ސާފް ސުޒުކީ ކަޕުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބިދާނެ ކަމަށް ހީ ނުކުރާ ކަމަށް، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ރާއްޖޭގެ ގޯލްކީޕަރު މުހައްމަދު ފައިސަލް ބުނެފި އެވެ.
މިދިޔަ އަހަރު، އެފްއޭއެމްގެ މީޑިއާއަށް ދީފައިވާ އިންޓަވިއުގައި ފައިސަލް ބުނެފައި ވަނީ، އޭނާ އެންމެ ދެކެން ބޭނުންވާ ދުވަހަކީ، އޭނާ ގޯލްގައި ހުރެގެން ރާއްޖޭގެ ގައުމީ ޓީމަށް ތައްޓެއް ހޯދައިދޭ ދުވަސް ކަމަށެވެ. ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ހޯދައިދިނުމަށްޓަކައި ފައިސަލް ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބާއެކު އޭނާ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވެގެން ދިޔައީ އެވެ.
މުބާރާތުގެ ކާމިޔާބަށް ފަހު 'އަވަސް' އަށް ދިން އިންޓަވިއުގައި ފައިސަލް ބުނީ، މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ. ވިސްނީ އަމިއްލަ އެވޯޑަކަށް ނޫން ކަމަށާއި ޓީމަށް ކާމިޔާބު ހޯދަން ކަމަށް އޭނާ ބުންޏެވެ.
"އަލްހަމްދުﷲ، މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބުނީމަ ހިތައްއެރީ ފުޓްބޯޅަ ހަޔާތުގައި މިއަށްވުރެ ބޮޑު ކާމިޔާބެއް ދެން ނުލިބޭނެޔޭ،" އދ. ފެންފުއްޓަން އުފަން ކީޕަރު ކިޔައިދިނެވެ. "މި އެވޯޑް ހޯދުމަކީވެސް އެހާ ފަސޭހަ ކަމެއް ނޫން."
ސާފް ޗެމްޕިއަންޝިޕްގައި އޭނާ ކުޅުނު ހުރިހާ މެޗެއްގައިވެސް އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ދެކުނު ހުވަފެނެއް ހަގީގަތަކަށްވީ އެވެ.
"ފުޓްބޯޅަ ލައިފުގައި ލިބުނު އެންމެ ބޮޑު ކާމިޔާބު، މިއަށްވުރެ އުފާވެރި ދުވަހެއް ފުޓްބޯޅަ ލައިފުގައި ނާދޭ،" އޭނާ ބުންޏެވެ. "އަބަދުވެސް ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް މިވީ."
ގައުމީ ޓީމުގެ ކޯޗް، ޕީޓާ ޝެގަޓް ބުނީ، ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދަށް ފަހު، ރާއްޖޭގެ ފުޓްބޯޅައިގައި އުފެދުނު އެންމެ މޮޅު ކީޕަރަކީ ފައިސަލް ކަމަށެވެ.
ރާއްޖޭގެ ގޭމް ބައްޓަން ކޮށްފައިވާ ގޮތުން ރާއްޖެއިން ކުޅުނީ ގޯލް ކީޕަރާއި ޑިފެންސާ ދެމެދު ބޮޑު ޖާގައެއް ދީގެންނެވެ. ޝެގަޓް ބުނީ އެގޮތަށް ހަދަނީ ފައިސަލްއާ މެދު ބޮޑު އިތުބާރެއް އޮންނާތީ ކަމަށެވެ.