ޓީވީ ސީރީޒް

ބާރުތީ އާއި ހަރްޝު، ބިގް ބޮސްއަށް ނުދޭ

ރިއަލިޓީ ޓީވީ ޝޯ "ބިގް ބޮސް" ގެ 12 ވަނަ ސީޒަން ރޭގައި ފެށިއިރު، އެންމެ ގިނަ ބަޔަކު އިންތިޒާރުކޮށްގެން ތިބީ މަޝްހޫރު ކޮމެޑިއަން ބާރުތީ ސިންހު އާއި އޭނާގެ ފިރިމީހާ ހަރްޝު ލިމްބަޗިޔާ ދެކިލުމަށެވެ. އެކަމަކު އެ ދެމީހުން އެ ޝޯއަށް ގޮސްފައެއް ނުވެ އެވެ.

މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި ބާރުތީ އާއި ހަރްޝު އެ ޝޯގައި ބައިވެރިއެއް ނުވާނެ އެވެ.

ބާރުތީ އާއި ހަރްޝު ބައިވެރިވާނެ ކަމަށް ބުނީ އާ ސީޒަން ރަސްމީކޮށް ލޯންޗުކުރުމަށް މިދިޔަ ހަފްތާގައި އިންޑިއާގެ ގޯއާގައި ބޭއްވި ހަފްލާއެއްގަ އެވެ. އެ ދެމީހުން އެ ހަފްލާގައި ބައިވެރިވި އެވެ. އެ ހަފްލާގައި ވަނީ މި ސީޒަންގައި ބައިވެރިވާ މީހުންގެ ނަންތައްވެސް އިއުލާނުކޮށްފަ އެވެ. ބިގް ބޮސް ފެށުމުގެ ބައިވެރިންގެ ނަންތައް ހާމަކުރި އަދި މިއީ ފުރަތަމަ ފަހަރެވެ.

ލޯންޗިން ހަފްލާގައި މި ޝޯގެ ހޮސްޓް ސަލްމާން ޚާން، ބާރުތީ އާއި ހަރްޝު ތައާރަފުކުރީ މި ސީޒަންގެ ސެލެބްރިޓީ ޖޯޑެއްގެ ގޮތުގަ އެވެ. ނަމަވެސް އެއީ އެ ޝޯ ގެނެސްދޭ ފަރާތުން، ބެލުންތެރިން އެ ޝޯއަށް ކުރަމުންދާ އިންތިޒާރު ބޮޑުކޮށްލުމަށް ކުރި ކަމެއް ކަމަށްވެ އެވެ. އެކަން ކުރީ އެ ދެމީހުންނަށް އުޖޫރަ ދީގެން ކަމަށްވެސްވެ އެވެ.

މި އަހަރު ބިގް ބޮސްގައި ބައިވެރިވި މީހުންނަކީ ދިޕިކާ ކައްކަރު، ނޭހާ ޕޭންޑްސޭ، ޝްރިޝްޓީ ރޯޑް، އަނޫޕް ޖަލޯޓާ، ކަރަންވީރް ބޮހްރާ، ޝްރީޝްނާތު، ދީޕަކް ޓާކުރް، ރޮމިލް ޗައުދަރީ، ނިރްމިލާ ސިންހު، އެސް ސްރީސްނާތު، ޖަސްލީން މާތަރު، ސޯރަބް ޕަޓޭލް، ޝިވާހިޝް މިޝްރާ، އުރްވަޝީ ވާނީ، ސަބާ ޚާން، ސޯމީ ޚާން، ކްރިތީ ވަރްމާ އަދި ސުރްބީ ރަނާ އެވެ.