ޓީވީ ސީރީޒް

ސަލްމާންގެ އަނތްބެއްގެ ގޮތުގައި ބާރްތީ

މިހާރު ކުރިއަށްދާ ރިއަލިޓީ ޓީވީ ޝޯ ބިގް ބޮސްގެ 12 ވަނަ ސީޒަންގައި ބައިވެރިއެއްގެ ގޮތުގައި ކޮމެޑިއަން ބާރްތީ ސިންހު އަންނަ ވާހަކަދެކެވުނެވެ. އާ ސީޒަން ލޯންޗުކުރުމަށް ބޭއްވި ހަފްލާގައިވެސް އޭނާ ބައިވެރިވި އެވެ. ނަމަވެސް ސީޒަން ޕްރިމިއާކުރި ދުވަހު ބައިވެރިންގެ ގޮތުގައި އޭނާ ފެނިގެން ނުދިޔަ އެވެ.

ބައެއް ރިޕޯޓުތައް ބުނި ގޮތުގައި އޭނާ އާ ސީޒަން ލޯންޗުކުރުމަށް ބޭއްވި ހަފްލާގައި ބައިވެރިވީ ޝޯ ޕްރޮމޯޓުކުރުމަށް އެކަންޏެވެ. އަދި އެހެން ބައެއް ރިޕޯޓުތައް ބުނި ގޮތުގައި ބާރްތީއަށް ޑެންގޫ ޖެހިގެން ބައިވެރިއެއްގެ ގޮތުގައި ޝޯއަށް ނުދެވުނީ އެވެ.

ބައިވެރިއެއްގެ ގޮތުގައި ފެނިގެން ނުދިޔަ ނަމަވެސް މި ސީޒަންގައި ބާރްތީ ފެންނާނެ އެވެ. ބިގް ބޮސްގެ ސްޕިޝަލް ވީކެންޑް ސެގްމެންޓަށް ހޮސްޓެއްގެ ގޮތުގައި ބާރްތީ ވަރަށް އަވަހަށް ބައިވެރިވާނެ އެވެ. ބާރްތީ ދާނީ ސަލްމާންގެ "ސިއްރު" އަނބީގެ ގޮތުގައި ކަމަށްވެ އެވެ.

އެންމެން ހެއްވާލަން ބާރްތީ އަންނާނީ ސަލްމާންގެ ނުވަ ކުދިންވެސް ގޮވައިގެން ކަމަށްވެ އެވެ. އެ ނުވަ ކުދިން ރަމްޒުކޮށްދޭނީ ސަލްމާން ހޮސްޓުކޮށްދިން އެ ޝޯގެ ނުވަ ސީޒަން އެވެ. ބިގް ބޮސްގެ ގެއަށް ވަދެ މި ސީޒަންގެ ބައިވެރިންނާއިވެސް ބާރްތީ ބައްދަލުކުރާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.