ބޮލީވުޑް

ބިގް ބޮސް 14: ސަލްމާން ކުޑަ ކުއްޖެއްހެން ރޮނީ ކީއްވެ؟

ބިގް ބޮސް 14ގެ އާ ޕްރޮމޯގައި ސަލްމާން ހާން ކުޑަ ކުއްޖެއްހެން ރޯތަން ފެނުމުން އޭނާގެ ފޭނުންނަށް ޝޮކެއް ލިބިއްޖެ އެވެ. ސަލްމާނަށް ރޮވުނީ "ވީކްއެންޑް ކާ ވާރް" އެޕިސޯޑުގައި ބިގް ބޮސްގެ ގެއިން އެ ހަފުތާގައި ނުކުންނަން ޖެހޭ ބައިވެރިޔާގެ ނަން އިއުލާން ކުރި ވަގުތު އެވެ. މި ހަފުތާގައި މި ޝޯއަށް އަލްވަދާއު ކިޔަން ޖެހުނީ ޓީވީ ބަތަލާ ޖާސްމިން ބަސީން އަށެވެ.

ޖޭސްމިން އަކީ މި ޝޯގެ ހޯސްޓް ސަލްމާންގެ އެންމެ ފޭވަރިޓެކެވެ. ސަލްމާން އަބަދުވެސް ޖޭސްމިން އަށް ރަނގަޅަށް ގަދަރުވެރިކޮށް އުޅުމަށް ނަސޭހަތް ދެމުން ގެންދިޔަ އެވެ. ޖާސްމިން އަކީ ޗެނަލް ތަމްސީލުކުރާ ބައިވެރިއެއް ކަމަށާއި ވީމާ ޗެނަލުގެ އަގު ހިފަހައްޓަން މަސައްކަތް ކުރަން ސަލްމާން އަބަދުވެސް ޖޭސްމިން ކައިރި ބުނަމުން ދިޔަ އެވެ.

އާދިއްތަ ދުވަހު ދައްކާ އެޕިސޯޑުގެ ޕްރޮމޯ މިހާރު ދައްކަން ފަށާފައިވާއިރު ބިގް ބޮސްގެ ގޭގައި ތިބި ޝޯގެ ބައިވެރިންގެ ތެރެއިން އެގެއިން ނުކުންނަން ޖެހޭ ބައިވެރިންގެ ގޮތުގައި ތިބީ ޖޭސްމިން އާއި އަބިނެވް ޝުކްލާ އެވެ. ސަލްމާން މާ ބޮޑަށް ދެރަ ވެގެން ރޮވުނީ އެހެންވެ އެވެ.

ޝޯގެ ބައިވެރިއަކަށްޓަކައި ސަލްމާން ކަރުނަ އަޅާތަން ފެނިފައި ފޭނުން ބުނީ ހަމަ އަސްލުވެސް ބޮޑު ޝޮކެއް ލިބުނު ކަމަކަށް މިކަން ވެއްޖެ ކަމަށެވެ. ވަރަށް ގިނަ ބަޔަކު ޓުވިޓާގައި ކުރި ކޮމެންޓުތަކުގައި ބުނެފައި ވަނީ ކެމެރާ ކުރިމަތީގައި ސަލްމާން މި ގޮތަށް ރޯތަން އެމީހުން މީގެ ކުރިން ދުވަހަކު ވެސް ދެކެފައި ނުވާ ކަމަށެވެ. އަދި ޖޭސްމިން ދާތީ ސަލްމާން އެހާ ވަރަށް ރޯތީ ވެސް ބައެއް މީހުން ސުވާލު އުފެއްދި އެވެ. އަނެއްބަޔަކު ބުނީ ސަލްމާން ރޯތަން ފެނުމުން އޭނާއަކީ ކިހާ ހިތްބަލި އިންސާނެއް ކަން ހާމަވެއްޖެ ކަމަށެވެ.

ޝޯ އިން ވަކިވާން ޖެހެނީ ޖޭސްމިން ކަން އިއުލާން ކުރި ވަގުތު ސަލްމާން އަސްލުވެސް ރުއި ކަމަށާއި އެއީ ފޭކެއް ނޫން ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.

ޖޭސްމީން ޝޯ އަށް އަލްވަދާއު ކިޔުމަށް ފަހު މިހާރު ބިގް ބޮސްގެ ގޭގައި ތިބީ ނުވަ ބައިވެރިންނެވެ. އެއީ އަލީ ގޯނީ، ރޫބީކާ ދިލައިކް، އަބިނެވް ޝުކްލާ، ރާކީ ސާވަންތު، ވިކާސް ގުޕްތާ، އަރްޝީ ޚާން، ރާހޫލް ވައިދްޔާ، ސޮނާލީ ޕޯގަޓް އަދި އީޖާޒް ޚާނެވެ.

ޖާސްމީން ނުކުންނަ އެޕިސޯޑް އާދިއްތަ ދުވަހުގެ ރޭ ދައްކަން ހަމަޖެހިފައިވާއިރު މި އެޕިސޯޑުގެ ޕްރޮމޯ ބަލާފައި ފޭނުން މިހާރު ބުނަނީ ސަލްމާން ރުއީ ޖޭސްމިން ދާތީތޯ ނުވަތަ އެހެން ސަބަބަކާ ހުރެތޯ އެނގޭނީ ޝޯ ބަލާފަ ކަމަށެވެ.