ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވެ، ޔުވެންޓަސްގައި ލަނޑު ނުޖެހުމުން ވަރަށް ބޮޑަށް ހާސްކަން ކަުރިމަތިވި ކަމަށާއި ނަމަވެސް އެ ހާލަތުން އަރައި ގަނެއްވިއްޖެ ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.
އިޓާލިއަން ލީގްގައި، ސަސުއޯލާ ދެކޮޅަށް ކުޅުނު މެޗުގައި ޔުވެންޓަސް މެޗުން މޮޅުކޮށްދިން ދެ ލަނޑު ކާމިޔާބު ކުރީ، ރޮނާލްޑޯ އެވެ. މެޗު ޔުވެންޓަސް ކާމިޔާބު ކުރީ 2-1 ންނެވެ.
މެޗަށް ފަހު ސްކައި ސްޕޯޓްސް އިޓާލިއާ ދިން އިންޓަވިއުގައި ރޮނާލްޑޯ ބުނީ، ފުރަތަމަ ލަނޑު ޖަހަން އޭނާ ހުރީ ވަރަށް ބޮޑަށް ކެތްމަދު ވެފައި ކަމަށާއި އެކަން ހާސިލު ވުމުގައި އޭނާގެ ޓީމުގެ ކުޅުންތެރިން މުހިންމު ހިއްސާއެއްވި ކަމަށެވެ.
މެޗުގެ ވަގުތުން ބަލާނަމަ ފުރަތަމަ ލަނޑު ޖެހުމާ ދެމެދު ރޮނާލްޑޯ ވަނީ 320 މިނެޓް ހޭދަ ކޮށްފަ އެވެ. ލަނޑު ޖެހުމުގެ ކުރިން މެޗުތަކުގައި 28 ހަމަލާއެއް ގޯލަށް ފޮނުވާލި އެވެ.
"މިއީ ފުޓްބޯޅަ، އެންމެ މުހިންމު ކަމަކީ ޓީމު މޮޅުވުން، ހަމަޔަގީނުންވެސް އަހަރެން ހުރީ ވަރަށް ބޮޑަށް ހާސް ކަމުގެ ތެރޭގައި، އެއީ އަހަރެން ރެއާލް މެޑްރިޑް ދޫކޮށް ޔުވެންޓަސްއަށް ބަދަލުވުމާއެކު އެ ދެކުވުނު ވާހަކަތަކާ ގުޅިގެންގެންނާއި ޔުވެންޓަސްގައި ލަނޑު ނުޖެހުމުން،" ރޮނާލްޑޯ ބުންޏެވެ. "އެހެންވީމަ އަހަރެން މިތަނަށް އައީމަ ވަރަށް ގިނަ އުންމީދު ތަކެއް ހުރި، ނަމަވެސް އެ ހުރިހާ ހާލަތެއްގައި އަހަރެންގެ ޓީމުގެ ކުޅުންތެރިން ހުރިހާ ވަގުތެއްގައިވެސް އަހަންނަށް އެހީވި."
"އަހަންނަށް އެނގޭ އަހަރެން މަސައްކަތް ކުރަމުން މިދަނީ ރަނގަޅު މިސްރާބެއްގައި ކަން، އެކަމަށް ވަގުތު ތަކެއް ނަގާނެ، އަހަރެން މިދަނީ އިޓާލީގެ ފުޓްބޯޅައަށް މަޑުމަޑުން ހޭނެމުން."
ޔުވެންޓަސްގެ ކޯޗް މެސިމިލިއާނޯ އެލެގްރީ ބުނީ، ކުރިން ތިން މެޗުގައިވެސް ލަނޑު ޖެހުމާ ވަރަށް ގާތަށް ރޮނާލްޑޯ ދިޔަ ކަމަށާއި ސަސުއޯލާ އާ ދެކޮޅަށް ކުޅުނު މެޗުގައިވެސް އޭނާ ހުރީ ލަނޑު ޖެހުމަށް ވަރަށް ބޮޑަށް ކެތްމަދު ވެފައި ކަމަށެވެ.
މެޗުގައި، ޔުވެންޓަސްގެ ޑަގުލަސް ކޯސްޓާއަށް ވަނީ ދެ ވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާފަ އެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ސަސުއޯލާ ފެޑްރިކޯ ފްރެންޗިސްކޯގެ މޫނު މަތީގައި އޮޅަބަށިން ޖެހުމުންނެވެ. އޭނާއަށް ރީނދޫ ކާޑު ދެއްކީ މެޗުގެ އެންމެ ފަހު މިނެޓްގަ އެވެ.
މެޗުގައި ސަސުއޯލާ ހަމައެކަނި ލަނޑު ކާމިޔާބު ކުރީ ކޯމާ ބަކްބާ އެވެ.