭ ބާ" ގެ ހާދިސާއަށް ތައްޔާރުކުރި ފިލްމެކެވެ. މި ފުރޭތަ ކުރާކަމަކީ ގޭގޭގެ ދޮރުގައި ޓަކިޖަހާއި ދޮރު ހުޅުވުމުން، އެ ހުޅުވާ މީހާ ގެންދަނީ އެވެ.

މި އަހަރު 100 ކްރޯޑު ހޯދި އިތުރު ފިލްމުތަކުގެ ތެރޭގައި "ރާޒީ"، "ބާގީ 2"، "ޕަދްމާވަތު"، "ސަންޖޫ"، "ސޯނޫ ކޭ ޓިއްޓޫ ކީ ސްވިޓީ"، "ރެއިޑް"، "ރޭސް 3" އަދި "ގޯލްޑް" ހިމެނެ އެވެ.